ރާއްޖޭގެ ޚަބަރު ކުއްލިއްޔާގެ އަމީދު އަލްއުސްތާޛް އިބްރާހީމް ރަޝީދު މޫސާ ސީ.އެސް.ސީ އަށް ނޭނގި އެހެން މަޤާމަކަށް!

ކުއްލިއްޔާގެ އަމީދު އަލްއުސްތާޛް އިބްރާހީމް ރަޝީދު މޫސާ ސީ.އެސް.ސީ އަށް ނޭނގި އެހެން މަޤާމަކަށް!

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އަލްއުސްތާޛް އިބްރާހީމް ރަޝީދު މޫސާ

ކުއްލިއްޔަތުއް ދިރާސަތިލް އިސްލާމިއްޔާގެ އަމީދު އަލްއުސްތާޛް އިބްރާހީމް ރަޝީދު މޫސާ އެހެން މަޤާމަކަށް ބަދަލުކޮށް އެތަން ހިންގެވުން އެޑިއުކޭޝަން މިނިސްޓްރީގެ ނާއިބް އިބްރާހީމް ރަޝީދު އާއި ވަޤުތީ ގޮތުން ޙަވާލުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނުމުން ސިވިލް ސަވިސް ކޮމިޝަން (ސީ.އެސް.ސީ) އިން އެކަން ދޮގުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓަރ ޝިފާ މުޙައްމަދާއި ޙަވާލާދީ ހަވީރު ނޫހުން ބުނެފައިވަނީ ރަޝީދު މޫސާ ޝަރަފުވެރި މަޤާމެއް ކަމުގައިވާ "ރެކްޓަރ އެމެރެޓަސް" ގެ މަޤާމަށް ބަދަލުކުރައްވާފައި ވަނީ ކުއްލިއްޔާގެ އޮނިގަނޑަށް އައި ބަދަލަކާއި ގުޅިގެން ކަމަށް ޝިފާ ވިދާޅުވެފައިވާ ކަމަށެވެ. ކުއްލިއްޔާގައި މިވަގުތުވެސް ބައިވަރު މައްސަލަ އެބަހުރި ކަމަށާއި، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެތަނާ ބެހޭ ގޮތުން ވަރަށް ގިނަ މައްސަލަތައް އެޑިއުކޭޝަނަށް ހުށަހެޅިފައިވާ ކަމަށް ޝިފާ އާއި ޙަވާލާދީ ހަވީރުން ބުނެއެވެ. އަދި ކުރިން ކޮލެޖްގެ ދަށުގައި ހުރެފައި ޔުނިވާސިޓީ އުފެދިގެން ދިއުމުން އަނެއްކާވެސް މިނިސްޓްރީގެ ދަށަށް ކުއްލިއްޔާ އައި އިރު އެތަނަށް އިތުރު ބަދަލުތައް އަންނަން ޖެހޭ ކަމަށް ޝިފާ ވިދާޅުވެފައިވެއެވެ.

ރަޝީދު މޫސާ ޝަރަފުވެރި މަޤާމަށް ބަދަލުކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނުމުން، ސިވިލް ސަވިސް ކޮމިޝަން (ސީ.އެސް.ސީ) އިން ވަނީ އެކަން ދޮގުކޮށް ބުނެފައިވަނީ ކުއްލިއްޔާގެ އެއްވެސް މަޤާމެއްގައި ހުރި އެއްވެސް ބޭފުޅެއްގެ މަޤާމަށް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ. އަދި އެގޮތަށް މިނިސްޓްރީ އަށް މަޤާމް ބަދަލު ނުކުރެވޭނެ ކަމަށާއި، މަޤާމް ބަދަލުކުރެވޭނީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ސީ.އެސް.ސީ އަށް އެކަން ހުށަހަޅައިގެން ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އިބްރާހީމް ރަޝީދު މޫސާ އާއި ޙަވާލާދީ ހަވީރު ނޫހުން ބުނެފައިވަނީ އޭނާގެ މަޤާމް ބަދަލުކުރިކަން މިހާތަނަށް ސީ.އެސް.ސީ އިން އަންގާފައި ނުވާ ކަމަށާއި، ބަދަލުވި ކަމުގެ ޗިޓެއް ވެސް ފޮނުވާފައި ނުވާ ކަމަށް އޭނާ ވިދާޅުވެފައިވާ ކަމަށެވެ.

ދިއިސްލާމަށް އިތުބާރު ހުރި ގޮތެއްގައި މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިބްރާހީމް ރަޝީދު މޫސާ ކުއްލިއްޔާގެ ހިންގެވުމުން ދުރުކޮށް އެހެން މަޤާމަކަށް އެޑިއުކޭޝަން މިނިސްޓްރީން ބަދަލުކުރީ އެ މިނިސްޓްރީގެ ޕޮލިސީ ތަންފީޛް ނުކުރެއްވުމާއި، އެޑިއުކޭޝަންގެ އަމުރުތަކަށް ޢަމަލުނުކުރެއްވުމުގެ މައްސަލައިގައެވެ.

ކުއްލިޔާގައި ދިމާވެފައިވާ މައްސަލަތަކާއިމެދު އެތަނުގެ ދަރިވަރުން ވަނީ 13 މާޗް 2011 ގައި ނޫސް ކޮންފަރެންސެއް ވެސް ބާއްވާފައެވެ. އެ ކޮންފަރެންސްގައި ބައިވެރިވި ކުއްލިއްޔާގެ ކުރީގެ އަމީދުގެ ނައިބު އަލްއުސްތާޛު ޢަބްދުލް މުޢީދު ޙަސަން ވިދާޅުވެފައިވަނީ އިބްރާހިމް ރަޝީދު މުސާ ކުއްލިއްޔާ ހިންގަވާ ގޮތުން ދަރިވަރުން އިސްލާމް ދީނާ މެދު ނަފްރަތު އުފެދިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށެވެ. އަދި ރަޝީދު މުސާ ޢަމަލްކުރައްވާ ގޮތުން ބައެއް ދަރިވަރުންނަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށާއި އެބޭފުޅާގެ ޢަމަލްތަކާމެދު ކަންބޮޑުވުން ފާޅުކުރާ ދަރިވަރުންނާ މެދު ފިޔަވަޅުއަޅައި ބައެއް އިމްތިހާންތަކުން އެ ދަރިވަރުން ފެއިލްކޮށްފައިވާ ކަމަށެވެ.

ޓެގް

އަރަބި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.