ރާއްޖޭގެ ޚަބަރު

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް މަދީނާ އިސްލާމިކް ޔުނިވާސިޓީގެ ރައީސާ ބައްދަލުކުރައްވައިފި

މަދީނާ ޔުނިވަރސިޓީގެ ރައީސް ޕްރޮފެސަރ މުޙައްމަދު އަލްޢުޤްލާ (ކ) މިނިސްޓަރ ޝައިޚް ޝަހީމް (ވ)

މަދީނާ ޔުނިވަރސިޓީގެ ރައީސް ޕްރޮފެސަރ މުޙައްމަދު އަލްޢުޤްލާ (ކ) މިނިސްޓަރ ޝައިޚް ޝަހީމް (ވ)

ދިވެހިރާއްޖޭގެ ޙައްޖު މިޝަންގެ ވަފްދުގެ އިސްވެރިއެއްގެ ގޮތުން ސަޢޫދީޢަރަބިއްޔާއަށް ވަޑައިގެންނެވި މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ފަޟީލަތުއްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މަދީނާގެ އިސްލާމިކް ޔުނިވާސިޓީގެ ރައީސް ޕްރޮފެސަރ ޑރ. މުޙައްމަދު ބުނު ޢަލީ އަލްޢުޤްލާ އާއި ބައްދަލުކުރައްވައިފިއެވެ.

އިއްޔެ  މެންދުރު 12:00 ގައި މި ބައްދަލުވުން އޮތީ އިސްލާމިކް ޔުނިވާސިޓީގެ ރައީސްގެ އޮފީހުގައެވެ. މި ބައްދަލުވުމުގައި ރައީސްގެ އިތުރުން ޔުނިވާސިޓީގެ ހުރިހާ ފެކަލްޓީތަކާއި އޮފީސްތަކުގެ ޢަމީދުންނާއި ސަޢޫދީ ޢަރަބިއްޔާގައި ހުންނަ ދިވެހި އެމްބަސީގެ މުސްތަޝާރާއި އަދި ޢަދާލަތުޕާޓީގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އައްޝައިޚް މުޙައްމަދު ޝަހީމް ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ދީނީ ޙާލަތާއި، އަދި ދީނީ ހޭލުންތެރިކަން އިތުރު ކުރެއްވުމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީއިން ކުރައްވަމުންގެންދަވާ މަސައްކަތްތައް، އިސްލާމިކް ޔުނިވާސިޓީގެ އިސްވެރިންނާ ޙިއްސާކުރެއްވިއެވެ. އަދި އިސްލާމިކް ޔުނިވާސިޓީ އިން އިސްލާމްދީނުގެ ޞައްޙަ ތަޢުލީމު ފެތުރުމަށް ކުރައްވާ މަސައްކަތަށްޓަކައި ސުޢޫދީ ސަރުކާރަށާއި ޔުނިވާސިޓީގެ ވެރިންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އިތުރު ފެކަލްޓީތަކުން ދިވެހި ކުދިންނަށް ފުރުޞަތު ދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ދިވެހި ރާއްޖެއަށް ވަޑައިގެންނެވުމަށް މިނިސްޓަރ ވަނީ ޔުނިވަރސިޓީގެ ރައީސަށް ދަޢުވަތު ދެއްވާފައެވެ.

ޔުނިވާސިޓީގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އައްޝައިޚް މުޙައްމަދު ޝަހީމް އިސްލާމިކް ޔުނިވާސިޓީއަށް ޒިޔާރަތްކުރެއްވިކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު ދެންނެވިއެވެ. އިސްލާމްދީނަށްޓަކައި މިނިސްޓްރީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށްޓަކައި މިނިސްޓަރަށް ޝުކުރު ދެންނެވިއެވެ. އަދި ދިވެހި ކިޔަވާކުދިންގެ ފެންވަރު ރަނގަޅުކަމާއި ޢިލްމީ ފެކަލްޓީތަކުން ދިވެހި ކުދިންނަށް ފުރުޞަތު ދެއްވާނެކަން ވިދާޅުވިއެވެ. އަދި ދެޙަރަމްގެ އިމާމަކު ރާއްޖެ ގެންދިއުމަށްޓަކައި ޔުނިވަރސިޓީން މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަޤީކަންވެސް މިނިސްޓަރ ގެ އަރިހުގައި ވަނީ ދެއްވާފައެވެ. އަދި ޔުނިވަރސިޓީއަށް ޚާއްޞަ ޒިޔާރަތެއްކުރެއްވުމަށް ޔުނިވަރސިޓީގެ ރައީސްވަނީ މިނިސްޓަރ އަށް ދަޢުވަތު ދެއްވާފައެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް އިސްލާމިކް އެފެއާޒުން ހިންގަވާ ޕްރޮގްރާމްތަކަށް އިސްލާމިކް ޔުނިވާސިޓީގެ ފަރާތުން އެއްބާރުލުން ދެއްވިދާނެ ދާއިރާތަކާމެދު ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި ޔުނިވާސިޓީއިން ވެދެއްވެން އޮތްހާ އެހީއެއް، ހުރިހާ ދާއިރާއަކުންވެސް ވެދެއްވާނެކަމުގެ ޔަޤީންކަން ޑރ. މުޙައްމަދު އަލްޢުޤްލާ ދެއްވިއެވެ.

އިއްޔެ  ހަވީރުގެ ވަގުތެއްގައި މިނިސްޓަރ ވަނީ މަދީނާއިން މައްކާ އަށް ވަޑައިގަންނަވާފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *