ރިޕޯޓް

ރޭޕް އަދި ޒިނޭ: ބޮޑުވެގެންވާ ދެ ފާފަ

ކޮންމެ އަންހެނަކީވެސް ކޮންމެވެސް މީހެއްގެ މަންމައެކެވެ. ނުވަތަ ދައްތައެކެވެ. ނުވަތަ ކޮއްކޮއެކެވެ. އެފަދަ ފަރާތެއްދެކެ އެއަންހެނެއްގެ ލެއިން ގުޅިފައިވާ ކޮންމެ މީހަކުވެސް އިންތިހާއަށް ލޯބިވާނެއެވެ. އަޅާލާނެއެވެ. އަދި ހޭހަންކުރާނެއެވެ. މިއީ މުޅި އިންސާނިއްޔަތު އެއަށް ހެކިވާނެ އަސާސީ ބުނުމެކެވެ. ހަމައެގޮތަށް ކޮންމެ އަނިޔާއަކީ ތަދު އިޙްސާސް ވާނެކަމެކެވެ. ނާޒުކު ގުނަވަންތަކަށްދޭ އަނިޔާގެ ވޭނާއި އިޙްސާސް ބޮޑުވެގެންދާނެއެވެ. ހަމަމިމޭރުމުގައި އިންސާނީ ގޮތުން ލިބިދޭ އަނިޔާއަކީވެސް ތަދު ފިލައިގެންނުދާނެފަދަ ބޮޑު އަނިޔާއެއް ކަމުގައިވެސް ބުނަންޖެހެއެވެ.

އާދެ! ދައްކަން މިއުޅެނީ ދިވެހި ފަސްގަނޑުގައި އަޅުގަނޑުމެންގެ މަންމައިންނާއި ދައްތައިންނާއި ކޮއްކޮއިންގެ ޢިތްފަތްތެރިކަން ފޭރޭ ވާހަކައެވެ. އަވައްޓެރި އިންޑިއާގައި ދެމެމުންދާ މިނުބައި އޮއިވަރު ދިވެހި ކަނޑުގައިވެސް ދެމެމުންދާ ވާހަކައެވެ. ޖިންސީ ޝިކާރަތަކުގައި ހައްޔަރުވެ އަންހެންކުދިންގެ މުޅި ދިރިއުޅުން ބަރުބާދުވާ ވާހަކައެވެ. ޝަހުވާނީ ނުލަފާ މީހުންގެ ވަކިތަކުން އެކުދިންގެ ނާޒުކު ހަށިގަނޑުތައް ޒަޚަމްވާ ވާހަކައެވެ.

އަންހެންކުދިން އަދި ފިރިހެން ކުދިންނަށްވެސް މިދެންނެވި ނުބައި ނުލަފާ މީހުންގެ އުނދަގޫ ފޯރައެވެ. ގިނަފަހަރަށް މިފަދަ ގޯނާތައް ޢާންމުކޮށް ކުރަން ފަށަނީ ގެއަށް ވަދެ ހަދާ މީހުންނެވެ. ތަފާތު ކުދިކުދި ހަދިޔާތައްދީ ހަދައިގެންނެވެ. ނުވަތަ ކުދިންނަށް ބިރު ދައްކައިގެންނެވެ. އަތްލަން ނުވާ ގުނަވަން ތަކުގައި އަތްލުމަށް ދަރިފުޅު ކިތަންމެ ކުޑަކަމުގައިވިޔަސް މައިންބަފައިން ރުހިގެންނުވާނެއެވެ. އަދި ދަރިން ބޮޑެތިވަމުން އަންނައިރު އަތްލައިގެން ނުވާނެ ތަންތަން ކިޔައިދެންޖެހެއެވެ. އަދި މީހަކު އަތްލައިފިނަމަ އެވާހަކަ މަންމަ ގާތުގައި ނުވަތަ ބައްޕަ ގާތުގައި ބުނުމަށް ދަރިފުޅަށް ހިތްވަރުދޭންވާނެއެވެ. އަދި ކުއްޖަކު އެފަދަ ވާހަކައެއް ބުނެފިނަމަ އެވާހަކައެއް ސީރިއަސް ގޮތެއްގައި ބަލައިގަންނަންވާނެއެވެ. ގިނަފަހަރަށް ގެއަށް ވަދެ އުޅޭ ޒަމާންވީ އެކުވެރިއެއްވީމަ ނުވަތަ ދުރުތާ ތިމާގެ މީހެއް ވީމާ ދަރިފުޅު އެކުރާ ޝަކުވާތަކަށް ބީރު ކަންފަތެއް ދީގެން ނުވާނެއެވެ. އަދި މީހުން ކުރާ މިފަދަ ކަންކަން މެއްސެއް ފޮޅާލުން ފަދަ ކަމަކަށްވެސް ހަދައިގެންނުވާނެއެވެ.

