ގަލޮޅު މުތީގެ އިން ވައްކަން ކުރަން އުޅުނު ޒުވާނަކު، އެގޭގެ ފަސް ވަނަ ބުރިން ވެއްޓި، ސީރިއަސް އަނިޔާ ތަކެއް ލިބުމާއި ގުޅިގެން ފަރުވާދޭން ފެށިތާ ދޮޅު ގަޑިއެއްހާއިރުގެ ތެރޭގައި މަރުވެއްޖެ އެވެ.
ފުލުހުން ބުނީ މި ޙާދިސާ ހިނގާފައި ވަނީ މިރޭ މެންދަމު 1:44 ހާއިރު ގ. މުތީގޭގެ ފަސް ވަނަ ބުރިން ޒުވާނަކު ވައްކަން ކޮށްގެން އުޅޭކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން ފުލުހުން އެ ސަރަޙައްދަށް ދަތުރު ކުރަމުން ގެންދަނިކޮށް ކަމަށެވެ.
މި ޙާދިސާގައި ގ. މުތީގޭގެ ފަސްވަނަ ފަންގި ފިލައިން ވެއްޓި މަރުވެފައި ވަނީ ޢުމުރުން 29 އަހަރުގެ މީހެއް ކަމަށާއި، އޭނާ މަރުވީ ވެއްޓިގެން ލިބުނު ބޮޑެތި އަނިޔާ ތަކަށް އޭނާ އަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް މަޢުލޫމާތު ލިބެއެވެ.
މި ޙާދިސާ އާއި ގުޅޭގޮތުން ފުލުހުން ބުނީ އޭނާއަކީ އެގެއަށް ވައްކަން ކުރަން ވަން މީހެއް ކަމަށް ބެލެވޭ ކަމަށާއި އޭނާ ވެއްޓި ޒަޚަމް ވެފައި ވަނީ ވައްކަން ކުރަން އުޅެނިކޮށް އެކަން ފަޅާ އެރުމުން، އެގޭގެ ފަސް ވަނަ ބުރީގެ ބެލްކަންޏަށް ނުކުމެ، ފިލަން އުޅުމުގެ ތެރޭގައި ކަމަށް ބެލެވޭ ކަމަށެވެ.
މުތީގޭގެ ފަސް ވަނަ ބުރިން ވެއްޓުނު ޒުވާނާ މަތިން ވެއްޓި މަގުމަތީގައި އަޅާފައިވާ ގާތަކުގައި ބޯ ޖެހުމާއި ގުޅިގެން އޭނާގެ ބޮލާއި އަނގަޔާއި ނޭފަތުން ގިނަ ޢަދަދެއްގެ ލޭ ފައިބާފައި ވެއެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ އާންމުންގެ ބަޔަކު އޭނާގެ ބޮލުގައި ފޮތިގަނޑެއް އައްސައިގެން ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...