ދިވެހި އިސްލާމީ އުންމަތުގެ ޒުވާނުން ޣާފިލް ކަމުގެ ނިދިން ހޭލުމަށް ޝައިޚް އާދަމް ޝަމީމް ގޮވާލައްވައިފި

ޙަސަން ޝިޔާޒް

ދިވެހި އިސްލާމީ އުންމަތުގެ ޒުވާނުން ޣާފިލް ކަމުގެ ނިދިން ހޭލުމަށާއި، ޝައިޠާނާ އާއި ޝައިޠާނާގެ ބައިވެރިން ޒުވާނުން މަގުފުރެއްދުމަށްޓަކައި ދައްކާ ދަޅަތަކަށް ހެއްލިގެން ނުދިއުމަށް ޝައިޚް އާދަމް ޝަމީމް ގޮވާލައްވައިފިއެވެ. ޝައިޚް މިކަމަށް ގޮވާލެއްވީ ހެންވޭރު އަޑި ޕާކް ގައި "ޒުވާނުންނަށް" މިމައުޟޫއަށް ރޭ ދަރުސް ދެއްވަމުންނެވެ.

ޝައިޚް ވިދާޅުވީ ކޮންމެ ޤައުމެއް އަދި ކޮންމެ މިއްލަތެއްވެސް ކުރިއަރާ ތަރައްޤީވުމުގެ ސިއްރަކީ ޒުވާނުން ކަމަށެވެ. އަދި އެތަނެއްގެ ޒުވާނުން އިޞްލާޙްވެ، ތެދުމަގަށް އަތުވެއްޖެނަމަ އެތަނެއްގެ ކަންތައްތައް އިޞްލާޙްވާނެ ކަމަށާއި، އަދި ޒުވާނުން ފަޞާދަ ވެއްޖެނަމަ އެތަނެއްވެސް ގެއްލުމާއި ހަލާކުގެ ތެރެއަށް ދާނެ ކަމަށެވެ.

ޝައިޚްގެ މިދަރުސްގައި ޤުރްއާނާއި ސުންނަތުގެ ޢަލީގައި އަދި އިސްލާމީ ތާރީޚްގައި ޒުވާން އުންމަތް ތަމްސީލްކޮށްދީފައިވާ މަތިވެރި، ހިތްވަރުގަދަ ނަމޫނާތަކުން މިސާލުދައްކާ ވަރަށް ޢިބްރަތްތެރި މެސެޖްތަކެއް ދިވެހި ޒުވާނުންނަށް ދެއްވިއެވެ.

"ލޮބުވެތި ޒުވާނުންނޭ. ތިބާ ތެދުމަގު ބޭނުންނަމަ، ތިބާ ސަލާމަތްކަން ބޭނުންނަމަ، ތިބާ ޙަޤީޤީ ޒުވާނަކަށް ބޭނުންވާނަމަ، ތިބާ ޙަޤީޤަތުގައިވެސް އެޒުވާނެއްގެ ގައިގައި ފުރާނަހުރި ދިރިހުރި ރަނގަޅު ޒުވާނަކަށް ވާން ބޭނުންވާނަމަ މާތް ﷲ ތިބާ އަށް ދެއްވާފައިވާ ނިޢުމަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފާ. ތިބާ އަށް ﷲ ޞުބްހާނަހޫވަތައާލާ ޒުވާންކަން ނަޞީބްކުރައްވައިފި. ތިބާ އަށް ލޮލުގެ ފެނުން ފުރިހަމަ ގޮތުގައި ދެއްވި. ކަންފަތުގެ އިވުން ފުރިހަމަ ގޮތުގައި ދެއްވި. ހިތާ ވިސްނުން ތިބާ އަށް ފުރިހަމަ ގޮތުގައި ދެއްވި. އޭގެ ބޭނުން މިއަދު ނުހިފައިފިނަމަ ތިބާއަކީ ކިތަންމެ ފުއްޕާފަ ހުރިނަމަވެސް، ތިބާއަކީ ކިތަންމެ ގައްޑާވެގެން އުޅުނު މީހެއް ކަމުގައި ވީނަމަވެސް، ތިބާ ކިތަންމެ ސަޅިވެ ކިތަންމެ ނަލަހެދިގެން އުޅުނު ކަމުގައިވިޔަސް ތިބާއަކީ ނިކަމެއްޗެއް. ތިބާއަކީ ދެރަ މީހެއް." ޒުވާނުންނަށް ﷲ ދެއްވާފައިވާ ނިޢުމަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ނަޞީހަތްދެއްވަމުން ޝައިޚް ވިދާޅުވިއެވެ.

