ހޮނޑައިދޫގައި ބަނގުރާ ބުއިކަމަށް ތުހުމަތުކޮށް ހައްޔަރު ކުރި މީހުންގެ ވީޑިއޯ އާއި ފޮޓޯ އާންމުކޮށްފި

ފުލުހުން މިއަދު މީޑިއާއަށް މައުލޫމާތު ދެއްވަނީ | ދިއިސްލާމް ފޮޓޯ: އަޝްވާގު

ހދ. ހޮނޑައިދޫގައި ބަނގުރާ ބުއިކަމަށާއި ބަނގުރާ ގެންގުޅޭކަމަށް ތުހުމަތުކޮށް ފުލުހުން އެރަށަށްގޮސް ހިންގި އޮޕަރޭޝަންގެ މަޢުލޫމާތާއި ފޮޓޯ އަދި ވީޑިއޯ މިއަދު އާންމުކޮށްފިއެވެ.

މިއަދު މެންދުރު އިސްކަންދަރު ބިލްޑިންގުގައި ބޭއްވި ޕްރެސް ބްރީފިންގ ގައި ޕޮލިސް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ހެޑް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޙަސަން ޙަނީފް މީޑިއާތަކަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ މި ނޮވެމްބަރު މަހުގެ 16ވަނަ ދުވަހުގެ ފަތިހު 04:30 ހާއިރު ފުލުހުންގެ ޓީމެއް ކޯޓު އަމުރެއްގެ ދަށުން ހދ.ހޮނޑައިދޫ އަށް ވަނީ ގޮސްފައި ކަމަށެވެ. އަދި އެރަށު އުތުރު ފަރާތު ގޮނޑު ދޮށުގައި ބަޔަކު ރާބޮއި މަސްތުވެގެން ތިބިކަމަށް ތުހުމަތު ކުރެވިގެން ފުލުހުން އެސަރަހައްދަށް ދިއުމާއެކު އޭރު އެސަރަޙައްދުގައި ތިބި މީހުންގެ ތެރެއިން ބަޔަކު ވަނީ ފުލުހުން ފެނުމުން ދުވެ ފިލަންވެގެން މަސައްކަތް ކޮށްފައިކަމަށެވެ.

ހޮނޑައިދޫގެ އުތުރު ފަރާތު ގޮނޑުދޮށުގައި ބާރ އެއްގެ ގޮތަށް ހަދާފައިހުރި ހަޓް ކައިރިން މަސްތުގެ ޙާލުގައި ތިބިކަމަށް ބެލެވޭ 05 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނުކަމަށާއި އަދި އެރަށުގައި ހަދާފައި ހުރި ބައެއް ކޮޓަރި ތަކުންނާއި ގޮނޑުދޮށުން މަސްތުގެ ހާލުގައި ތިބިކަމަށް ބެލެވޭ ބަޔަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނުކަމަށް ޙަނީފް ވިދާޅުވިއެވެ. އަދި މިމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެމީހުން ތިބި ސަރަޙައްދުގައި ބާރ އެއްގެ ގޮތުގައި ހަދާފައި ހުރި ހަޓްތެރެއިންނާއި ހަޓުގެ ކައިރިން ބަނގުރާކަމަށް ޝައްކުކުރެވޭ ދިޔާއެއްޗެއް ހުރި ގިނަ އަދަދެއްގެ ފުޅިތަކަކާއި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ތަށިތަކެއް ފުލުހުންނަށް ފެނިފައިވާކަމަށްވެސް ޙަނީފް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން އެރަށުގައި ހަދާފައި ހުރި ބައެއް ކޮޓަރި ތަކުންނާއި ގޮނޑުދޮށުން މަސްތުގެ ހާލުގައި ތިބިކަމަށް ބެލެވޭ ބަޔަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށާއި އަދި ހޮނޑައިދޫގައި ފުލުހުން ހިންގި އޮޕަރޭޝަންގައި މުޅި ރަށް ބަލައި ފާސްކޮށް އެވަގުތު ރަށުގައި ތިބި ހުރިހާ މީހުންނާއި ތަންތަން ބަލައި ފާސްކުރި ކުރުމުގެ ތެރޭގައި ގިނަ ޢަދަދެއްގެ ބަނގުރަލާއި މަސްތުވާ ތަކެތިކަމަށް ތުހުމަތު ކުރެވޭ ގިނަ ޢަދަދެއްގެ ތަކެތި އެރަށުން ފެނިފައިވާކަމަށް ޙަނީފް ވިދާޅުވިއެވެ. އަދި އެރަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ހުރިހާ ފަރާތްތަށްވެސް ގެނެވިފައިވަނީ ކުށުގެ ވެށިން ކަމަށާއި މީގެތެރެއިން ބައެއް ފަރާތްތައް ދެކޮޅު ހަދައި ގަދަކަން ދައްކާފައިވާކަމަށާއި އަދި މީގެތެރެއިން ބައެއް ފަރާތްތައް ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރުކުރުމަށްފަހު ކުށުގެވެށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ރާއްޖެއިން ބޭރުގެ ރައްޔިތުންނަށްވެސް ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޚިލާފުން ކަންކުރުމަށް ހިތްވަރުދީ އެމީހުންވެސް ފުލުހުންނަށް ކުޑަކަމުދާ ތަކެތި ދިނުން މަނާކޮށްފައިވާކަމަށް ޙަނީފް ވިދާޅުވެފައިވެއެވެ.

މި އޮޕަރޭޝަނާއި ބެހޭގޮތުން އިތުރަށް މަޢުލޫމާތު ދެއްވަމުން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޙަސަން ޙަނީފް ވިދާޅުވިގޮތުގައި މިއޮޕަރޭޝަން ހިންގުމުގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ކޮށްފައި ނުވާނެކަމަށާއި، މީހެއްގެ ނުރުހުމުގައި އެމީހަކު ގަދަކަން ދައްކަނިކޮށް ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭހިނދު އެމީހަކަ ލިބޭ ގެއްލުމަކީ އެމީހާ ޒިންމާވާންޖެހޭ ކަމެއްކަމަށާއި މިއޮޕަރޭޝަންގައި އެއްވެސް މީހެއްގެ މޫނަށާއި ލޮލަށާއި ކަންފަތަށް ވެލިޖަހައި ބުރަކަށްޓާއި ގައިގެ އެތަން މިތާގައި ބޫޓުން ތަޅައި އަނިޔާކޮށްފައި ނުވާނެކަމުގެ ޔަޤީންކަން އަރުވާފައިވެއެވެ.

މީގެއިތުރުން މިއޮޕަރޭޝަން ހިންގަން ފުލުހުން ހދ. ހޮނޑައިދޫއަށް ދިޔައީ އެރަށުގައި މަސްތުގެ ޙާލަތުގައި ތިބީ ކޮންބައެއްކަން ނޭނގޭކަމަށާއި އެރަށުގައި ހިނގައިދިޔަ މިޙާދިސާގައި ރައްޔިތުންގެ މަޖުލީހުގެ ޢިއްޒަތްތެރި މެމްބަރަކު ހިމެނިވަޑައިގަންނަވާކަން އެނގިފައިވަނީ އެރަށަށްގޮސް މަސްތުވެފައި ތިބި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުން ކަމަށް ވިދާޅުވެފައިވެއެވެ. އަދި މިއޮޕަރޭޝަން ހިންގުމުގައި ފުލުހުންގެ ފަރާތުން އިންސާނިއްޔަތާއި ޚިލާފު ޢަމަލު ހިންގައި ޖިސްމާނީ ބޮޑެތި އަނިޔާ ދީފައިވާނަމަ އެކަން ބެލުމަށް ދިވެހިރާއްޖޭގެ ހިއުމަންރައިޓްސް ކޮމިޝަނަށާއި ޕޮލިސް އިންޓަރގްރިޓީ ކޮމިޝަނަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ދަޢުވަތުދީ އެކަމަށް މަރުޙަބާ ކިޔާކަމަށް ޙަނީފް ވިދާޅުވެފައިވެއެވެ.

ހދ. ހޮނޑައިދޫން ފުލުހުންގެ ބެލުމުގެ ދަށަށް މީހުން ގެނެސްފައިވަނީ އެތަނުގައި ކުށުގެ ވެށްޓެއްނެތިކަމަށް ބައެއް ފަރާތްތަކުން މީޑިއާތަކުގައި ދައްކަމުންދާ ވާހަކަ ތަކަކީ އެއްވެސް ޙަޤީޤަތެއްކަމަށާއި ދިވެހި ފުލުހުން މިއޮޕަރޭޝަން ހިންގާފައިވަނީ ޕޮރޮފެޝަނަލް ކަމާއެކުކަމަށާއި މިއޮޕަރޭޝަންގެ ހުރިހާ ކަމެއްވެސް ގެންދެވިފައިވަނީ ޤާނޫނާއި ޤަވާޢިތަކުގެ ތެރެއިން ކަމަށް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޙަސަން ޙަނީފް ވިދާޅުވެފައިވެއެވެ.

އެހެން ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.