އިސްލާމްދީނުގެ މައިގަނޑު ހައްދުތަކާއި މިޔުޒިކުގެ ޙުކުމް ރައްޔިތުންނަށް ސާފުވާން ޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

ދީނީ ބޮޑެތި ޙުކުމްތަކާއި މިޔުޒިކުގެ ޙުކުމް ރައްޔިތުންނަށް ސާފުވާން ޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީން ރޭ  ސޯސަންމަގުގައި " މެދުމިނަށް ތާޢީދު" މިނަމުގައި ބޭއްވި ބައްދަލުވުމެއްގައެވެ.

ރަޖަމް ކުރުމާއި، އަތް ކެނޑުމާއި، ޤިސާސް ހިފުމަކީ ދީނީ ހަރުކަށި އުސޫލުތަކެއް ކަމަށް ފާހަގަވާ ގޮތަށް އެމަނިކުފާނު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެ ހުކުމްތައް މިރާއްޖޭގައި ބަޔަކު ތަންފީޒުކުރުމަށް ވަކާލާތުކުރަމުން އަންނައިރުގައި، އެކަން ތަންފީޒު ކުރެވޭނީ ޤާނޫނު އަސާސީ މެދުވެރިކޮށް ކަމަށެވެ.

"ހަރުކަށި ދީނީ އުސޫލްތައް ނުވަތަ އަދަބުތައް މި ރާއްޖޭގައި ތަންފީޒުކުރުމަށް ވަކާލާތުކުރެވެމުން އަންނައިރުގައި، އެކަން ކަން ހިންގަމުން އަންނާނީ ހަގީގަތުގައި ރާއްޖޭގެ ގާނޫނު އަސާސީ މެދުވެރިވެގެން. ރަޖަމް ކުރެވޭ ނަމަ، އަތްކެނޑޭ ނަމަ، ގަތުލުކުރެވޭ ނަމަ، ހައްދު ޖެހޭ ނަމަ އަދި އެނޫން ވެސް ކަމެއް ކުރެވޭ ނަމަ އޭގެއިން ކޮންމެ ކަމެއް ވެސް ހަގީގަތުގައި ކުރެވޭނީ ގާނޫނުލް އުގޫބާތުގައި އެކަން ކަން ކަނޑައެޅުނީމަ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ގިނަ ރައްޔިތުންނަކީ  މިޔުޒިކަށް ލޯބިކުރާ ބައެއްކަމަށާއި، އެހެންވެ އެކަން ކުރަން ނުވާނެ ކަމަށް ބަޔަކު ވާހަކަދައްކަން ފެށީމައި އެކަމުގެ ހުކުމްވެސް ރައްޔިތުންނަށް ސާފުވާން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި މިދެންނެވި ހުކުމްތަކުގެ އިތުރުން ވެސް އަދިވެސް އެބަހުރި ސާފުނުވާ ކިތަންމެ ކަމެއް. އަދި ރައްޔިތުންގެ ތެރޭގައި ބައެއް ފަހަރަށް ހިލާފު އުފެދުމަށް ދާ ކިތަންމެ ކަމެއް. އަޅުގަނޑު ދަންނަވާނަން އޭގެ ތެރެއިން އެއްކަމަކީ މިއުޒިކް. މިއުޒިކަށް ލޯބިކުރުމަކީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ކުރާ ކަމެއް. އަޅުގަނޑުމެން ރާއްޖޭގެ ގިނަ ބަޔަކު މިއުޒިކް އަޑުއަހާ އަދި އެ ކުޅޭ ހިިތްވޭ. އެކަން އެއީ ކުރަން ނުވާނެ ކަމެއް ކަމަށް ބަޔަކު ވާހަކަދައްކަން ފެށީމަ އަޅުގަނޑުމެން ރައްޔިތުންނަށް މީގަ ހުރި އެންމެ ސާފު ގޮތް ފިލާން އެބަޖެހޭ،" ރައީސް ވިދާޅުވި އެވެ.

 2008 ވަނަ އަހަރުގައި، އެކަށީގެންނުވާ ލަވައާއި މިޔުޒިކުގެ ހުކުމާ ބެހޭގޮތުން ރާއްޖޭގެ ވަރަށް ގިނަ ޢިލްމުވެރި ބޭކަލުންގެ އިންޓަރވިއު ހިމެނޭ  ވިޑީއޯ ކްލިޕެއް ޖަމްޢިއްޔަތުއްސަފަލުން ވަނީ، އެ ޖަމްޢިއްޔާއިން ބޭއްވި "އިސްލާމްދީނުގެ ނަޒަރުގައި މިޔުޒިކް" ދަރުސްގައި އާންމުކޮށްފައެވެ.

އެ ވީޑިއޯ ކްލިޕްގައި މިއުޒިކާއި، "ފާޙިޝް" ލަވަކިޔުމަކީ ކަނޑައެޅިގެން އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ ކަމެއްކަން ޤުރުއާނާއި ސުންނަތުގެ އަލީގައި ހަތަރު މަޒުހަބުގެ އިމާމުންނާއި އިސްލާމީ މަޝްހޫރު ޢިލްމުވެރިންގެ ބަސްފުޅުތަކުން ރާއްޖޭގެ ޢިލްމުވެރިން ވަނީ ދަލީލު ގެންނަވާފައެވެ. މި އިންޓަރވިއުގައި ހިމެނޭ ބޭކަލުންގެ ތެރޭގައި، މިހާރުގެ އިސްލާމީ މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ވެސް ހިމެނިވަޑައިގަންނަވައެވެ.

"މިއުޒިކާއި ފާޙިޝް ލަވަކިޔުމަކީ ޙަރާމް ކަމެއް" ކަމަށް ބުނެ، ރާއްޖޭގެ ކުރީގެ ބައެއް މަޝްހޫރު ލަވަކިޔުންތެރިން ވަނީ އެދާއިރާ އެއްކޮށް ދޫކޮށްލާފައެވެ. އެގޮތުން ޢަލީ ރަމީޒް، އައިމިނަތު ޝާނީ، ޢަބްދުލްބާރީ، އިބްރާހީމް ރަމީޒް، މޫސާ ޝިފާޢު (ޓްރިއޯ)، ޢަބްދުﷲ ވަހީދު ފަދަ މީހުން ވަނީ ދެން ދުވަހަކުވެސް މިއުޒިކާ ދާއިރާގައި ހަރަކާތްތެރިނުވާނެ ކަމަށް ރަސްމީކޮށް އިއުލާންކޮށްފައެވެ.

އެހެން ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.