ދިވެހިރާއްޖޭގެ ޙައްޖު މިޝަންގެ ވަފްދުގެ އިސްވެރިއެއްގެ ގޮތުން ސަޢޫދީޢަރަބިއްޔާއަށް ވަޑައިގެންނެވި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ފަޟީލަތުއްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މަދީނާގެ އިސްލާމިކް ޔުނިވާސިޓީގައި ކިޔަވާ ދިވެހި ކުދިންނާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުން ބޭއްވުނީ 13 އޭޕްރީލް 2012 ވީ ހުކުރު ދުވަހު މެންދުރުފަހު މަދީނާ ޔުނިވާރސިޓީގައެވެ. މި ބައްދަލުވުމަށް އިސްލާމިކް ޔުނިވާސިޓީގައި ކިޔަވާ ދިވެހި ކުދިންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުން ވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޝަހީމް ދެއްކެވި ވާހަކަފުޅުގައި، ހުރިހާ ކުދިންވެސް ކިޔެވުމުގައި ވަގުތު ހޭދަކޮށް ޢިލްމީ ކުދިންތަކަކަށް ވުމަށް ނަޞޭޙަތްތެރިވިއެވެ. އަދި ދީނީ ޢިލްމުވެރިންނާއި ދީން ކިޔަވާ ކުދިންގެ އެއްބައިވަންތަކަމުގެ މުހިއްމުކަމާއި އެކުވެރިކަމާއެކު މިނިސްޓަރީއާ އެއްބާރުލައިގެން ކުރިއަށް ވަޑައިގެންނެވުމަށް ޝަހީމް އެދިވަޑައިގެންނެވިއެވެ.
އަދި މިނިސްޓްރީން ހިންގާ ޙަރަކާތްތަކާމެދު ނުވަތަ އެހެންވެސް ކަމަކާމެދު ޚިޔާލު ހުށައެޅުއްވުމުގެ ދޮރު އަބަދުވެސް ހުޅުވިފައިވާކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅަށްފަހު، ދިވެހި ކިޔަވަކުދިންގެ ސުވާލުތަކަށް ޖަވާބުދެއްވާފައިވެއެވެ.
ކިޔަވާކުދިންނާއި ބައްދަލުކުރެއްވުމުން ކުދިންވަނީ އެކަމަށްޓަކައި މިނިސްޓަރއަށާއި ބައިވެރިވެވަޑައިގެންނެވި އެންމެހައި ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރގެ އިތުރުން ވޯރލްޑް އެސެމްބްލީ އޮފް މުސްލިމް ޔޫތް (ވަމީ) ގެ ދަޢުވާ ގޮފީގެ ރައީސް ފަޟީލަތުއްޝައިޚް ޑރ. ޢަބްދުލް މުޙްސިން އައްޒިކްރީ އާއި ޢަދާލަތުޕާޓީގެ ރައީސް ފަޟީލަތުއްޝައިޚް ޢިމްރާން ޢަބްދުﷲ އަދި ސަޢޫދީ ޢަރަބިއްޔާގައި ހުންނަ ދިވެހި އެމްބަސީގެ މުސްތަޝާރު އަލްއުސްތާޛް އާދަމް މުސާ ބައިވެރިވެވަޑައިގެންނެވިއެވެ.
ބައްދަލުވުން ނިންމަވާލެއްވީ މިނިސްޓަރގެ ފަރާތްޕުޅުން ކިޔަވާކުދިންނަށް ދެއްވި މެންދުރުގެ ފަރިއްކޮޅަށްފަހުއެވެ.

















އަލްޙަމްދު ލިއްލާހި!! މާޝާ ﷲ!! މިޤައުމުގައި އިސްލާމްދީންގެ މަތީ ތަޢުލީމް ކޮންމެ ކުއްޖަކަށްވެސް ލިބުމަށް މަގުފަހި ކުރައްވާށިއެވެ. މިނިސްޓަރާއި އަދި ރާއްޖޭގެ އިޚްލާޞްތެރި ޝޭޚުން ތިޔަ ކުރައްވާ މަސައްކަތަށް މާތް ﷲ ބަރަކާތް ލައްވާށިއެވެ. އާމީން.