އިސްލާމްދީނުގެ ބާރުވެރިކަން ވަޒަން ކުރެވޭނަމަ އެކަން ހޯދަން މަސައްކަތް ކުރީސްކަމަށް އައްޝެއިޚް ނިމާލް ވިދާޅުވެއްޖެއެވެ.
ޖަމްޢިއްޔަތުއްސަލަފުގެ "ހަފްތާ ނަޞޭޙަތް" ގެ 37 ވަނަ ޢަދަދުގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް ނިމާލް މުޙައްމަދު ވިދާޅުވީ، "އިސްލާމްދީނުގެ ސަބަބުން މުސްލިމުންނަށް ލިބިގެންދިޔަ ޢިއްޒަތްތެރިކަމާއި ބާރުވެރިކަން އަޅުގަނޑުމެންނަށް ވަޒަން ކުރެވޭނަމަ އަޅުގަނޑުމެންގެ މިއަދުގެ މުޖުތަމަޢުތަކުގެ އެންމެހައި އަފްރާދުންވެސް އިސްލާމްދީނުގެ ސަބަބުން ޢިއްޒަތްތެރިކަމާއި ބާރުވެރިކަން ހޯދަން މަސައްކަތް ކުރީސް"ކަމަށެވެ.
"އިސްލާމް ދީނުގެ ސަބަބުން ޢިއްޒަތް ލިބިގަތުން" މި މައުޟޫއުގެ މައްޗަށް ވާހަކަ ދައްކަވަމުން ޝެއިޚް ވިދާޅުވީ އިތުރަށް ވިދާޅުވީ "އިސްލާމީ އުއްމަތުގެ ފުރަތަމަކޮޅުގައި ސަހަރާތަކުގައި އުޅުނު ޢަރަބީންތަކެއް ރޫމީންގެ މައްޗަށް ގަދަ ހޯދީ ﷲ ސުބުޙާނަހޫ ޥަތަޢާލާ އިންސާނިއްޔަތަށްޓަކައި ބާވައިލެއްވި އިސްލާމްދީނުގެ ޢިއްޒަތުން ޢިއްޒަތް ލިބިގަނެގެންކަމަށާއި އެކަން ﷲ ސުބުޙާނަހޫ ޥަތަޢާލާ ކީރިތި ޤުރްއާނުގައިވަނީ ބަޔާންކުރައްވާފައި"ކަމަށެވެ. އަދި "އިސްލާމީ ތާރީޚަށް ބަލާލައިފިކަމުގައިވާނަމަ ފެނިގެން އެބަދޭ. މުސްލިމުންނަށް ކިހާބޮޑު ނަޞްރަކާއި ކާމިޔާބީއެއްތޯ ކުޑަ ދުވަސްކޮޅެއްގެތެރޭގައި ލިބިގެންދިޔައީ. އެއީ ހަމަ ހަގީގަތުގައިވެސް އެބައިމީހުން އިސްލާމްދީނުގެ ސަބަބުން ޢިއްޒަތް ލިބިގަނެގެން. އިސްލާމްދީނަކީ ޢިއްޒަތްތެރިކަމުގެ ދީންކަން އެބައިމީހުން ޤަބޫލު ކޮށްގެން" ކަމަށް ޝެއިޚް ނިމާލް ވިދާޅުވިއެވެ.
"ހަފްތާ ނަޞޭޙަތް" އަކީ ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ކޮންމެ ބުރާސްފަތި ދުވަހެއްގައި އެ ޖަމްޢިއްޔާގެ ވެބްސައިޓުގައި ޝާއިޢުކުރަމުންގެންދާ ވީޑިއޯ ސީލްސިލާއެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...