އަންހެންކުދިންނަށް ދެން މިފަދަ ގޯނާތައް އެންމެ ބޮޑަށް ކުރަނީ އެކު އުޅޭ ނުބައި އެކުވެރިންގެ ފަރާތުންނެވެ. އެގޮތުން ހިތާމައަކީ މިއަދު ދިވެހި މުޖްތަމަޢުގައި ދެޖިންސުގެ ކުދިން އެކުގައި ދަތުރުގޮސް ތުނޑިމައްޗަށް ގޮސް އުޅުމާއި އެއްތަނެއްގައި ނިދާ ހެދުމަކީ މައްސަލައެއް ކަމަށް ގިނަ މީހުން ނުދެކޭ ކަމެވެ. ހައިރާން ވާންޖެހޭ ކަމަކީ އެކުދިންގެ މައިންބަފައިންގެވެސް ރުހުމާއެކު މިފަދަ ކަންކަން ކުރަމުންދާކަމެވެ. ނަމަވެސް މިފަދަ މައިންބަފައިންނަށް ނޭނގޭ ކަމަކީ އެމީހުންގެ އަންހެން ދަރިންނަށް ފިރިހެނުންގެ ޝަޙްވަތުގެ އުނދަގޫތައް މިދެންނެވި އެކަހެރިވުންތަކުގައި ފޯރަމުންދާކަމެވެ. ލޯބިވެގެން ރައްޓެހިވެގެން އުޅޭ ކުއްޖާވެސް އަންހެންކުއްޖާގެ ބޭނުންކުރަނީއެވެ. އަނެއްބައިފަހަރު އޭނާގެ އެކުވެރިންނަށްވެސް އެފުރުޞަތު ހޯދައިދެނީއެވެ. ދެން ފެނިގެންދަނީ ވަކި ހިސާބަކަށް ދިއުމުން ރުހުމުގައި ކުރަން ފަށާތަނެވެ. އެންމެ ބޮޑު މުޞީބާތަކީ ރޭޕްކުރުމާއި ދެކޮޅަށް އަޑުއުފުލާ މީހުންވެސް ދެމީހުން ރުހިގެން ޒިނޭކުރުމަށް ތަރުޙީބުދޭތީވެއެވެ. އަދި އެކަމަށް ރުހިގެންތިބޭތީވެއެވެ. އެގޮތުން ސާދަ ފަނަރަ އަހަރުގް ކުދިން ކައިވެނިން ބޭރުން ބަލިވެއިނުމުން ނުހަނު ހޫނު މަރުޙަބާއެއް ކިޔާ ޙަމްދަރްދީ ފާޅުކުރަމުންދާ ދިއުން މިސާލަކަށްފުދެއެވެ. ދަންނަންޖެހެނީ ދެކަމަކަކީވެސް ﷲ ތަޢާލާ ޙަރާމްކުރައްވާފައިވާ ބޮޑުދެފާފަކަމެވެ. އެއަށް ދީނުގައިވާ އެންމެ ބޮޑެތި ޢުޤޫބާތްތައް ކަނޑައެޅިފައިވާ އުރެދުމެއްކަމެވެ.

ރޭޕްގެ ޝިކާރައަކަށް އަންހެން ކުދިން މިޒަމާނުގައި ހުށަހެޅިގެންދާ އެންމެ ބޮޑު އެއް ވަޞީލަތަކީ މީސް މީޑިއާގެ ތަފާތު ވަޞީލަތްތަކެވެ. އެގޮތުން ވިހައިގެން ފޫޅު ނުކެނޑޭ ކުއްޖާއަށްވެސް މިއަދު އޮންނަނީ ސްމާޓް ފޯނެއް ގަނެދީފައެވެ. ފޭސްބުކާއި އިންސްޓާގްރާމް އަދި ޓްވިޓާގައި އެކައުންޓްތައް ހުޅުވައިދީފައެވެ. އަންހެނުންގެ މިނިވަންކަމުގެ ނަމުގައި އެބައިމީހުންގެ ވަނާތައް ފާޅުކޮށް ގޮތްގޮތައް ތިބެ ނަގާފައިވާ ފޮޓޯތަކުގެ ޒަރިއްޔާއިން ވަޙުށީ ފިރިހެނުންނަށް ނުސީދާގޮތެއްގައި އެދެވެނީ ނުބައި ދަޢުވެތެކެވެ. ހަމައެހެންމެ ބަރުހަނާ މަންޒަރުތައް ޢާންމުކޮށް މޮޅެތި ދަޅަ ދައްކާ ފިރިހެނުންގެ ޗެޓް ލޮގްތަކުގައި ޒުވާން ކުދިން ބަނދިވެ އޮރިޔާންވަނީވެސް މަދެއްކޮށެއްނޫނެވެ. އެފަދަ ފޮޓޯތަކާއިއެކު މި ޖިންސުއްލަޠީފުން ވެއްޓިގެންދަނީ ބްލެކްމެއިލްގެ އަނދަވަޅަކަށެވެ. އޭގެ ފަހުގައި އަންހެންކުއްޖާގެ ޢިއްފަތްތެރިކަމަކީ އެފަދަ ފިރިހެނުންނާއި އޭނާގެ އެކުވެރިންގެ ތަރިކަ މުދަލަކަށްވެގެންދެއެވެ. އެމީހުން ހިތުހުރި ވަޤުތަކު ހިތުހުރި ގޮތަކަށް އެއަންހެންކުއްޖާގެ ހަށިގަނޑުގެ ބޭނުން ކުރަމުންދެއެވެ. މައިންބަފައިނަށް މިފަދަ ކަންކަން ރޭކައިލަނީ އެތަކެއް ޒަމާނެއް ފަހުންނެވެ.

އާދެ! ދެން އޮތީ އަންހެންކުދިންނާއި ފޮށޭ ވާހަކައެވެ. ނުފޮށޭ ކިޔާ ހޭޝްޓެގްތައް ވައިގަ ހިފާ މިކެމްޕެއިންގައި އެތައެ އުޚްތުންނެއް ދަނީ ބައިވެރިވަމުންނެވެ. ކޮންމެ ކަހަލަ ހެދުމެއް ލިއަސް ތިމަންނާއާ ފޮށިގެންނުވާނެއޭ ގޮވާ އަޑުތައް ދިވެހި އިޖްތިމާޢީ ޖައްވުގައިވަނީ ފަތުއަޑު ކިޔާވަރަށް ގަދަވެފައެވެ. އާދެ! ވަރަށްވެސް ބޮޑު ތެދެކެވެ. ކޮންމެ ކަހަލަ ހެދުމެއް ލިއަސް ފޮށިގެންނުވާނެއެވެ. ބެހިގެންވެސް ނުވާނެއެވެ. އަދި ކިއެއްތަ! އަންހެންކުއްޖަކާ ދިމާއަށް ހިލޭ ފިރިހެނަކު ބެލުންވެސް މަނާކުރައްވާ ﷲ ތަޢާލާވަނީ އެކަނބަލުންނަށް ރައްކާތެރިކަން ދެއްވާފައެވެ. އެކަމަކު އަދި މިވަރަކުން ނިމުނީކީއެއްނޫނެވެ. ފޮށޭމީހުންގެ ފޮށުންތަކުން ރައްކާތެރިވުމަށް އަންހެންތަކުން އިސްލާމީ ފޭރާމުން ޙިޖާބް އެޅުމަށްވެސް ޢަމުރުކުރެއްވެވި ކުރެއްވުމަށްވެސް ޢަމަލުކުރަންޖެހެއެވެ. އެގޮތުން މިއިލާހީ އިރުޝާދަށް ޢަމަލުކުރާ ޤައުމުތަކުގައި ރޭޕްކުރުން ކަހަލަ ކުއްތައް ހުޅަނގުގެ ޤައުމުތަކާއި އަޅާބަލާއިރު ވަރަށް ބޮޑުތަނަށް މަޑުކަން ފާހަގަކޮށްލަންޖެހެއެވެ. ވީއިރު ނުފޮށޭށޭ ބުނެ ކެމްޕެއިން ކުރާ މީހުން ފޮށުމަށް މަގުފަހިވާ ކަންކަމަށްވެސް އިންކާރުކުރުމަކީ ތިލަފަތުގައި އެންމެ ޢަދުލުވެރި ގޮތެވެ. ސިންގާތަކެއްވާ ކޮއްޓަކަށް ފުއްވާލަމުން އެމީހަކު ކައިނުލާން ގޮވުމަކީ ބުއްދީގެ ހަމަތަކުންވެސް ހަމަޖެހޭކަމެއް ނޫނެވެ.

އާދެ! ދައްކަމުން މިދަނީ މިފަސްގަނޑުގެ ނުޤަބޫލުގައި ކުރާ ރޭޕާއި ރުހި ޤަބޫލުވެގެން ކުރާ ޒިނޭގެ ފާފައިގެ ވާހަކައެވެ. ދަންނަންޖެހެނީ ކޮންމެ ބައްޕައަކީވެސް ޒިންމާވެރިއެއްކަމެވެ. ކޮންމެ މަންމައަކީވެސް ސުވާލުވެވޭނެ މީހެއްކަމެވެ. އަނިޔާވެރިންގެ ވަކިތަކުން ދަރިން ސަލާމަތްކުރުމަށް އިހަށް ވުރެ ބޮޑަށް ސަމާލުވާންޖެހޭކަމެވެ.  ދަރިން އުޅޭ ނޫޅޭ ގޮތާއި ވަދެ ނުކުމެ ހަދާ ދޮރުތަކަށް ފާރަވެރިވާންޖެހޭނެއެވެ. އެއުޅޭ މިތުރުންގެ އިތުރުން ދާނުދާ ތަންތަންވެސް ބަލަން ޖެހެއެވެ. އެދަރިންގެ މުސްތަޤްބަލް ސަލާމަތްކުރުމަށް ފާފަކުރާ ޝަހުވާނީ ފިރިހެނުންގެ ތޫނު ދަތްތަކުން އެދަރިން ސަލާމަތް ކުރަންޖެހެއެވެ. ދީނުގައިވާ އެންމެ ބޮޑެތި އަދަބުދީގެން މިފަދަ ކުއްކުރާ މީހުންނަށް އަދަބުދީ އިސްލާމީ ޝަރީޢަތުގެ ޙުދޫދުތައް ދަމަހައްޓަންޖެހެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް