މަރަށް މަރު ހިފުމާއި މެދު ނައިބް ރައީސުންގެ ބަސް

ޓީވީއެމާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ ގުޅިގެން ބޭއްވި ނައިބް ރައީސުންގެ ބަހުސްގައި "މަރަށް މަރު" ހިފުމާއި މެދު ސުވާލު ކުރެވިފައިވެއެވެ. އަދި ސިޔާސީ ބޭފުޅުންނަށް މިސުވާލު ވެފައިވަނީ ވަރަށް ބުރަ، އަޅައިގަންނަ ސުވާލަކަށެވެ. އިސްލާމީ ޝަރީއަތުގައި 'މަރަށް މަރު' ހިފުމަށް އަންގަވާފައިވާއިރު މިމައުލޫއަށް އާންމުންގެ ބަހުސެއް ނުކުރެވުނަސް ވެރިކަމަށް ކުރިމަތިލާފައިވާ ބޭފުޅުންގެ ހިޔާލާއި ފިކުރު މިމައުލޫއަށް ހުރީ ކިހިނެއްތޯ އެނގެންޖެހެއެވެ. ސީދާ ގޮތުންނާއި ނުސީދާގޮތުން އެކަން ކުރުމަށް ރުހޭތޯ ނުވަތަ ނޫންތޯ ބަލާލަންޖެހެއެވެ.

"ނައިބު ރައީސުންގެ ބަހުސް"ގެ ސުވާލު:

ވީޑީއޯ: ރަނިންގމޭޓްގެ ބަހުސް ބައްލަވާ!

"މުޖުތަމައުގެ އަމާން ކަމާއި ރައްކާތެރި ކަމަށް ޓަކައި އިސްލާމީ ޝަރީއަތުގެ ބޮޑެތި ހުކުމްތައް، މިސާލަކަށް ވަށްކަން ކުރާ މީހާގެ އަތް ކެނޑުން، މަރަށް މަރު ހިފުން އަދި ޤިޞާސްގެ ހުކުމްތައް ތަންފީޒު ކުރުމަށް ރައްޔިތުން ހަމަ ތަކުރާރުކޮށް ކެނޑި ނޭޅި މިދަނީ އެދެމުން، އެހެން ނަމަވެސް އެކަން އެގޮތަށް ތަންފީޒު ކުރުމަށް ހުރަހަކަށް ވަނީ ކޮން ކަހަލަ ކަންތައްތަކެއްތޯ؟"

1) ޑރ ހަސަން ސަޢީދު | ޖުމްހޫރީ ގުޅުމުގެ ރަނިންގމޭޓް
"އިސްލާމީ ޝަރީއަތް ތަންފީޒް ކުރުމަށްޓަކައި ރާއްޖޭގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އޭރެއްގެ އޮންނަ ސަރުކާރުން އެކަމަށް އޮންނަ ރުހުން. އެކަމަށް ތާއީދު ނުކުރާ ނުކުރުން. ޑރ އަފްރާޝިމްގެ އަވަހާރަވުމަށްފަހުގައި ވަރަށް ގިނަ ދިވެހިން ބޭނުންވި މަރަށް މަރު ހިފަން. .... މިއަދުގެ އެންމެ ބޮޑު ގޮންޖެހުމަކީ ހުކުމްތައް އަޅުގަނޑުމެންގެ ވެރިން ތަންފީޒު ކުރަން ބޭނުންނުވާ ނުވުން. އެބޭބޭފުޅުންނަށް އެނގިލައްވާ އިސްލާމީ ޝަރީއަތުގައިވާ ހުކުމްތައް ތަންފީޒު ކުރައްވައިފިނަމަ އެބޭފުޅުންކަން އޭގެ ޝިކާރައަކަށް އެންމެ ފުރަތަމަ ވާނީ.... އެހެންނަމަވެސް އަޅުގަނޑުމެންގެ ސަރުކާރެއްގައި އެކަން އަޅުގަނޑުމެންނަށް ކުރެވޭނެ. ސަބަބަކީ އެއީ އަޅުގަނޑުމެން އުޅޭ މާހައުލަކަށް ނުވާތީ."

