ދީނީ ލިޔުންދީން

އިމާމް އަޙްމަދު (رحمه الله) މަރުގެ ސަކަރާތުގައި

ޢަބްދުﷲ ބުން އިމާމް އަޙްމަދު ވިދާޅުވެފައިވެއެވެ.

"ތިމަންކަލޭގެފާނުގެ ބައްޕާފުޅު އަވަހާރަވީއިރު ތިމަންކަލޭގެފާނު އެތާނގަ ހުންނެވީމެވެ."

އިމާމް އަޙްމަދު (رحمه الله) މަރުގެ ސަކަރާތުގައި ވީހިނދު، ހޭނެތި އަދި ހޭއަރާ މިފަދަ ޙާލަތެއްގައި ވީހިނދު، އެއްފަހަރެއްގައި އެކަލޭގެފާނު މި ވިދާޅުވަނީ:

"لا بعد لا بعد"

"ނޫނެކެވެ! އަދި އެއްނޫނެވެ! ނޫނެކެވެ! އަދި އެއްނޫނެވެ!"

އިމާމް އަޙްމަދު (رحمه الله)ގެ ދަރިކަލުން ކަންބޮޑުވެވަޑައިގެން ފަހުން އިމާމް އަޙްމަދު (رحمه الله) ހޭފުޅުއެރުމުން ކިހިނެތްވީތޯ ސުވާލު ކުރެއްވިއެވެ. އެހިނދު އިމާމް އަޙްމަދު (رحمه الله) ވިދާޅުވަނީ:

"إن الشيطان قائم بحذائي عاض على أنامله يقول: " يا أحمد فتني! يا أحمد فتني! " فكنت أقول له: "لا بعد لا بعد حتى أموت"

ޝައިޠާނާ ތިމަންކަލޭގެފާނުގެ ގާތަށް އައިސް، އޭނާގެ އިނގިލިތަކުގައި ދަތްއަޅާ ޙާލު ބުނަމުންގެންދިޔައެވެ. "އޭ އަޙްމަދެވެ! ކަލޭގެފާނު ތިމަންނާގެ އަތްދަށުން ސަލާމަތްވެގެން ގޮއްސިއެވެ." "އޭ އަޙްމަދެވެ! ކަލޭގެފާނު ތިމަންނާގެ އަތްދަށުން ސަލާމަތްވެގެން ގޮއްސިއެވެ"

އެހިނދު ތިމަންކަލޭގެފާނު ވިދާޅުވީމެވެ.

"لا بعد لا بعد حتى أموت"

"ނޫނެކެވެ! އަދި އެއްނޫނެވެ! ނޫނެކެވެ! އަދި އެއްނޫނެވެ! މަރުވެއްޖައުމަށް ދާންދެން އަދި ސަލާމަތެއް ނުވެއެވެ."

އާދެ! އެކަލޭގެފާނުގެ ޙަޔާތުގެ އެންމެ ފަހު ވަގުތުވެސް އެކަލޭގެފާނު ޝައިޠާނާއާ ކުރަމުން ގެންދިޔަ ހަނގުރާމައިގައި އެއްވެސް ވަރަކަށް ދުލެއް ނުދެއްވައެވެ. އެންމެ ފަހު ވަގުތުވެސް އެކަލޭގެފާނު ސަމާލުވެ ހުންނެވީ ޝައިޠާނާގެ ނުރައްކާތެރި ޙަމަލާތަކަށެވެ.

ޝައިޚުލް އިސްލާމް އިބްން ތައިމިއްޔާ (رحمه الله) ވިދާޅުވަނީ، މިގޮތަށް މިކަން މެދުވެރިވާން ދިމާވާ ސަބަބަކީ މިވަގުތަކީ، އިންސާނާ މަރުގެ ސަކަރާތުގައި މިވާ ވަގުތަކީ، އިންސާނާ މަގުފުރައްދަން ޝައިތާނާއަށް ލިބޭނެ އެންމެ ފަހުގެ ފުރުސަތުކަން ޝައިތާނާ ދަނެއެވެ. އެހެންކަމުން އެވަގުތު އެއީ ޝާއިޠާނާގެ ހުރިހާ ޙަމަލާތަކެއް އެންމެ ވަރުގަދައަށް އިންސާނާއަށް އަމާޒުކުރާ ވަގުތެވެ.