ޒުވާނުންނަށް ހަމައެކަނި ސަލާމަތްވެ ރައްކާތެރިކަން ލިބޭނީ މާތް ﷲ ގެ ދީނަށް، އެކަލާނގެ އަށް އަޅުކަންކުރުމާއި ކިޔަމަންގަތުމުގެ މަގަށް އެނބުރި އައިސްގެން ކަމަށް ޝައިޚް ހަނދާންކޮށްދެއްވިއެވެ.

"އަޅުގަނޑުމެންގެ ޒުވާނުންނަށް ވަނީ އެޒުވާނުންގެ ނަފްސުތައް އޮޅިފައި. އެޒުވާނުންގެ އައިޑެންޓިޓީ ގެއްލިފައި. އެޒުވާނުންގެ ޝަޙްޞިއްޔަތު އޮޅިފައި. ތިބާއަކީ ވަލު ޖަނަވާރެއް ނޫން. ތިބާ އަކީ މިނިކާ އެއްޗެއް ނޫން. ތިބާ އަކީ ނިކަމެތި ބަލިކަށި މަޙްލޫޤެއް ނޫން. ތިބާ އަކީ އެއަށްވުރެ މަތިވެރި މަޙްލޫޤެއް. ތިބާ އަކީ މަސްތުވާ އެއްޗެއްސާއި، ދުންފަތުގެ ފަހަތުން ދުވަންޖެހޭ މީހެއް ނޫން. ތިބާ އަކީ މީހަކު ގޮތެއް ދައްކާލާ އިރަށް އެގޮތަށް ހެދެން ޖެހޭ މީހެއް ނޫން. ތިބާ އަކީ މަގުމަތީގައި ހިނގާފައިދާ ބަލިކަށި ޟައީފް ނިކަމެތިންނަށް އަނިޔާ ކުރުމަށް އެކަށީގެންވާ މީހެއް ނޫން. ތިބާ އަކީ ތަންތަނުގައި ތިބި ނުބައި ނުލަފާ މީހުންނާއި، ވަގުންނާއި ގުންޑާއިން ތިބާގެ ބޭނުން ބޭނުންހާ ގޮތަކަށް ހިފުމަށް ބޭނުންކުރަންޖެހޭ އާލާތެއް ނޫން. ތިބާއަކީ އެފަދަ ނުބައި ވިސްނުމުގެ އަހުލުވެރިން ބޭނުންކުރާ ހަތިޔާރަކަށް ވެގެން ނުވާނެ. ތިބާ ތިބާގެ ނަފްސު ދެނެގަންނަންވީ. ތިބާ އަކީ ކާކުގެ އަޅެއް ކަން. ތިބާ އަކީ ކާކުގެ ދަރިއެއް ކަން." ޒުވާނުންނަށް އެމީހުންގެ ޝަޙްޞިއްޔަތު ދެނެގަނެ ކާކުކަން ދެނެގަތުމަށް ޝައިޚް ދަޢުވަތު ދެއްވިއެވެ.

ޝައިޚް ވިދާޅުވީ ޝައިޠާނުން އެބައިމީހުންގެ މަޅިފަތިތައް ޖަހާ އެބައިމީހުންގެ ދަންތޫރަތައް ފަތުރާ، އެބައިމީހުންގެ ބާރާއި މުދަލުގެ ބޭނުންކޮށްގެން ޒުވާނުންނާއި ޢުންމަތްތަކުގެ މީސްތަކުން އަޅުވެތިކޮށްފައިވާ ކަމަށެވެ. މިގޮތުން ޒުވާނުންނަށް ވިސްނުމުގެ ފުރުޞަތެއް ނުދޭ ކަމަށާއި، އެބައިމީހުންނަށް ﷲ އާ ކުއްތަންވުމުގެ ފުރުޞަތެއް އަދި ހެޔޮ އެއްޗެއް އަޑުއަހާލާނެ ވަޤުތެއް ނުދޭ ކަމަށެވެ. އަދި މުޅި ދުނިޔޭގައި ކުފުރާއި ޝިރުކުގެ އަހުލުވެރިން ފަތުރާ ނުބައި ނެޓްވޯކަކީ އެއީ ކަމަށް ޝައިޚް ވިދާޅުވިއެވެ. ވުމާއެކު، އެބައިމީހުންގެ ނުރައްކާތެރި ދާގަނޑުގައި ޖެހިފައި ނުތިބެ ﷲ އާއި ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމްގެ ބަސްފުޅަށް އިޖާބަދިނުމަށް ޝައިޚް ގޮވާލެއްވިއެވެ.

18 އަހަރު ނުފުރޭ ޓީނޭޖް ކޮމާންޑަރުންތަކެއް، އެފަދަ ރަސްކަލުންތަކެއް، އެފަދަ މަތިވެރި ޒުވާނުންތަކެއް މިއުންމަތުގައި އުފެދި، އެފަދަ މަތިވެރި ހިތްވަރު ލިބުނީ ﷲ އާއި ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމްގެ ހިދާޔަތުން ކަމަށް ޝައިޚް ވިދާޅުވެދެއްވިއެވެ. ނަމަވެސް އެއީ މިއަދުގެ ފުރާވަރު ޒުވާނުން ގޭމާއި ކާޓޫންގައި އުޅޭ އުމުރު ކަމަށާއި، އެއްވެސް ހެޔޮކަމެއް ކުރަން ނުދަންނަ، އެހެންނަމަވެސް ދުނިޔޭގައި ލެއްވިހާ ނުބައި ފާޙިޝް ޢަމަލްތައް ކުރަން ދަންނަ ޒުވާނުންތައް ގިނަ ކަމަށް ޝައިޚް ވިދާޅުވިއެވެ.

"އެއްވެސް ޙާލެއްގައި ޒުވާނާގެ އަބުރަކީ، ޒުވާނާގެ މޮޅުކަމަކީ ތިބާ ދުނިޔެމަތީގައި އެންމެ އާދަޔާ ޚިލާފް މީހަކަށް ވުމެއް ނޫން. ތިބާ ދުނިޔެ މަތީގައި އެންމެ ނުލަފާ މީހާ އަށް ވުމެއް ނޫން. ތިބާ ތިބާގެ ބުރުސޫރަ އިންސާނީ ސޫރައާ ޚިލާފް ކުރުމެއް ނޫން. ހާލެއް ހެން ޕައްޕައް ކޮވެއްޔެއް ހެން ބޮލުގައި ކުލަޖައްސައިގެން މުޅި ގައިގައި ކުލަ އުނގުޅައިގެން ނުވަތަ ގެރި ބަކަރި ޖަނަވާރު ގެންގުޅޭ މީހުން އޭގެ ކަންފަތާއި ތަންތާނގަ ފާހަނގަލާފަ ހުންނަހެން ތިބާގެ މުޅި ގުނަވަންތައް ތޮރުފައިގެން ގަހަނާ އަޅައިގެން އަންހެނުން ލިބާސް ލާގޮތަށް ޒުވާން ފިރިހެން ކުދިން ޕިންކް ކުލައިގެ ފިޔާތޮށި ކުލައިގެ ފަޔަށް ބާރު މަސްގަނޑަށް ބާރު ސްކިނީ ލައިގެން ކިއްލި ލައިގެން މަގުމަތީގައި. އަސްތަޣްފިރުﷲ. އަންހެނެއް ފިރިހެނެއް ވައްކެއް ނުވޭ. ކޮބާތޯ ތިބާގެ އައިޑެންޓިޓީ؟ ކޮބާތޯ ތިބާގެ ޝަޙްޞިއްޔަތު؟ ތިބާތީ ކޮން މިއްލަތެއްގެ ކޮން މަޛްޙަބެއްގެ ކޮން ނަސްލަކުން އައި މީހެއްތޯ؟ ކޮބާ ތިބާގެ ރައްބު؟ ކޮބާ ތިބާގެ ބައްޕަ؟ ތިބާ ކޮންއިރަކު ތިބާގެ ރައްބު ހަނދާން ނެތުނީ؟" ޝައިޚް ވިދާޅުވިއެވެ.

ޝައިޚް ވިދާޅުވީ މިއަދު މުޖްތަމަޢުގެ ޒުވާނުން ﷲ އާއި ރަސޫލާގެ މަގު ދޫކޮށް ކީރިތި ޤުރްއާނާއި ދުރުހެލިވެ، ޝައިޠާނާ އަށް އަޅުވެތިވުމުގެ ސަބަބުން އެ ޝައިޠާނާ ޒުވާނުންގެ ބޮލަށް ވަދެ އޭނާ މަގުފުރައްދަމުން ގެންގޮސް އޭނާ އަށް އޭނަ އަކީ އިންސާނެއް ކަން ވެސް ނޭނގޭ ޙާލު ޖައްސާފައިވާ ކަމަށެވެ. އަދި ފިރިހެނަކަށް ފިރިހެނެއްކަން ވެސް ނޭނގޭ ޙާލު ޖައްސާފައިވާ ކަމަށާއި، އަނެހެނަކަށް އަންހެނެއްކަން ވެސް ނޭނގޭ ޙާލު ޖައްސާފައިވާ ކަމަށެވެ.

ޒުވާން އަންހެން ކުދިން އައުރަ ނިވާކުރުމަށާއި، ޢިއްފަތާއި އަބުރު ރައްކާތެރިކޮށް އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް އުޅުމަށް ޝައިޚް ނަޞީހަތްދެއްވިއެވެ.

"ޒުވާނުން ޤުރްއާނާއި ސުންނަތަށް ތަރުބިއްޔަތު ނުކޮށްފިނަމަ އެޒުވާނުން ގެއްލި ހަލާކުވާނެ. ޒުވާނުން ސަލާމަތެއް ނުވާނެ. ޢުންމަތުގެ އަންނަން އޮތް ޖީލު ޑްރަގާއި މަސްތުވާތީގެ ތަފާތު ބާވަތަތްކާ އަދިވެސް އެހެން ނުބައި ޙަރާމް ކަންތައްތަކާ ފޭރުމާ ލޫޓުވުމާ ގުންޑާއިންނާއި ޑާކޫންގެ ހަތިޔާރަކަށްވެ ހަލާކުވެގެން ދާނެ. މިޢުންމަތުގައި ބޮޑެތި ބަލިމަޑުކަމާ އިލާހީ ކޯފާ އަންނާނެ. އަދި މިޢުންމަތް ދުވަހަކު ސަލާމަތްނުވާ ދަރަޖަ އަށް ދާނެ." ޝައިޚް ވިދާޅުވިއެވެ.

މައިންބަފައިންނަށާއި މަޞްއޫލްވެރިފަރާތްތަކަށް އެމީހުންގެ މަޞްޢޫލިއްޔަތު ރަނގަޅަށް އަދާކުރުމަށް ޝައިޚް ގޮވާލެއްވިއެވެ. މިގޮތުން ދަރިން ތަރުބިއްޔަތު ކުރުމަށްޓަކައި ދަރިން ބެލެހެއްޓުމަށްޓަކައި ކުޑައިރުއްސުރެ ޓީ.ވީ ޗެނަލްތަކާ ޙަވާލުނުކުރުމަށާއި، ބޮލީވުޑާއި ހޮލީވުޑްގެ ފިލްމް ތަކުން އެކުދިން މައިތިރި ނުކުރުމަށާއި، އެކުދިން ސަކަރާތް ޖަހާތީ ކާޓޫނާއި ފިލްމު ބެލުން ފަދަ ބޭކާރު ކަންތައްތައް ކުރަން ޙަވާލު ނުކުރުމަށް ޝައިޚް ނަޞީހަތްތެރިވިއެވެ. އެއީ ޝައިޠާނީ އެއްޗެހިތަކެއްކަން ހަނދާންކޮށްދެއްވިއެވެ. މާތް ﷲ އެކުދިން ދެއްވަވަނީ އެކުދިން ބެލެހެއްޓުމަށްޓަކައި ކަން ހަނދާންކޮށްދެއްވާ މައިންބަފައިންގެ ޥާޖިބް އަދާކުރުމަށް ޝައިޚް ގޮވާލެއްވިއެވެ.

"އެޒުވާނުންނަކީ ޢިއްފަތްތެރި، ޢިއްޒަތްތެރި، ހިތްވަރުގަދަ މާތް ޒުވާނުންތަކެއް ކަމުގައި ނުހަދައިފިނަމަ ތިބާ ﷲ ގެ ޙަޟްރަތުގައި މަޞްޢޫލްވާނެ. އެފަދަ ބައެއް ކަމުގައި ޢުންމަތް ހެދުމަށްޓަކައި ވެރިން މަސައްކަތް ނުކޮށްފިނަމަ މަޞްޢޫލްވާނެ. ޤައުމުގައި ޒުވާނުން މަގުފުރެއްދުމަށްޓަކައި ހިންގޭ ޕްރޮޕެގެންޑާތަކާއި ރޭވުންތައް ނުހުއްޓައިފިނަމަ އެބައިމީހުން މަޞްޢޫލްވެރި ވާނެ. އެންމެ ރީތިކޮށް ލަވަކިޔާ ޒުވާނާ ހޮވަންވެގެން ވޮއިސް އޮފް މޯލްޑިވްސް، އެއީ ކޮންކަހަލަ ވޮއިސް އެއް. އަވަގުރާނަ ގޮވާ ވޮއިސްއެއް. ޛިކުރުކުރާ ވޮއިސް އެއް ނޫން އެއީ. އިންޑިޔާ މީހުން ކުރާތީ، އެމެރިކާ މީހުން ކުރާތީ ދިވެހިންވެސް ވެއްޖެ ކުރަން. އެންމެ ހަޑިމުޑުދާރުކޮށް އެންމެ ސެކްސީކޮށް ހެދުން އަޅައިގެން އެންމެ ބޮޑަށް ގައިގެ ވަނާތައް އެނގޭނެ ގޮތަށް ހެދުން އަޅައިގެން ލަވަކިޔާ ނަށާނެ ޒުވާނުން އުފައްދާ ޕްރޮގްރާމްތައް. އެ އެއްޗެހި ހިލޭ ސާބަހަށް ލައިވް ކޮށްދެވޭ. އެތަކެއްޗަށް ލައްކައިން މިލިއަނުން ހޭދަކުރެވޭ. ކޮންބައެއްތޯ އެކަންކުރަނީ؟ އެބައިމީހުން މަޞްޢޫލްވާން ޖެހޭނެ. އެބައިމީހުން މާތް ﷲ ގެ ދީނާއި އެކަލާނގެ ނަބިއްޔާ ގެނެސްދެއްވި ޙިދާޔަތާ އިދިކޮޅަށް ގޮންޖަހާލުމުގެ ސަބަބުން މާތް ﷲ ގެ ދީން ޙަލާކުކުރުމަށް މަސައްކަތްކުރާތީ އެކަމުގައި މަޞްޢޫލްވެރި ވާންޖެހޭނެ. ޒުވާން ޢުންމަތް ހަލާކުވެގެން ދާތީ އެކަމުގެ މަޞްޢޫލިއްޔަތު އުފުލަން ޖެހޭނެ." ޝައިޚް ވިދާޅުވިއެވެ.

އެންމެހާ ޒުވާނުންނަށް އަވަހަށް ތަޢުބާވެ ﷲ ގެ މަގަށް ރުޖޫޢަވުމަށް ޝައިޚް ނަޞޭހަތްތެރިވިއެވެ.

ޝައިޚް ރޭގެ ދަރުސް ނިންމާލައްވަމުން މިޢުންމަތުގެ ޒުވާނުންގެ ޖީލު ރައްކާތެރިކޮށްދެއްވުމަށާއި ތެދުމަގު ދެއްކެވުން އެދި އަޘަރުން ފުރިގެންވާ ދުޢާއެއް ކުރެއްވިއެވެ.

ޒުވާނުންތަކެއް އިންތިޒާމްކޮށްގެން ރޭ ބޭއްވި މިދަރުސް ރޭޑިއޯ އެޓޯލް 96 އެފް.އެމް އިން ވަނީ ވަޤުތުން ދުރަށް ފޮނުވާފައެވެ.

ދަރުސްގެ ވީޑިއޯ

އެހެން ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.