2) އަހުމަދު ތަސްމީނު އަލީ | ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ރަނިންގމޭޓް
".. ބާރުތައް ވަކިކުރެވިފައިވާ ނިޒާމުގައި އަދުލު އިންސާފު ގާއިމުކުރުމުގެ ނިޒާމަކީ، ހަމަ އެހެންމެ ކުރެވޭ ހުކުމްތައް ތަންފީޒު ކުރުމުގައި ދައުލަތް ހިންގުމުގެ ބާރަކީ ވެސް މުސްތަގިއްލު ބާރެއް، މިކަމާ ބެހޭ ގާނޫނުތައް ހަދާ ބާރަކީ މުސްތަގިއްލު ބާރެއް، އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ، މިހުރިހާ ބާރުތައް އެކީގައި މަސައްކަތް ކުރުމުގައި ، އަޅުގަނޑުމެންގެ މިނިޒާމުގެ ޅަފަތުގައި މައްސަލަތައް އެބަހުރި. ޖިނާއީ އަދުލުގެ ނިޒާމަށް އިތުރަށް ފުރިހަމަ ކުރެވޭނީވެސް މިކަންކަން ކޮށްގެން. ޖިނާއީ އަދުލުގެ ނިޒާމް ރަނގަޅު ކުރުމަކީ މިކަންކަން ކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް"ކަމަށެވެ.

3)ޑރ. މުހައްމަދު ޖަމީލު އަހުމަދު | ޕީޕީއެމްގެ ރަނިންގމޭޓް
"ދިވެހިރާއްޖޭގައި އިސްލާމީ ޝަރީއަތާ އަދި މި މަރުގެ ހުކުމްތައް ތަންފީޒު ކުރުމުގައި އެއްވެސް ހުރަހެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެން، އެނގިވަޑައިގަންނަވާނެ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 10 ވަނަ މާއްދާގައި ވަރަށް ސާފުކޮށް، އިސްލާމީ ޝަރީއަތަކީ ދިވެހި ރާއްޖޭގެ ގާނޫނުގެ މަސްދަރު ކަމަށް ކަނޑައަޅާފައި އެބަވޭ، މިކަން ތަންފީޒު ކުރުމަށް ދިމާވާ ހުރަސްތައް ނައްތާލާނީ ކިހިނެތްތޯ، ކޮބައިތޯ ހުރަސްތަކަކީ؟ ދެން އޮތް ސުވާލަކީ މިކަން ތަންފީޒު ކުރުމަށް ދިމާވާ ހުރަސްތައް ނައްތާލާނީ ކިހިނެތްތޯ؟ ކޮބައިތޯ ހުރަސްތަކަކީ، އެގޮތަށް ބަލާނަމަ އަޅުގަނޑުމެންގެ ޅަފަތުގައި އޮތް ޝަރުއީ ނިޒާމުގެ މައްސަލަތަކަކީ އަޅުގަނޑުމެން ހައްލު ކުރަން ޖެހޭ މައްސަލަތަކެއް،"ކަމަށެވެ.

4) ޑރ. މުސްތަފާ ލުތުފީ | އެމްޑީޕީގެ ރަނިންގމޭޓް
"ދިވެހިރާއްޖެއަކީ އިސްލާމީ ގައުމެއް. އެހެންވީމާ ދިވެހިރާއްޖޭގައި އިސްލާމީ ޝަރީއަތް ހިންގަން ދިވެހިރާއްޖޭގެ ގާނޫނުގައި ކަނޑައެޅިގެން ބަޔާން ކޮށްފައި އެބައޮތް. ސުވާލަކީ ކީއްވެގެންހެއްޔޭ އެކަން ނުހިނގަނީ. އަޅުގަނޑުމެން ދެކޭގޮތުގައި ދިވެހި ރާއްޖޭގެ ޝަރުއީ ނިޒާމުގައި ދިވެހި ރާއްޖޭގެ އަދުލުއިންސާފުގެ ނިޒާމްގައި ވަރަށް ބޮޑެތި މައްސަލަ އެބަހުރި. އެ މައްސަލަތައް ހަލު ކުރެވޭ ދުވަހަކުން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖޭގައި އިސްލާމީ ޝަރީއަތް ހިނގާނެ،" ކަމަށެވެ.

މިއީ އެބޭފުޅުންގެ ބަހެވެ. ތިބޭފުޅުންގެ ބަހަކީ ކޮބައިތޯއެވެ؟

އެހެން ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.