ޝެއިޚް ފަރީދު އަށް ދަރުސް ދިނުމަށް ލިބުނު ބައެއް ދަތުރުތަކަށް ހުރަސްއެޅުނުކަމަށް ޝެއިޚް ފަރީދުގެ ވަކީލް ބުނެފިއެވެ.
ސިވިލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ޝެއިޚު ފަރީދުގެ ވަކީލު މުހައްމަދު ޝާނީޒު އަބްދުﷲ ދައުވާ ހުށަހެޅުއްވުމުން ވިދާޅުވީ "ދީނީނަސޭހަތް ދިނުމަށް އެކިރަށްތަކަށް ދިޔުމަށް ފަރީދު އަށް ލިބުނު ބައެއް ދަތުރުތަކަށް ވެސް އެކަމުގެ ސަބަބުން ހުރަސްއެޅިފައިވާ"ކަމަށެވެ. އަދި "އިބްރާހީމް ފައުޒީ މީޑިއާތަކަށް ދެއްވި އިންޓަވިއުގެ ސަބަބުން ޝެއިޚު ފަރީދު އާއި އިސްލާމިކް ފައުންޑޭޝަންގެ ކުރީގެ ނާއިބް ރައީސް މުހައްމަދު ފައުޒީ އެ ދެ ބޭފުޅުންގެ އާއިލާއާއި ރައްޓެހީންގެ ކުރިމަތީގައި ލަދުވެތިވެފައިވާ" ކަމަށް ވެސް ދައުވާ އިއްވަމުން އެ ގާނޫނީ ވަކީލު ޝާނީޒު ކޯޓުގައި މިއަދު ވިދާޅުވި އެވެ.
އިސްލާމިކް ފައުންޑޭޝަންގެ ރައީސް އިބްރާހީމް ފައުޒީގެ މައްޗަށް ޝެއިޚު ފަރީދު އަބުރުގެ ދައުވާ ކުރައްވާފައި ވަނީ ޝެއިޚް ފަރީދުގެ ބޮލުގައި ދޮގު ތުހުމަތުތަކެއް އަޅުވައި މީޑިއާތަކަށް އިބްރާހީމް ފައުޒީ އިންޓަވިއު ދެއްވާފައިވާ ކަމަށް ވިދާޅުވެ އެވެ.
އިސްލާމިކް ފައުންޑޭޝަންގެ ރައީސް އިބްރާހީމް ފައުޒީ ޝެއިޚް ފަރީދުގެ އަބުރާއި ބެހިއްޖެ ކަމަށް ކަނޑައަޅައި އަބުރާއި ބެހުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ 3،045،000ރ. ނަގައިދިނުމަށް ކޯޓުން ވަނީ އެދިފައެވެ. ދައުވާގައި އެދިފައިވަނީ އަބުރުގެ ބަދަލެއްގެ ގޮތުގައި ހުށައަޅާ ފައިސާގެ އިތުރުން މީޑިއާ މެދުވެރިކޮށް އިބްރާހިމް ފައުޒީ ވިދިވިދިގެން 3 ދުވަހު މަޢާފަށް އެދެން އަމުރު ކޮށްދިނުމަށެވެ.
މިއަދު ސިވިލް ކޯޓުގައި ފުރަތަމަ ފަހަރަށް އޮތް އަޑު އެހުމުގައި ދައުވާ ހުށައެޅުމުން ފައުޒީގެ ވަކީލް ބުނެފައިވަނީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ނަގައިދިނުމަށް އެދިފައި ވަނީ ފައިސާގެ ބޮޑު އަދަދެއް ކަމަށާއި އެހެންކަމުން ދައުވާ އަށް ޖަވާބުދާރީވުމަށް 15 ދުވަހުގެ ފުރުސަތަކަށް އެދޭކަމަށެވެ. އެގޮތުން ގާޒީ ވަނީ 15 ދުވަހުގެ ފުރުސަތެއް ދީފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...