އާދެ! އަޅުގަނޑުމެން އަޅުގަނޑުމެންގެ ނަފްސާ ސުވާލުކޮށްލަން އެބަޖެހެއެވެ. ޝައިޠާނާގެ ޙަމަލާތައް އެންމެ ވަރުގަދައަށް އަޅުގަނޑުމެންނާ އަމާޒުނުކުރެވޭ އިރުވެސް، އަޅުގަނޑުމެން ޝައިޠާނާގެ ދަންތުރަތަކުގައި ޖެހި، ޙަމަލާތަކުގެ ޝިކާރައަކަށްވެ، ﷲ ސުބްޙާނަހޫ ވަތަޢާލާ ނަހީ ކުރެއްވި ކަންކަމަށް އަރައިގަނެ އަދި އެކަލާނގެ އަމުރުފުޅުތައް ބޮލާލާ ޖަހާ ކަމުގައިވާނަމަ، ޝައިޠާނާގެ ޙަމަލާތައް އެންމެ ވަރުގަދައަށް އަމާޒުވާހިނދު އަޅުގަނޑުމެންގެ ޙާލު ހުންނާނީ ކިހިނެއްތޯ ވިސްނާލަން އެބަޖެހެއެވެ. އެފަދަ ވަގުތެއްގައި އަޅުގަނޑުމެން ސަލާމަތްވާނެތޯ އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކާ ސުވާލުކޮށްލަން އެބަޖެހެއެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿يُثَبِّتُ اللَّهُ الَّذِينَ آمَنُوا بِالْقَوْلِ الثَّابِتِ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ﴾  [سورة ابراهيم 27]

"އީމާނުގެ އަހުލުވެރިންނަށް ދުނިޔެއާއި އަދި އާޚިރަތުގައިވެސް ﷲ ތަޢާލާ ޘާބިތުކަން ދެއްވައެވެ."

މަރުގެ ސަކަރާތުގައިވާ ވަގުތު ޘާބިތުކަމާއެކު ބަސްބުނެ، އަދި ހެޔޮ މަރަކުން މަރުވުމުގެ ތައުފީޤް ﷲ ތަޢާލާ ކޮންމެ ކޮންމެ އިންސާނަކަށް ނުދެއްވާނެއެވެ. އެ ދަތި ދަނޑިވަޅުގައި ޘާބިތުކަން ލިބޭނީ ދުނިޔެމަތީގައި ފުރިހަމައަށް އީމާންވެ އަދި ހިތުން ޤަބޫލުކުރާ ކުރުމުގެ ތެދުކަން ޘާބިތުވާ ގޮތަށް ދުނިޔެމަތީގައި ޢަމަލުކުރި މީހަކަށް އެކަންޏެވެ. މަރަށް ހާޟިރުވުމުގެ ކުރިން ﷲ ތަޢާލާ އަމުރުކުރައްވާފައިވާ ކަންތައްތައް އަދާކޮށް، އަދި ﷲ ސުބްޙާނަހޫ ވަތަޢާލާ ނަހީ ކުރެއްވި ކަންކަމުން ދުރުހެލިވެގަން މީހަކަށް އެކަންޏެވެ.

މަރުގެ ސަކަރާތުގެ ވަގުތުގައި ޝައިޠާނާގެ ޙަމަލާތައް އެންމެ ވަރުގަދަވާ ހިނދު، އަޅުގަނޑުމެން ޘާބިތުކަން ބޭނުންވާކަމުގައިވާނަމަ، އެކަމަށް އަޅުގަނޑުމެން މިހާރު ތައްޔާރުވާންވީއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *