ލައިވް ބްލޮގް: "އޮކިއުޕައި ވޯލް ސްޓްރީޓް" މުޒާހަރާ

ދިއިސްލާމް ޓީމް

 އެންމެ ފަހުން އަޕްޑޭޓް ކުރީ: 09.10.2011 ގެ 4:15 ގައި

ދިއިސްލާމް އިން ގެނެސްދޭ 'ލައިވް ބްލޮގް' އަށް މަރުހަބާ.... މިޕޭޖް ދާނީ ކޮންމެ ދުވަހަކުވެސް އަޕްޑޭޓްވަމުންނެވެ. ބައެއް މުހިންމު ހާލަތްތަކުގައި ވަގުތުންވެސް އަޕްޑޭޓްވަމުންދާނެއެވެ. އެހެންކަމުން  ސަފްހާ 'ރެފްރެޝް' ކުރައްވަމުން ގެންދަވާށެވެ. އަދި ތާރީހުގެ ތަރުތީބުން ވިދާޅުވާށެވެ.

 

އޮކިއުޕައި ވޯލް ސްޓްރީޓް

" އޮކިއުޕައި ވޯލް ސްޓުރީޓްގެ” ނަމުގައި ކުރިޔަށް މިދާ މުޒާހަރާ ތަކަކީ ކޮރަޕްޝަނާއި، ވަޒީފާ ދަތިވުމާއި، ވިޔަފާރިގެ ބަޔެއް ވަކިބަޔަކަށް ދީފައިވާތީ ކުރާ ސުލްހަވެރި މުޒާހަރާތަކެވެ. މުޒާހަރާ ދުވަހުން ދުވަހަކަށް ދަނީ ވަރުގަދަ ވަމުންނެވެ. އެމެރިކާގެ ނިއުޔޯކުން ފެށުނު މިމުޒާހަރާ މިހާރު ވަނީ މުޅި ޤައުމަށް ފެތުރިގެން ގޮސްފައެވެ.

މިއިވެންޓް ފެށިގެން އައީ ވޯލް ސްޓުރީޓަށް ސެޕްޓެމްބަރ 17 ވަނަ ދުވަހަށް 20 ހާސް މީހުން އެއްވެ ނުރުހުން ފާޅުކުރުމުގެ މަގްސަދުގައެވެ.  އަދި އެސަރަހައްދުގައި 2 މަސް ނުވަތަ އެއަށްވުރެ ގިނަ ދުވަސްވަންދެން ތިބެ ނުރުހުން ފާޅުކުރުން އެއީ އެމީހުންގެ 'ޓާކެޓް'ކަމުގައި ހާމަކޮށްފައިވެއެވެ. އެގޮތުން ސެޕްޓެމްބަރ 17 ވަނަދުވަހު ފެށި  މިމުޒާހަރާ އެއްދުވަހުން އަނެއްދުވަހަށް މީހުން ދަނީ އިތުރުވަމުންނެވެ.

އެމެރިކާގެ ސަރުކާރުން ވަނީ މިކުރާ މުޒާހަރާތަށް ވަރަށް ބޮޑަށް ކުށްވެރިކޮށް ހުއްޓާލުމަށް ގޮވާލާފައެވެ.  މުޒާހަރާ ކުރާ މީހުން މިކަން މިކުރަނީ އަރަބި ދުނިޔޭގެ ޤައުމުތަކާއި ސްޕެއިން ޤައުމުތަކުގެ މުޒާހަރާތަކުން ހިތްވަރު ލިބިގެންކަމަށް އެމީހުން ދަނީ ބުނަމުންނެވެ. ހާއްސަކޮށް 'ތަހުރީރު މައިދާން'ގެ އެއްވުމުން މިމީހުން ދަނީ ނަމޫނާ ލިބިގަންނަމުންނެވެ.

މިހަރަކާތް 'ވަގުތުން' ބައްލަވާ... (ލިންކް)

.-------------------------------------.

ދިއިސްލާމް ލައިވް ބްލޮގް:

. -------------------------------------.

އޮކްޓޯބަރ 15 (29 ވަނަ ދުވަސް)

އެތައް ހާސް މީހުން ޓައިމްސްކޮޔާރ އަށް ހިނގާލުމެއް މިއަދު ވަނީ ބާއްވާފައެވެ. އެމީހުން ގޮވަމުން ދިޔައީ އެމެރިކާގެ ފައިސާތައް އެހެން ޤައުމުތަކުގައި ކުރާ ހަނގުރާމަތަކަށް ޚަރަދު ކުރުމަށް ދެކޮޅު ހަދާ ކަމަށާއި އެމެރިކާގެ މީހުން ވަޒީފާއެއް ނެތި ސިއްހީ ކަންކަން ދައްވެފައިވާއިރު އެއީ އިންސާފެއް ނޫން ކަމަށެވެ. މުޒާހަރާ ކުރާމީހުން 'ސުލްހަވެރި'ކަމާއި އެކު އެމީހުންގެ ޝުއޫރުތައް ފާޅުކުރަމުން ގޮސްފައިވެއެވެ. އެހެނަސް ގިނަ ބަޔަކު ހައްޔަރު ކޮށްފައިވާތީ ބައެއް ފަރާތްތަކުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

އޮކްޓޯބަރ 13 (27 ވަނަ ދުވަސް)

މުޒާހަރާ ކުރަމުން ދިޔަ މީހުން 'ނިދާ ސާމާނު' އެސަރަހައްދުގައި ނުބެހެއްޓޭނެކަމަށް އަންގާފައިވެއެވެ.

އޮކްޓޯބަރ 10 (24 ވަނަ ދުވަސް)

މޭޔާރ މައިކަލް ބްލޮމްބާރގް ވިދާޅުވިގޮތުގައި 'މުޒާހަރާ ކުރާމީހުން ޤާނޫނާއި ޤަވައިދަށް ބޯލަނބާހާ ހިނދަކު އެމީހުންނަށް ގޯނާއެއް ނުކުރާނެކަމަށާއި އެމީހުންގެ ޝުއޫރުތައް ފާޅުކުރެވޭނެ"ކަމަށެވެ.

އޮކިއުޕައި ބޮސްޓޮންގައި މުޒާހަރާ ކުރަމުން ދިޔަ 140 މީހުން ހައްޔަރު ކޮށްފައި ވޭ. ަދިވެސް މުޒާހަރާތައް މުޅި އެމެރިކާގައި ދަނީ ފުޅާވަމުންނެވެ.

އޮކްޓޯބަރ 9 (23 ވަނަ ދުވަސް)

މުޒާހަރާ ކުރާ 100 ވަރަކަށް މީހުން ވަނީ ވޮޝިންޓަން ޑީސީ ކައިރިއަށް އެއްވެފައެވެ. އެމީހުން ދިޔައީ ވައިޓްހައުސް ކައިރީ މުޒާހަރާކުރަމުންނެވެ.

އޮކްޓޯބަރ 8 (22 ވަނަ ދުވަސް)

 

މުޒާހަރާކުރާ މީހުން ތިބީ 1% މުއްސަނދީންނާއި ދެކޮޅަށް : އަރުން ގުޕްތާ

An Occupy Wall Street campaign demonstrator protests in Zuccotti Park in New York on October 7, 2011.

ގައުމުގައި މުއްސަނދިކަމާއި ބާރު މަދުބަޔަކަށް ބެހިގެންދިއުމާއި މުޅިން ދެކޮޅަށް މުޒާހަރާކުރާ މީހުން ތިބި ކަމަށް "އޮކިއުޕައިޑް ވޯލް ސްޓްރީޓް ޖާނަލް" ގެ އެޑިޓަރ އަރުން ގުޕްތާ ބުނެފި އެވެ.

ޕްރެސް ޓީވީ އަށް ހޮނިހިރު ދުވަހު ދިން ބަސްދީގަތުމެއްގައި އޭނާ ބުނެފައި ވަނީ މުޒާހަރާ ކުރާ މީހުންގެ އިތުރު އެދުމެއް ނެތް ކަމަށާއި، އެމީހުން ދެކޮޅުވެރިކަން ފާޅުކުރަމުން ދަނީ މުއްސަނދިކަމާއި ބާރު މުޖުތަމަޢުގެ މަތީފަޑީގެ 1% ގެ އަތްމައްޗަށް ހުސްވެފައި ވާތީ ކަމަށެވެ.

"މި ނިޒާމަކީ މުއްސަނދީންގެ ނިޒާމެއް. މުއްސަނދިން ގެނައި ނިޒާމެއް. އަދި މުއްސަނދިންނަށްޓަކައި ވާ ނިޒާމެއް" އޭނާ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން އޭނާ ވަނީ އެމެރިކާ ސަރުކާރު ވެސް ކުށްވެރިކޮށްފަ އެވެ. އެއީ ކޮރަޕްޝަނާއި ރިޝްވަތުގެ ކަންތައްތައް އިދާރީގޮތުން ރޭވިގެން ސަރުކާރުގައި ހިނގަމުންދާތީ އެވެ.  

މުޒާހަރާކުރުން 847 ސިޓީއެއްގައި ކުރިއަށްދާ ކަމަށް މީޑިއާ ރިޕޯޓްތަކުން ހާމަކުރެއެވެ.

އޮކްޓޯބަރ 7 (21 ވަނަ ދުވަސް)

ވޮޝިންޓަންގައި ހުންނަ ވައިޓް ހައުސް ކައިރީގައި ހުކުރު ދުވަހު 100 އަށް ވުރެ ގިނަ މީހުން މުޒާހަރާކޮށްފައި ވެއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް 30 މީހުން 

މުޒާހަރާކުރަމުންދާ މީހުންގެ ތެރެއިން 30 މީހުން ފުލުހުން ހައްޔަރުކޮށްފި އެވެ. ހުކުރު ދުވަހު ސެކްރަމެންޓޯ ސިޓީ އިން 19 މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ބުރާސްފަތި ދުވަހު ލޮސްއެންޖަލިސް އިން 11 މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.  އެ މީހުން ހައްޔަރުކޮށްފައި ވަނީ  ބޭންކް އޮފް އެމެރިކާގެ ލޮސްއެންޖަލިސް ގައި ހުންނަ ބްރާންޗެއްގެ ލޮބީގައި އިށީނދެ ތިއްބާ އެތަނުން ދާން އެންގުމުން ނުދިއުމުންނެވެ.


ވެރިކަންކުރާ ވޮޝިންޓަން އަދި ބޮޑެތި ސިޓީތަކުގައި ވެސް މުޒާހަރާކުރަން ފަށައިފި

ވެރިކަންކުރާ ވޮޝިންޓަން އަދި ބޮޑެތި ސިޓީތަކުގައި ވެސް "އޮކިއުޕައި" މުޒާހަރާ ކުރަން ފަށައިފި އެވެ. ވޮޝިންޓަނުގައި މުޒާހަރާ ކުރަމުންދަނީ ވައިޓް ހައުސް ކައިރީގައި ހުންނަ ފްރީޑަމް ޕްލާޒާ އާ ހަމައިން ފެށިގެންނެވެ. އެއީ "އޮކިއުޕައި ފްރީޑަމް ޕްލާޒާ" ހެދުމަށެވެ.

މީގެ އިތުރުން މުޒާހަރާތައް ވަނީ ޝިކާގޯ އާއި ލޮސްއެންޖަލިސް އާއި ސީޓްލް އާއި އަދިވެސް ބޮޑެތި ސިޓީގައި ފަށާފައެވެ.

މުޒާހަރާކުރާ މީހުން ބުނަމުންދަނީ މަދު ބައެއްގެ އަތްމަތީގައި މުއްސަނދިކަން ދެމިއޮތުން ހައްދުފަހަނައަޅައިގެން ގޮސްފައިވާ ކަމަށެވެ.  އަދި ވެރިކަންކުރާ ވޮޝިންޓަނުގެ 29% ރައްޔިތުން ފަގީރުކަމުގައި ދިރިއުޅެމުންދާއިރު، އިރާޤާއި އަފްޣާނިސްތާނު އާރާސްތުކުރުމުގެ ނަމުގައި 3 ޓްރިލިއަން ޔޫއެސް ޑޮލަރު ޚަރަދުކުރަން ޖެހޭ ސަބަބަކީ ކޮބައިތޯ ވެސް މުޒާހަރާކުރާ ބައެއް މީހުން ސުވާލުކޮށްފައި ވެއެވެ.

އެމެރިކާގެ މީޑިއާތަކުން މި މުޒާހަރާ ފޮނުވަން މަސައްކަތް ކުރާކަމަށް ގިނަ ބަޔަކު ތުހުމަތު ކުރަމުން ދަނިކޮން ދާދިފަހުން 'ސީއެންއެން' ގެ ޕްރޮގްރާމެއްގައި މިމުޒާހަރާ ކުރަނީ ކީއްކުރަންތޯ ވަނީ ސުވާލު އުފައްދާފައެވެ. އަދި އެތަނުގައި މުޒާހަރާ ނުކުރާ ކަމުގެ މޭރުމުންވެސް ވަނި ވާހަކަ ދައްކާފައެވެ. އަދި އެމީހުން 'ޖޯކު' ޖަހާ ވަނީ ވާހަކަ ދައްކާފައެވެ. އެވީޑިއޯ ބައްލަވާ!

އޮކްޓޯބަރ 6 (20 ވަނަ ދުވަސް)

މުޒާހަރާ ކުރަމުންދާ މީހުން ގައިގައި ތަޅާ އަނިޔާ ކުރަމުންދާ މަންޒަރު ދައްކުވައިދޭ ވީޑިއޯތައް އާއްމުވެއްޖެ އެވެ. ފުލުހުންގެ އޮފިސަރަކު، އޭނަގެދެއަތުން ބޭސްބޯލް ބެޓެއްފަދައިން މުގުރު ބޭނުންކޮށް އެއްވެފައި ތިބި އާއްމުންގެ ގައިގައި ވަރަށް ބާރަށް ތަޅަމުންދާ ތަން ވީޑިއޯތަކުން ފެނެއެވެ.

އޮކްޓޯބަރ 5 (19 ވަނަ ދުވަސް)

އިއްޔެގެ މުޒާހަރާގެ ސަބަބުން ރުޅި ގަދަވެފައިތިބި މީހުންގެ ޖޯޝް މިއަދު ވަނީ އިހުނެއް ވަރުގަދަވެފައެވެ. ތަފާތު ޝުއޫރުތައް ލިޔެފައިވާ ސާމާނު ހިފައިގެންތިބި މީހުން ދިޔައީ އެމީހުންގެ ޝުއޫރުތައްވެސް އިއްވަމުންނެވެ.

މިއަދުގެ އެއްވުމުގައި ޔޫނިއަން ތަކުގެ މެމްބަރުންނާއި ދަރިވަރުންނާއި ވަޒީފާ ނެތް އެތައް ބަޔަކު ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި 39 ޖަމާއަތެއް މިއަދުގެ މުޒާހަރާއަށް ގުޅިފައިވެއެވެ. ރިޕޯޓްތަކުން ބުނާގޮތުގައި 5000 އާއި 15000 ގެ އަދަދަށް މީހުންވަނީ މިމުޒާހަރާގައި ބައިވެރިވެފައެވެ. ފޮލޭ ސްކްޔަރ އިން ފެށިގެން ޒުކޮއްޓި ޕާކަށް ވަނީ މުޒާހަރާ ކުރިއަށް ގެންގޮސްފައެވެ. ވީޑިއޯ ބައްލަވާ!

 

UPI/John Angelillo

 

Photo: Julia Xanthos/News

 

 

 

އޮކްޓޯބަރ 3 (17 ވަނަ ދުވަސް)

ސަތޭކައަށް ވުރެ ގިނަ މީހުން މިއަދުގެ މުޒާހަރާގައި ބައިވެރިވެފައިވެއެވެ. އެމީހުން ތިބީ 'ޒޮމްބީން' ގެ ހެދުމުގައި މުޅި މޫނުގައި ކުލަ ހާކައިގެންނެވެ. އަދި ބައެއް މީހުން 'ފޭކް' ޑޮލަރު ހިފައިގެން އެމީހުންގެ ޝުއޫރުތައް ފާޅުކުރަމުން ދިޔައެވެ. އެމީހުން ނުރުހުން ފާލުކުރަމުން ދިޔަ ކަންތަކުގެ ތެރޭގައި ޑޮލަރުގެ އަގު ވެއްޓުމާއި ފައިސާ ލިބޭނެ ގޮތްތައް 'ގިނަ އެމެރިކާ' މީހުންނަށް ނެތުން ހިމެނެއެވެ.

 ވީޑިއޯ ބައްލަވާ!

Mario Tama/Getty Images

 

photo: nypost.com

އޮކްޓޯބަރ 2 (16 ވަނަ ދުވަސް)

މިއަދުވެސް މުޒާހަރާ ކުރާ ފަރާތްތަކުގެ މިސްރާބު ހުރީ ބްރޫކްލީން ބްރިޖް އާއި ދިމާލަށެވެ. ބައެއް މީހުން އެކި ކުލަކުލައިގެ ފުއްޕާ ހަންތައް ހިފައިގެން ހިންގަމުން ދެއެވެ. އިއްޔެގެ މުޒާހަރާގައި ބްރިޖް ކައިރިން ގިނަ ބަޔަކު ހައްޔަރު ކޮށްފައިވާތީއާއި ބަޔެއް މީހުންނަށް އަނިޔާވެފައިވާތީ މުޒާހަރާ ކުރާ މީހުން ދިޔައީ ނުރުހުން ފާޅުކުރަމުންނެވެ.

 

މުޒާހަރާ ކުރާ މީހުން ބްރިޖާއި ދިމާއަށް މިސްރާބު ޖަހާފައިވަނިކޮން ފުލުހުންވަނީ ބްރިޖަށް ނޭރުމަށް އިންޒާރު ދީފައެވެ. ތަކުރާރުކޮށް އިންޒާރު ދިނުމަށްފަހު ފުލުހުންވަނީ މީހުން ހައްޔަރު ކުރުމުގެ މަސައްކަތް ފަށާފައެވެ. ވީޑިއޯ ބައްލަވާ!

 

އޮކްޓޯބަރ 1 (15 ވަނަ ދުވަސް)

5000 އަށް ވުރެ ގިނަ މީހުން މިއަދު ވަނީ ބްރޫކްލިން ބްރިޖާއި ދިމާއަށް ހިނގާލުމެއް ބާއްވާފައެވެ. އެހެންކަމުން 2 ގަޑިއިރަށްވުރެ ގިނައިރު ވަންދެން ފުލުހުން ވަނީ ޓްރެފިކް ހުއްޓުވުމަކަށް ގެނުވާފައެވެ.  އަދި ފުލުހުން ވަނީ މުޒާހަރާ ކުރަމުން ދިޔަ މީހުން ދެބަޔަކަށް ބައިބައި ކޮށްލާފައެވެ. އަދި 700 އަށްވުރެ ގިނަ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ހައްޔަރު ކުރި މީހުން ގިނަވެގެން ފުލުހުންނަށް އިތުރު ބަސްތައް ގެންނަން ޖެހިފައިވާކަމަށް ރިޕޯޓްތަކުން ބުނެއެވެ. މިއަދުގެ މުޒާހަރާ ރޫޅާލުމުން އެންމެން ވަނީ ލިބަރޓީ ޕްލާޒާ ކައިރިއަށް އެއްވެފައެވެ.

 

ސެޕްޓެމްބަރ 30 (14 ވަނަ ދުވަސް)

ވަރުގަދަ އެއްވުމެއް އޮކްޓޯ 5 ގައި އިއުލާން ކުރިކަން އިއުލާން ކޮށްފިއެވެ. މިއެއްވުމަކީ ބައެއް އޮގަނައިޒޭޝަންތަކުން އިސްނަގައިގެން ބާއްވާ އެއްވުމެއްކަމަށް ރިޕޯޓްތަކުން ބުނެއެވެ. ވޯލް ސްޓުރީޓްގެ މުޒާހަރާ ނަމުނާއަކަށް ބަލައިގެން އެމެރިކާގެ އެހެނިހެން ހިސާބުތަކުގައިވެސް މިފަދަ މުޒާހަރާތައް 'އޮކިއުޕައި' ކުރުމުގެ ނަމުގައި ދަނީ ކުރިއަށެވެ.

 

މިއަދުވެސް މުޒާހަރާ ކުރިއަށް ގެންގޮސްފައިވެއެވެ. 1000 އަށް ވުރެ ގިނަ މީހުންގެ މިހިނގާލުން ފުލުހުންގެ މައިމަރުކަޒާއި ދިމާއަށް ދާން ފެށުމުން ބައެއް މީހުންވަނީ ހައްޔަރު ކޮށްފައެވެ. ބެލެވޭ ގޮތުގައި ގާތްގަޑަކަށް 50 މީހުން ވަނީ ހައްޔަރު ކޮށްފައެވެ.

 

 

ސެޕްޓެމްބަރ 27 (11 ވަނަ ދުވަސް)

މިއަދުވެސް އެހެން ދުވަސްތަކެކޭ އެއްގޮތަށް ނުރުހުން ފާޅުކުރުމުގެ ގޮތުން ގިނަ ބަޔަކު ވަނީ ވޯލް ސްޓުރީޓަށް އެއްވެފައެވެ. މިއަދު ނިއުޔޯކްގެ ކައުންސިލަރ ޗާރލްސް ވަނީ އެއްވެފައިވާ މީހުންނަށް ވާހަކަ ދައްކާފައެވެ. މިއަދުގެ އެއްވުމުގައި 2000 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ.

 

ސެޕްޓެމްބަރ 26 (10 ވަނަ ދުވަސް)

މިއަދުގެ ބޮޑު މައުލޫއަކީ 25 ސެޕްޓެމްބަރގައި އަންހެނުންތަކަކަށް ޕެޕަރ ސްޕްރޭ ޖެހި ފުލުހުންގެ މީހާގެ ވާހަކައެވެ. އެމީހާގެ ނަން އެއްވެ ތިބި މީހުންނަށް އާންމުކޮށް އޭނާގެ ފުލުހުންގެ މުއައްސަސާއިން އިސްތިއުފާ ދިނުމަށް އެއްވެ ތިބި މީހުން ގޮވަމުން ދިޔައެވެ.  އަދި ޕޮލިސް ކޮމިޝަނާރގެ އިސްތިއުފާއަށްވެސް ގޮވަމުން ދިޔައެވެ. އެއްވެ ތިބި ބައެއް މީހުން ނުރުހުމުގެ ބަސްތައް އެމެރިކާގެ މިހާރު ސަރުކާރައް އަމާޒު ކުރަމުންދާއިރު އަނެއް ބަޔަކު ދަނީ ތަފާތު ބޯޑުތައް ހިފައިގެން ތިބެ އަޑު ގަދަ ކުރަމުންނެވެ.

 

(Spencer Platt/Getty Images)

 

ސެޕްޓެމްބަރ 24 (8 ވަނަ ދުވަސް)

މިއަދުވެސް ވަނީ މުޒާހަރާ ކޮށްފައެވެ. މިއަދުގެ މުޒަހަރާގައި ކުރަމުން ގޮސް ވަކި ހިސާބަކުންވަނީ ހޫނުވެފައެވެ. އެހޫނުކަމުގެ ތެރޭގައި 80 މީހުން ވަނީ މިއަދު ހައްޔަރު ކޮށްފައެވެ. ނިއުޔޯކް ފުލުހުން ވަނީ މިހަރަކާތުގައި ބައިވެރިވި އަންހެނުންތަކެއް 'ދާ' ޖަހައިގެން މަތަކުރުމަށް މަސައްކަތް ކޮށްފައެވެ.

އަދި ބައެއް އަންހެނުންތައް ދާ ތަކުގެ އެތެރެއަށް ލުމަށްފަހު އެމީހުންގެ މޫނަށް ވަނީ ޕެޕަރ ސްޕްރޭ ޖަހާފައެވެ. މިއަމަލުގެ ސަބަބުން ގިނަ ބަޔެއްގެ ނުރުހުން ވަނީ ފުލުހުންނަށް އަމާޒުވެފައެވެ. މާގިނަ އިރުތަކެއް ނުވެ މިވީޑިއޯ ވަނީ އިންޓަނެޓުގައި އާންމުވެފައެވެ. އަދި މިހަރަކާތަށް އިތުރު މީހުން ގުޅުމުގެ ސަބަބަކަށް މިވީޑިއޯ ވެގެން ދިޔައެވެ.

ވީޑިއޯ ބައްލަވާ!

މިވީޑިއޯ އާއި ގުޅިގެން އިންޓަނެޓުގައިވަނީ ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފައެވެ. އަދި ފުލުހުންނަށް އިންޒާރުތައްވެސް ދިޔައީ އޮހެމުންނެވެ.

 

 

ސެޕްޓެމްބަރ 22 (6 ވަނަ ދުވަސް)

މިއަދު 2000 އަށް ވުރެ މީހުންވަނީ އެއްވުމާއި ގުޅިފައެވެ. އެމީހުން އައިސްފައިވަނީ ޔޫނިއަން ސްކުއެއާރ ދިމާލުންކަމަށް ރިޕޯޓްތަކުންބުނެއެވެ. މިއަދުގެ އެއްވުމުގައި ބައެއް މީހުންވަނީ ހައްޔަރު ކޮށްފައެވެ.

މިހަރަކާތުގައި ތަފާތު ބޯޑުތައް ވަނީ ގެންގުޅެފައެވެ. އެގޮތުން ތަފާތު ޝުއޫރުތައް ހިމެނޭ ބޯޑުތައް ގެންގުޅޭކަން ފާހަގަ ކުރެވެއެވެ.

 

UPI/Monika Graff

ސެޕްޓެމްބަރ 19 (3 ވަނަ ދުވަސް)

މިއަދުގެ އިރު އެރުމާއި އެކު ވޯލް ސްޓުރީޓްގައި ވިޔަފާރިތައް އެހެން ދުވަސްތަކެކޭ އެއްފަދައިން ކުރިއަށް ދިޔައެވެ. މިއަދު ގިނަ ބަޔެއްގެ މައުލޫއަކަށް ވެގެންގޮސްފައިވަނީ އެމެރިކާގެ މީޑިއާތަކުން މިހަރަކާތް ކަވާރ ނުކުމެވެ. މިބޮޑު ހަރަކާތް ދުރާލާ ރާވަމުން އައިއިރުވެސް ބޮޑެތި މީޑިއާތަކުން މިކަމަށް މާބޮޑު ސަމާލުކަމެއް ދީފައެއް ނުވެއެވެ. އެހެނަސް ކުރީގެ ނައިބް ރައީސް އަލްގޯގެ ހިއްސާ އޮންނަ ޓީވީ ޗެނަލްކަމުގައިވާ 'ކަރަންޓްޓީވީ' އިން މިހަރަކާތްވަނީ ކަވަރު ކޮށްފައެވެ.

އެއްވެފައި ތިބި މީހުން ދަނީ މީޑިއާއިން މިކަން ކަވަރު ނުކުރާތީ އެކަމަށް ނުރުހުން ފާޅުކުރަމުންނެވެ. އަދި 'ޓީ ޕާޓީ' އިން މިފަދަ ކަމެއް ކުރާނަމަ މިއީ ފަލަ ސުރުހީއަށް އަރާނެ ކަމެެއްކަމަށް އެމީހުން ދިޔައީ ބުނަމުންނެވެ.

 

17 ސެޕްޓެމްބަރ 2011 (1 ވަނަ ދުވަސް)

އޮކިއުޕައި ވޯލް ސްޓުރީޓް މުޒާހަރާ ފެށިގެން އައީ އެތައް ދުވަހެއްގެ ތައްޔާރީތަކަށްފަހުގައެވެ. ޖޫން 9 ގައިވެސް މިހަރަކާތުގެ ވާހަކަ އައީ ދެކެވެމުންނެވެ. އެގޮތުން ޑޮމައިންތަކާއި ޖަމިއްޔާތައް އައީ އޭރުން ފެށިގެން ރަޖިސްޓްރީ ކުރަމުންނެވެ. މިހަރަކާތުގެ ފުރަތަމަ ދުވަހު ލަފާކުރެވޭ ގޮތުގައި 1000 މީހުން ވަނީ ޖަމާވެފައެވެ. މިއަދު ނިއުޔޯކްގެ ފުލުހުންވަނީ މުޒާހަރާ ކުރާ ފަރާތްތަކުން ޓެންޓު ޖެހުމާއި އެއްތަނަކަށް ޖަމާވެ ގިނައިރު ތިބުން މަނާ ކޮށްފައެވެ. އެހެންކަމުން އެއްވި މީހުން ދިޔައީ އެމަގުގައި އެކި ކޮޅުކޮޅަށް ހިނގަމުންނެވެ. މިއަދުގެ މިހަރަކާތުގައި ބައެއް ބައިވެރިން ވަނީ ވާހަކަ ދައްކާފައެވެ.

ތިރީގައިއެވަނީ މިހަރަކާތުގައި ބޭނުން ކުރި ބައެއްޕޯސްޓަރެވެ.

 

އެހެން ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.