"އިސްލާމް ދީނުގެ ޙިމާޔަތުގައި ދިވެހިން" މި ނަމުގައި 23 ޑިސެމްބަރ 2011 ވާ ހުކުރު ދުވަހު ބާއްވާ އެއްވުމަށް ހުރަސްއެޅުމުގެ ގޮތުން ސަރުކާރުން ކުރައްވާ އެންމެހައި ކަންތައްތައް ހުއްޓާލުމަށް ޢަދާލަތު ޕާޓީން ސަރުކާރަށް އިލްތިމާސްކޮށްފިއެވެ.
މި " އެއްވުމަކީ ދިވެހި ރާއްޖޭގެ ގާނޫނީއަސާސީ އިން ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ޙައްޤު ގެ ދަށުން ބޭއްވޭ ޤާނޫނީ އެއްވުމެކެވެ. މި އެއްވުމަކީ އެއްވެސް ޙާލެއްގައި ހަމަނުޖެހުން އުފައްދައި ބައެއްގެ މުދަލާއި އަދި ޖާނަށް ގެއްލުން ދިނުމަށްޓަކައި ބޭއްވޭ އެއްވުމެއް ނޫނެވެ. އަދި ސަރުކާރު ވައްޓާލައި ގައުމުގެ ހަމަޖެހުން ނަގާލުމަށް ބޭއްވޭ އެއްވުމެއްވެސް ނޫނެވެ. މިއެއްވުމުގެ މަޤްޞަދަކީ ދިވެހިން ތިބީ އިސްލާމް ދީނަށް ތަބާވެ އެދީނުގެ ޙިމާޔަތުގައިކަން ސަރުކާރަށާއި އަދި ބޭރު ދުނިޔެއަށް ދެއްކުމެވެ. މިއެއްވުމަކީ ސުލްޙަވެރި އެއްވުމެއްކަމުގައި އެއްވުން އިންތިޒާމް ކުރާ ފަރާތްތަކުން ވާނީ ތަކުރާރުކޮށް ހާމަކޮށްފައެވެ." ޢަދާލަތުޕާޓީގެ ނޫސްބަޔާނުގައި ވެއެވެ.
ސަރުކާރުން މި އެއްވުމުގެ މަޤުޞަދު އޮޅުވާލާ ދޮގު ޚަބަރުތައް ފަތުރަމުންދާކަންވެސް ޢަދާލަތުޕާޓީން ވަނީ ފާހަގަކޮށްފައެވެ. އަދި އެމްޑީޕީން މާދަމާ ރާވާފައިވާ އެއްވުން ހުއްޓާލުމަށްވެސް ޢަދާލަތުން ވަނީ އިލްތިމާސްކޮށްފައެވެ.
" ސަރުކާރުން ދަނީ މިއެއްވުމުގެ މަގުސަދު އޮޅުވާލައި މި އެއްވުމާއިމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތާއި ބިރުވެރިކަން އުފެއްދުމަށްޓަކައި ވަރަށް ގިނަ ޕްރޮޕެގެންޑާ ތަކެއް ފަތުރަމުންނެވެ. މިގޮތުން މިއެއްވުމަކީ ބޭރުގެ ގައުމަކުން ފަންޑު ލިބިގެން ހިންގާ ކަމެއްކަމުގެ ދޮގު ޚަބަރުވެސް ފަތުރާފައި ވެއެވެ. ހަމަމިފަދައިން މި އެއްވުން އޮންނަ ދުވަހު މިއެއްވުމާއި ދެކޮޅަށް އެމް.ޑީ.ޕީ އިން މުޒާހިރާކުރުމަށް ފާސްކޮށްފައިވެއެވެ. އިސްލާމް ދީނުގެ ޙައްގުގައި ބޭއްވޭ ރައްޔިތުންގެ މި ބޮޑު އެއްވުމާއި ދެކޮޅަށް ސަރުކާރާއި އަދި ސަރުކާރު ހިންގާ ޕާޓީއިން ހިންގަމުން ގެންދާ ހުރިހާ ޙަރަކާތް ތަކެއް ހުއްޓާލެއްވުމަށް ގޮވާލައި އިލްތިމާސް ކުރަމެވެ." ޢަދާލަތު ޕާޓީން ބުނެއެވެ.
ދިވެހި ރައްޔިތުންގެ އެތައްހާސް ބަޔަކު ބައިވެރިވާ މިއެއްވުމުގެ ސަލާމާތި ކަންތައް އެންމެ ޒިންމާދާރު ކޮށް ބެލެހެއްޓުމަށް ސަލާމަތީ ބާރުތަކަށް ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...