ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓަރ ޑރ.ބަންދަރު ބިން މުޙައްމަދު ޙައްޖާރު ދިވެހިރާއްޖޭގެ ޙައްޖު މިޝަންގެ ވަފްދާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ މިއަދު ޖިއްދާގައި ހުންނަ ޙައްޖު މިނިސްޓްރީގެ އޮފީހުގައެވެ. ދިވެހިރާއްޖޭގެ ވަފްދުގައި އިސްވެރިއެއްގެ ގޮތުގައި ވަޑައިގެންނެވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. މިއީ ސަޢުދީގެ ޙައްޖު މިނިސްޓްރީއިން ޙައްޖު މިޝަންތަކާއި ގުޅިގެން 1433 ވަނަ އަހަރަގު ޙައްޖުގެ ކަންތައްތައް ރާވާހިންގާ އަދި ބޭނުންވާކަންކަން ދެނެގަތުމަށް ބާއްވަމުން އަންނަ ބައްދަލުވުންތަކުގެތެރެއިން ބައްދަލުވުމުކެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ދިވެހިރާއްޖޭގެ ޙައްޖުވެރިންނާއި ގުޅޭ ކަންކަން އިންތިޒާމު ކުރުމާ ގުޅޭގޮތުންނެވެ. މިގޮތުން ސަޢުދީގައި ތިބުމާއި އަދި ދަތުރުފަތުރާއި ޙައްޖާއި ގުޅޭ މަޢޫލޫމާތު ދިނުމުގެ މައްޗަށެވެ.
ޙައްޖު މިނިސްޓަރުގެ ވާހަކަފުޅުގައި ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާން ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒް އަދި ވަލީ ޢަހްދު، ޙައްޖުވެރިންނާއި ޢުމުރާވެރިންގެ ކަންތައްތައްކަށް ބަހައްޓަވާ އަހައްމިޔަތުކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. މިގޮތުން ޙައްޖުވެރިންނަށް ފަސޭހަކޮށްދިނުމަށްޓަކައި ހިންގަމުންދާ މަޝްރޫޢުތަކާއި އަދި ދެމުންގެންދާ ޚިދުމަތްތަކަށް އިޝާރާތްކުރެއްވިއެވެ.
މީގެ އިތުރުން މިނިސްޓަރުގެ ވާހަކަ ފުޅުގައި ޙައްޖަށް ދަތުރު ފެށުމުގެ ކުރިން ޙައްޖުވެރިން ޙައްޖުގެ އަޅުކަމަށް ހޭލުންތެރި ކުރުވުމާއި އަދި ޖަމްރާއަށް ހިލަ އުކުމުގެ ޤަވާޢީދުތަކާއި އިންތިޒާމުތަކަށް ފަރުވާތެރިވުމާއި އަދި އެއާރލައިންތަކާއި ހޮޓާތަކާމެދު ވެވޭ އެއްބަސްވުންތައް ނިންމުމުގެ މުހިއްމުކަމު ކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.
އިސްލާމިކް އެފެއާޒް މިނިސްޓަރުގެ ވާހަކަ ފުޅުގައި ސަޢުދީ ސަރުކާރުން ޙައްޖުވެރިންނަން ދެމުން ގެންދާ ޚިދުމަތްތަކާއި އަދި އެކަންކަން ތަރައްޤީކޮށް ކުރިއެރުވުމަށް ކުރަވައްމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރެއްވިއެވެ. މިގޮތުން ދެ ޙަރަމް ބޮޑުކުރުމަށް ކުރެވެމުންދާ މަސައްކަތާއި ޙައްޖުގެ މަޝާޢިރު ސަރަޙައްދާއި އަދި ދެ ޙަރަމް ދެމެދުގައި ޤާއިމު ކުރަމުންދާ ރެއިލްވޭގެ މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އަދި ދިވެހި ޙައްޖުވެރިންނަށް ބަހުގެ އިތުރުން ރެއިލްގެ ޚިދުމަތް ލިބޭތޯ އާއި ޙައްޖުގެ ކޯޓާ އިތުރު ކޮށްދެއްވުމަށް އެދި ދެންނެވިއެވެ.
މީގެ އިތުރުން ދިވެހިރާއްޖެއަށް ސަޢޫދީ ސަރުކާރުން ވެފައިވާ އެހީތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. މިގޮތުން އިސްލާމީ މަރުކަޒު ބިނާކުރުމަށް ވެދިން އެހީ އާއި އަދި ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާގެ ބިނާ އެޅުމަށް ވެދެއްވި އެހީ ފާހަގަ ކުރެއްވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...