
"މެދުމިނަށް ތާއީދު" ގެ ނަމުގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ : ފޮޓޯ -އެމްޑީޕީ ވެބްސައިޓް -
މިއަދު "އިސްލާމްދީނުގެ ޙިމާޔަތުގައި" މި ނަމުގައި ބަޔަކު އަޑުއުފުލުމަށް އެ ނިކުންނަނީ ރާއްޖޭގައި ހަރުކަށި ދީނީ ޙުކުމްތައް ޤާއިމުކުރުމަށް އަޑުއުފުލުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިއަދުގެ ރޭޑިއޯ ޚިޠާބުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ: "އިސްލާމްދީން ޙިމާޔަތް ކުރުމުގެ ނަމުގައި އަޑު އުފުލުމަށް ބަޔަކު މިއަދު ނުކުންނައިރު، ކުރީ ހަފްތާގައިވެސް އަޅުގަނޑު ދެންނެވި ފަދައިން، އެ ނުކުންނަނީ ރާއްޖޭގައި ހަރުކަށި ދީނީ ޙުކުމްތައް ޤާއިމް ކުރުމަށް އަޑު އުފުލުމަށް. " ކަމަށެވެ.
އެހެންނަމަވެސް ސަރުކާރުން މިކަމުގައި ދެކޭގޮތް އެތަށްފަހަރަކު ހާމަކޮށްފައިވާނެކަމަށް ވިދާޅުވެ ކުރީގެ ބަސް ތަކުރާރުކުރެއްވިއެވެ. "ސަރުކާރުން މިކަމުގައި ދެކޭގޮތް، އެކިފަހަރު މަތިން މިހާރު އަޅުގަނޑަށްވާނީ ތިޔަބޭފުޅުންނަށް ފާހަގަކޮށްދެވިފައި. ސަރުކާރަށް ފެންނަ ފެނުމުގައި، ދިވެހިން އަބަދުވެސް ޢަމަލު ކުރަމުން އައީ އަދި ދިރިއުޅެމުން އައީ މެދުމިނަށް ހުރި އުޞޫލުތަކެއް ގެންގުޅެމުން. " ރައީސް ވިދާޅުވިއެވެ. އަދި ހަމަ މިމޭރުމުން ވާހަކަފުޅު ދައްކަވަމުން "އިސްލާމްދީނަކީ މެދު މިނުގެ" ދީނެއްކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން އެކަންކަމާމެދު އުޤޫބާތެއް ކަނޑައެޅުމަށް އެއްވެސް ބަޔަކު ގޮވާފައިނުވާ ކަންކަން ފާހަގަ ކުރައްވާ އެއީ ބައެއްބޭފުޅުން އުޤޫބާތެއް ނޫނީ ޤާނޫނެއް އޮންނަންޖެހޭނެ ކަންކަތައްތަކެއްކަން ވިދާޅުވިއެވެ. "ބައެއް ބޭފުޅުންގެ ނަޒަރުގައި އެއީ، އެކަންކަމާ ގުޅޭގޮތުން ޢުޤޫބާތެއް ނުވަތަ ޤާނޫނެއް އޮންނާންޖެހޭ ކަންކަން. މިސާލަކަށް، މިޔުޒިކް އަޑުއެހުން، މިޔުޒިކް ކުޅުން، ސޫރަ ކުރެހުން، ސޫރަ ދެއްކުން، އަންހެންކުދިން ޚިތާނު ކުރުން، ވެކްސިން ނުޖެހުން، މިހެންގޮސް މިބާވަތުގެ ކަންތައްތަކެއް އަޅުގަނޑުމެންނަށް މިހާރު ފާހަގަވަމުން އެބައާދޭ. "
އާދެ ކޮންމެޔަކަސް "އިސްލާމްދީނުގެ ޙިމާޔަތުގެ" ނަމުގައި ދީނަށް ލޯބި ކުރާ އެތައްބަޔަކު މިއަދު ނިކުންނީ މަނިކުފާނު ތިޔަ ވިދާޅުވި މައްސަލަތަކާއިގެންނެއް ނޫނެވެ. އެހެނެއްކަމަކު މި އެއްވުން އިންތިޒާމު ކުރާފަރާތްތަކުން ވަނީ އެބޭފުޅުން ނިކުންނަން ޤަޞްދުކުރި ސަބަބުތައް ބަޔާންކުރައްވާފައެވެ. އައްޑޫސިޓީގައި ބުދު ބެހެއްޓުމާއި ސަރުކާރުގެ ދައުވަތަކަށް ޕިއްލޭ އައިސް ދީނުގެ ޙުކުމްތަކަށް ހަޖޫޖެހުމާއި، ޙައްދުތަކާއި ދެކޮޅަށް މަނިކުފާނު ވާހަކަދައްކަވާފައިވުމާއި އަދިވެސް އެތައްކަމެއް ފާހަގަ ކޮށްފައިވެއެވެ.
ސަރުކާރާއި ސަރުކާރު ނިސްބަތްވާ ޕާޓީންނާއި އަދި މާލޭ ސިޓީކައުންސިލުން ކެނޑިނޭޅި އަންނަނީ މިއަދު މިބޭއްވޭ އެއްވުމުގެ މަފްހޫމު ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކުރަމުންނެވެ. މީހުން މެރުމާއި ތަޅާފޮޅުމާއި ހަރުކަށި ޚިޔާލުތައް އަށަގެންނެވުމަށް ބާއްވާ ބައްދަލުވުމެއްކަން މިފަރާތްތަކުންވަނީ ތުހުމަތު ކޮށްފައެވެ. ނަމަވެސް މި އެއްވުމަކީ ސަރުކާރުން ހިންގަމުންދާ ބައެއް ލާދީނީ ކަންކަން ސަރުކާރަށް އަޑުއިއްވާ އެކަންކަން އިސްލާޙުކުރުމަށް ގޮވާލާ ރައްޔިތުންގެ އަޑުއުފުލުމަށް ބާއްވާ ޞުލްޙަވެރި އެއްވުމެއްކަމަށް މި އެއްވުން އިންތިޒާމުކުރާ ފަރާތްތަކުން އެތައްފަހަރަކު ވަނީ ހާމަކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...