ޙުކުމް ތަންފީޒު ކުރަމުންދާ ކުށްވެރިން ރިހިބިލިޓޭޓްކޮށް އަލުން މުޖުތުމައަށް އަހުލުވެރިކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ޕެރޯލް ބޯޑުގެ މެމްބަރު ޝިދާތާ ޝަރީފް މިއަދު އެ ބޯޑުން އިސްތިއުފާދެއްވައިފި އެވެ. ޝިދާތާ ޝަރީފް ޕެރޯލް ބޯޑުގައި ހިމެނިވަޑައިގަންނަވަނީ މަދަނީ ޖަމްޢިއްޔާތައް ތަމްސީލުކުރައްވާ މެމްބަރެއްގެ ގޮތައެވެ.
ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ނުވަ މެމްބަރުންގެ ބޯޑުން އިސްތިއުފާދެއްވައި ރައީސް މުހައްމަދު ނަޝީދަށް ޝިދާތާ ފޮނުއްވި ސިޓީގައި ވަނީ ކުށްވެރިންގެ ކަންކަން ސަރުކާރުން ގެންދާ ގޮތުގައި ވަރަށް ބޮޑަށް ސިޔާސީ ފިކުރު އެކުލެވިގެންވާ ކަމެވެ. އަދި ފަހަކަށް އައިސް ޕެރޯލް ޕްރޮގްރާމްގެ ކަންކަން އެންމެ އެދެވޭ ގޮތަށް ކުރިޔަށް ނުދާކަމަށެވެ.
ކެއާ ސޮސައިޓީގެ ޑިރެކްޓަރު ޝިދާތާ ވިދާޅުވީ "ޕެރޯލް ޕްރޮގްރާމަކީ މިހާރު ސަރުކާރުން މާ ބޮޑު އަހަންމިއްޔަތުކަމެއް ދޭން ބޭނުންވާ ޕްރޮގްރާމެއް ނޫން" ކަމަށާއި "ފަހަކަށް އައިސް ޕެރޯލް ޕްރޮގްރާމްގެ ކަންކަން އެންމެ އެދެވޭ ގޮތަށް ކުރިޔަށް ނުދާ" ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ޕެރޯލް ޕްރޮގްރާމަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ކުށްވެރިން ދޫކުރުމަށް "ދެވަނަ ފުރުސަތު"ގެ ނަމުގައި ޕްރޮގްރާމެއް ހިންގުމަކީ ސުވާލު އުފެދޭ ކަމެކެވެ.
"މި ފަހަކަށް އައިސް ކުށްވެރިންނާ ގުޅުން ހުރި ކަންކަން ކުރަމުން އަންނަނީ އެކަމުގައި ވަރަށް ބޮޑަށް ސިޔާސީ ފިކުރު އެކުލެވިގެންކަން ގަބޫލުކުރެވެ އެވެ. އަދި ކުރިޔަށް އޮތް ތަނުގައި ވެސް ޕެރޯލް ޕްރޮގްރާމް ހަރުދަނާކުރުމަށް މަސައްކަތްކޮށްފާނެ ކަމަކަށް ވެސް މިހާރު ކަންކަން ހިނގާ ގޮތުން ގަބޫލެއް ނުކުރެވެ އެވެ،" ޝިދާތާގެ އިސްތިއުފާގެ ސިޓީގައިވެ އެވެ. "ދައުލަތުގައި ޕެރޯލް ފަދަ ޕްރޮގްރާމެއް ގާއިމުވެ އޮތް އިރު އެހެން ނަމެއްގައި ޕްރޮގްރާމެއް އުފައްދަވައި އަދި ޕެރޯލް ޕްރޮގްރާމް ހަރުދަނާކުރުމަށް ދައުލަތުގެ ބަޖެޓްގައި ފައިސާގެ ދަތިކަމުގެ ވާހަކަ ދެއްކެވުމަށް ފަހު އެތަކެއް ފައިސާއެއް ޚަރަދުކުރައްވައި ދެވަނަ ފުރުސަތު ފަދަ ޕްރޮގްރާމެއް ގާއިމުކުރުން ވެސް އެއީ ސުވާލު އުފެދޭ ކަމެކެވެ. އަދި ދެވަނަ ފުރުސަތު ޕްރޮގްރާމް ވުޖޫދަށް އައުމާ ގުޅިގެން ޕެރޯލް ޕްރޮގްރާމް އެވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފަ އެވެ."
އޭނާ ވިދާޅުވީ ޕެރޯލް ޕްރޮގްރާމަކީ މުޖުތަމައަށް ވަރަށް ފައިދާ ހުރި ކަމެއް ކަމަށާއި ސަރުކާރުން ޕެރޯލް ބޯޑު އެކުލަވާލި އިރު ގިނަ ދާއިރާތައް ތަމްސީލުވާ ގޮތަށް ބޯޑު އެކުލަވާލާފައިވަނީ ޕްރޮގްރާމް އިތުރަށް ހަރުދަނާކޮށް ރައްޔިތުންގެ އިތުބާރު އޮންނަ ގޮތަށް ގެންދިއުމަށް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެ ބޯޑުން މަދަނީ ޖަމްއިއްޔާތަކަށް ފުރުސަތެއް ލިބުމަކީ ޖަމިއްޔާތަކަށް ލިބުނު ކުރިއެރުމެއްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ނަމަވެސް ފަހަކަށް އައިސް ޕެރޯލް ޕްރޮގްރާމް ހަރުދަނާކުރުމަށް ސަރުކާރުން ފިޔަވަޅު އަޅާ ތަނެއް ނުފެންނަ ކަމަށާއި ޕެރޯލް ބޯޑުގެ މެމްބަރުން މަޝްވަރާކޮށް ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާ ކަންކަމާ މެދު އެއްވެސް ފަރާތަކުން ރިއާޔަތްކޮށް އަމަލުކޮށްފައި ނުވާ ކަމަށް ޝިދާތާ ވިދާޅުވި އެވެ.
ޕެރޯލް ގަވާއިދުގައިވާ ގޮތުން ޕެރޯލް ބޯޑްގެ މެމްބަރަކު އިސްތިއުފާ އަށް އެދި ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހެޅުމުން އެ މެމްބަރަކު ބޯޑުން ވަކިވީ އެވެ.
މިހާތަނަށްވެސް ޝިދާތާ އަންނަނީ އިޖްތިމާޢީ ތަފާތު ހަރާކާތްތަކެއްގައި ބައިވެރިވެ މުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން ކެއާރ ސޮސައިޓީގައި ޑިރެކްޓަރެއްގެ ހައިސިއްޔަތުން ކުރައްވަމުން އަންނަ މަސައްކަތް ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...