ކުރީގެ މަޝްހޫރު ލަވަކިއުންތެރިޔާ ޢަލީ ރަމީޒްގެ ސުވާލުތަކަށް، ލަވަކިއުން ހުއްޓާލާފައިވާ ޝާނީ ޖަވާބު ދީފި !
ކުރީގެ މަޝްހޫރު ލަވަކިއުންތެރިޔާ ޢަލީ ރަމީޒްގެ ސުވާލުތަކަށް، ދާދި ފަހުން ލަވަކިއުން ހުއްޓާލިކަން އިޢުލާންކޮށްފައިވާ ކުރީގެ މަޝްހޫރު ލަވަކިއުންތެރިޔާ އައިމިނަތު ޝާނީޒް (ޝާނީ) ޖަވާބު ދީފިއެވެ. ޢަލީ ރަމީޒް ޝާނީ އާއި ކޮށްފައިވާ ސުވާލުތަކާއި، އެސުވާލުތަކަށް ޝާނީ ދިން ފުރިހަމަ ޖަވާބުތައް ޢާއްމުންނާއި ހަމައަށް ގެނެސްދީފައިވަނީ ރޭ ސަން އެފް.އެމް އިން ފޮނުވި "ޢިލްމީ ޚަޒާނާ" ޕްރޮގްރާމްގައެވެ. ދިވެހިންގެ ވަރަށް ގިނަބަޔަކު ބޮޑު ތަރުޙީބެއްދޭ އަދި ފޫހިކަމެއްނެތި އަޑުއަހަމުންދާ "ޢިލްމީ ޚަޒާނާ" އަކީ ކޮންމެ ހޯމަ ދުވަހެއްގެ ރޭ 22:00 ން 23:00 އަށް ސަން.އެފް.އެމް އިން ފޮނުވާ ޢިލްމީ މުހިންމު ޕްރޮގްރާމެކެވެ.
މިއުޒިކީ ދާއިރާ އާއި ދުރަށް ދެވުނީމަ ޝާނީ ވަރަށް އުފާވެފައި، ވަރަށް ހިތްހަމަޖެހިފައި
1- ޝާނީ މިއުޒިކާއި ލަވައިން އަތްދޫކޮށްލި ޚަބަރު ވެގެން ދިޔައީ ވަރަށް ގިނަ ބަޔަކަށް ހައިރާންކަން ގެނުވި ޚަބަރަކަށެވެ. ފުރަތަމަ ސުވާލެއްގެ ގޮތުން، މިއުޒިކާއި ލަވަ ހުއްޓާލީ ކީއްވެތޯ ސުވާލުކުރުމުން ޝާނީ ބުނެފައިވަނީ މިއުޒިކް ދާއިރާގައި 13 އަހަރުވަންދެން އުޅުނު އިރު އެންމެ ފުރަތަމަ ދުވަހުއްސުރެ ފަށައިގެން ދުވަހަކުވެސް ހިތްހަމައެއް ނުޖެހޭ ކަމަށާއި، ވަރަށް ހިތް ނުތަނަވަސްވާ ކަންތައްތައް ދިމާވަމުންދާ ކަމަށާއި، މައްސަލަތަކާއި އުނދަގޫތައް ވަރަށް ބޮޑަށް ކުރިމަތިވަމުންދާ ކަމަށާއި، މިހެންވުމުން ލަވަކިޔަން ފެށިތާ ދެއަހަރެއްވަރު ވީތަނާ، މަޑުމަޑުން މިކަމަކީ ކޮންކަހަލަ ކަމެއްތޯ ދިރާސާތައް ކުރަން ފެށިކަމަށާއި، އިންޓަނެޓުން މިއުޒިކާއި ބެހޭ އެކި މަޢުލޫމާތު ހޯދަންފެށި ކަމަށާއި، އޭރު މިއުޒިކާއި ލަވައިގެ ތެރޭގައި އުޅޭތީ ދިރާސާ ކުރުމަށް އެހާ ބޮޑަކަށް ނޫޅެވޭ ކަމަށެވެ.
މިގޮތުން އެދާއިރާގައި އުޅޭތާ 3 އަހަރު ނުވަތަ 4 އަހަރު ވެފައި ވަނިކޮށް ޝައިޚެއްގެ ފަރާތުން މިއުޒިކަކީ ޙަރާމް އެއްޗެއް ކަން އެނގުނު ކަމަށާއި، އޭރުއްސުރެ އެންމެ ހިތުގެ އަޑިން މިއުޒިކަކީ ޙަރާމް އެއްޗެއް ކަން ޤަބޫލުކުރާމަށާއި، ނަމަވެސް އެއްވެސް މީހަކު ގާތުގައި އެވާހަކަ ނުބުނާ ކަމަށާއި، އޭރު އޭގެ ތެރޭގައި އުޅުނީމަ ހިތަށް އަރަމުން ދިޔައީ ކުރާނެ އެނޫން ކަމެއްވެސް ނެތޭ ކަމަށާއި، އޭރުގައި އިނދެގެން އުޅުނު މީހާ އަކީ ވެސް މިއުޒިކީ މީހަކަށްވެފައި، އެގޮތުގެ މަތިންވެސް ދެމީހުން އެއްކޮށް އެކަމުގައި އުޅެވުނީ ކަމަށާއި، އަބަދުވެސް އުނދަގޫތައް ވަމުން ދާ ކަމަށެވެ.
ޝާނީ ބުނީ ދިރާސާކުރަމުން ދިޔައިރު، އެތައް ބައެއްގެ، އެތައް ޝައިޚުންގެ ވާހަކައިންނާއި، ޝާނީ މަދުން ކިޔާފައިވާ ލިޔުންތަކުންވެސް މިއުޒިކީ ދާއިރާގައި މަސައްކަތްކުރުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ޤަބޫލުކުރެވިފައިވާ ކަމަށާއި، އަބަދުވެސް ހިތުގައި ހުއްޓާލުމުގެ ވިސްނުން އޮންނަ ކަމަށާއި، މިދިޔަ ދެއަހަރެއްގެ ތެރޭ އުޅުނީ އެދާއިރާއާއި ވަރަށް ދުރުވެގެން ކަމަށާއި، މިދިޔަ އަހަރަކީވެސް އެއްކޮށް ހުއްޓާލަން ނިންމި އަހަރެއް ކަމަށާއި، އެކަމަކުވެސް ވާގޮތަކީ އެންމެ ފަހު ފަހަރު މީސްމީހުން ކޮންމެވެސް ލަވައެއް އެއްޗެއް ގެނައުމުންނާއި، އެކަމުގައި އުޅޭ މީހަކަށް ވީމަ، އެކަމާއި ދެކޮޅަށް އެއްޗެއް މީހަކު ބުންޏަސް ޤަބޫލެއް ނުކުރާނެ ކަމަށާއި، ވިސްނަމުން ވިސްނަމުން ގޮސް މިއަހަރު ކޮންމެ ގޮތެއް ހަދާފައި ނަމަވެސް މިކަން ހުއްޓާލާނަމޭ، ދެން ޖެހޭނީ ހަމަ ހުއްޓާލާށޭ، އެހެންނޫނީ ދުވަހަކުވެސް މިކަމުން ސަލާމަތެއް ނުވެވޭނެއޭ، މިހެން ހިތަށް އަރާ، މިދިޔަ އަހަރުއްސުރެ ހުއްޓާލަން ރާވާފައިވާ ކަމަށެވެ. އަދި ބުރުގާ އަޅަން ޚިޔާލްކުރީކީ އިހަކަށް ދުވަހަކު ނޫން ކަމަށާއި، އެކަމަކީ ކުރިންވެސް ކުރަން ނިންމާފައި އޮތް ކަމެއް ކަމަށާއި، މީހުންނަށް އެނގުނީމަ ބޮޑު ކަމަކަށް ހަދައިގެން އުޅެނީ ކަމަށެވެ. ޝާނީ އިތުރަށް ބުނި ގޮތުގައި ފެށުނީއްސުރެ ވިސްނަމުން އައި ގޮތާއި އެއްގޮތަށް މިއަދު ކަންތައް ކުރެވުނީމަ އޭނާ ހުރީ ވަރަށް އުފާވެފައި، ވަރަށް ހިތްހަމަޖެހިފައެވެ.
މިއުޒިކްގެ ސަބަބުން ހަމަ ހިތަށް އުނދަގޫވަނީ، ބޮލަށްވެސް އުނދަގޫވަނީ.
2- ވަރަށް ގިނަ މީހުން މިއުޒިކުން ހިތްހަމަޖެހުން ލިބޭ ވާހަކަ އާއި މިއުޒިކަކީ ފުރާނައިގެ ކާނާ އޭ މިފަދަ ވަރަށް ފޮނި ފޮނި ބަސްތައް ބުނަމުންދާތީ، ދެވަނަ ސުވާލެއްގެ ގޮތުން މިއުޒިކުން ހިތްހަމަނުޖެހޭ ވާހަކަ ޝާނީ ތިވިދާޅުވަނީ ކީއްވެގެންތޯ އާއި ފެށުނީއްސުރެވެސް މިއުޒިކުން ހިތްހަމަޖެހުން ނުލިބޭތޯ އެހުމުން ޝާނީ ބުނެފައިވަނީ ހަމައެއްގޮތަކަށްވެސް ބުނެދޭކަށްވެސް ނޭނގޭ ކަމަށާއި، އޭގެ ސަބަބުން އެންމެ ކުރީއްސުރެވެސް "ހަމަ ހިތަށް އުނދަގޫވަނީ، ބޮލަށް އުނދަގޫވަނީ" ކަމަށެވެ. އަދި އޭނާ ބޭންޑެއްގައި އުޅުނަސް، ނޫނިއްޔާ ޓީވީއެއްގައި އިންޓަވައިއުއެއް ދޭން، ލވައިގެ ކަމެއްގައި، ޝޯއެއްގެ ކަމެއްގައި އުޅޭއިރުވެސް ދުވަހަކުވެސް މިހާތަނަކަށް ހިތްހަމަޖެހުމެއް ލިބިފައެއް ނެތް ކަމަށާއި، 13 އަހަރުވާންދެން ސްޓޭޖްތަކަށް އެރިއިރު ލަވަކިޔަން މައިކް ކައިރީގައި އިންނަ އިރުވެސް އަސްލުގައެއް މީހުން ޤަބޫލެއް ނުކުރާނެއޭ، އަދި މިތަނަށް އަރާ ކީއްކުރަންހޭ މިހުންނަނީ، މީދެން ކޮންކަމެއްހޭ ހިތަށް އަރާ ކަމަށާއި، ތުރުތުރުވެސް އަޅާ، އުނދަގޫވެސް ވާކަމަށް ޝާނީ ބުންޏެވެ. މިއުޒިކުން ހިތްހަމަޖެހުން ލިބޭ ވާހަކަ މީހުން ބުނަމުންދަނީ ކީއްވެގެން ކަމެއް ނޭނގޭ ކަމަށާއި އޭނާ އަށް އެއްގޮތަކަށްވެސް އޭގެން ހިތްހަމަޖެހުމެއް ލިބިފައިނުވާ ކަމަށް ޝާނީ އިތުރަށް ބުންޏެވެ.
ވަރަށް ގިނައިން ފިއްތުންތައް އަންނަމުންދޭ
3- ތިންވަނަ ސުވާލެއްގެ ގޮތުން ޢަލީ ރަމީޒް ކޮށްފައިވާ ސުވާލަކީ " މަޝްހޫރު ލަވަކިއުންތެރިޔަކު 13 އަހަރުވަންދެން މިއުޒިކް ތެރޭގައި އުޅުމަށްފަހު ހުއްޓާލުމާއި ގުޅިގެން ވަރަށް ގިނަމީހުންގެ ފުރައްސާރަތައްވެސް އަންނާނެ. ފިއްތުންތައްވެސް އަންނާނެ. ބައެއް ލަވަކިއުންތެރިން އެބަ ހުރި ހުއްޓާލާފައި. އަނެއްކާ ފައްޓާފައި. ބައެއް މިއުޒިޝަނުންވެސް ހަމަ އެގޮތަށް އެބަ ތިބި. ޝާނީ އާއި މެދުވެސް މިކަހަލަ މިކަހަލަ ވާހަކަތައް ދެކެވޭނެ ކަމަށް އަޅުގަނޑު ޔަޤީންކުރަނީ. އަޅުގަނޑުވެސް އެކަން ތަޖުރިބާކޮށްފައި ހުރި މީހެއް. ކިހިނެއްތޯ ޝާނީ މިކަމުގައި ދެން ކުރިއަށް އޮތީ ؟ " މިއެވެ.
ޝާނީ މިސުވާލުގެ ޖަވާބުގައި ބުނެފައިވަނީ ވަރަށް ގިނައިން ފިއްތުންތައް އަންނަމުންދާ ކަމަށާއި، ޚާއްޞަކޮށް މިއުޒިކާއި، މުނިފޫހިފިލުވުމުގެ ދާއިރާގައި އުޅޭ މީހުންނާއި ޢާއްމުންގެ ފަރާތުންވެސް ވަރަށް ފާޑު ފާޑުގެ ނޭދެވޭ ބަސްތައް އިވެމުންދާ ކަމަށާއި، ބައެއް މީހުން ކުރު ޗުއްޓީއެއް ނެގީ ކަމަށް ބުނަމުންދާކަމަށާއި، އެނބުރި މިއުޒިކީ ދާއިރާއަށް އަންނާނެ ކަމަށް ބުނަމުންދާކަމަށެވެ. "އެކަމަކު 13 އަހަރުވަންދެން މިކަމުގައި އުޅަފައި، މިކަން އެކްސްޕީރިއަންސް ކޮށްފައި، މިކަމުން ހިތްހަމަޖެހުން ނުލިބުނު މީހަކު، ދެން އަނެއްކާ އަނބުރާ ކީއްކުރަންތޯ ދާންވީ؟" "އަނެއްކާ ހުއްޓާލުން މިއީ ކޮންމެހެން ވަކި އެޖެންޑާއެއްގެ ދަށުން ކުރި ކަމެއް ނޫން. ބައެއް މީހުން ބުނޭ ބަޔަކު އެއްޗެއް ކީހޭ. ރަނގަޅަށް ރިސާޗް ހަދައިގެން ހޭ ތިހުއްޓާލީ" ޝާނީބުންޏެވެ. އިތުރަށް ޝާނީ ބުނި ގޮތުގައި މިނިންމުމަކީ އަމިއްލަޔަށް ނިންމި އަމިއްލަ ނިންމުމެކެވެ.
މިއުޒިކީ ދާއިރާ ގައި އުޅުމަކީ އެއްވެސް ފައިދާ އެއް ނެތް ކަމެއް
4- "ޝާނީގެ ވަރަށް ގިނަ ފޭނުން ތިބޭނެ ރާއްޖޭގައި. ކޮބައިތޯ ޚާއްޞަކޮށް މިއުޒިކްގެ ފޭނުންނަށް ނޫނީ މިއުޒީޝަނުންނަށް ދޭން ބޭނުންވާ މެސެޖަކީ ؟ އަދި ޢާއްމުކޮށް ދިވެހި ހުރިހާ މުސްލިމުންނަށް ދޭންވާ މެސެޖަކީ ކޮބާ ؟"
ޝާނީ ބުނެފައިވަނީ 13 އަހަރު މިއުޒިކީ ދާއިރާގައި އުޅުނުއިރު ރޭޑިއޯ، ޓީވީ، ނޫސް ތަކަށް މިހާތަނަށް ވަރަށް ގިނަ އިންޓަވިއުތައް ދެވިފައި ހުންނާނެ ކަމަށާއި، މިފަދަ އިންޓަވިއުތަކުގައި ރާއްޖޭގެ މިއުޒިކް ދާއިރާ އަށް ވަންނަން ބޭނުންވާ ކުދިންނަށް ދޭން ބޭނުންވާ މެސެޖަކީ ކޮބައިހޭ އެހުމުން އަބަދުވެސް ބުނެފައި ހުންނާނީ މިކަމަކީ ރާއްޖޭގައި ކުރާކަށް އެންމެ ރަނގަޅު ކަމެއް ނޫނޭ ކަމަށެވެ. މިއުޒިކީ ދާއިރާއަކީ ވަރަށް ބޮޑު އާމްދަނީ އެއް ނޫނީ ހިތްހަމަޖެހުމެއް ލިބޭ ކަމެއް ކަމުގައި މީހުން ބުނާ ބުނުމަށް ޝާނީ ވަނީ އިންކާރުކޮށްފައެވެ. ޝާނީ ބުނިގޮތުގައި މިއުޒިކަކީ އާމްދަނީގެ ގޮތުން ބަލާއިރުވެސް، ދާއިމީ ގޮތެއްގައި އެއްވެސް ރަނގަޅު އާމްދަނީއެއް ލިބޭ ކަމެއް ނޫން ކަމަށާއި، ގޮތް ނޭނގޭ ދާއިރާއެއް ކަމަށާއި، އެކި ދުވަހު އޮންނާނީ އެކި ގޮތަށް ކަމަށެވެ. މީގެ އިތުރުން މީހަކު ކަމެއް ކުރަންޏާ "ޖޮބް ސެޓިސްފެކްޝަނޭ" ކިޔާ އެއްޗެއްވެސް އޮންނަން ޖެހޭނެ ކަމަށާއި، އެމީހާ އެކުރާ ކަމަކުން ހިތްހަމަޖެހުމެއް ލިބެންޖެހޭނެ ކަމަށައި، މިއުޒިކީ ނުވަތަ ފިލްމީ ދާއިރާއިން އޭނާ އާއި ދިމާވެފައިވާ އެންމެން ވެސް ތިބެނީ ހިތްނުތަނަވަސް ކަމެއްގައި ކަމަށާއި، އެކަކަށްވުރެ އަނެކަކު މޮޅުވާން، ނޫނިއްޔާ ކޮންމެވެސް ހަސަދަވެރިކަމެއްގެ ތެރޭގައި ކަމަށެވެ.
ޝާނީ އިތުރަށް ބުނި ގޮތުގައި ގިނަ މީހުންނަށް މުހިންމުވަނީ މަޝްހޫރުކަން ކަމަށާއި، މިއުޒިކް ކުޅެ، ނުވަތަ މުނިފޫހިފިލުވުމުގެ ދާއިރާ އަކީ އެއްވެސް ހިތްހަމަޖެހުމެއްވެސް ލިބޭނެ ކަމެއް ނޫން ކަމަށާއި، މީހާގެ އުމުރުން ދުވަސްވެ ވަކި އުމުރަކަށް ދިއުމުން އެކަމަކުން ކުރިއަކަށްވެސް ނުދެވޭނެ ކަމަށާއި، ދެން މީހާ އަށް ވަރަށް އެހެން ކަހަލަ ޕްރެޝަރވެސް އަންނާނެ ކަމަށާއި، ހުރިހާކަމެއްވެސް މިކަމުގެ ތެރޭގައި އުޅޭ މީހުންނަށް އެނގޭނެ ކަމަށާއި، އެކަމަކު އެއްވެސް ބަޔަކު އެކަމަށް އިޢުތިރާފުވާން ބޭނުން ނުވަނީ ކަމަށެވެ. "އެހެންވީމަ، އެއްވެސް ފައިދާ އެއް ނެތް ކަމެއް މިކަމަކީ ކުރަން." ޝާނީ ބުންޏެވެ.
ހުރިހާވެސް އެއްޗަކީ ހަމަ ވިޔަފާރި
5- "އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނައިން މިއުޒިކް ކުރިއެރުވުމަށް ތަފާތު ބޮޑެތި ހަރަކާތްތައް ބާއްވާ، މޮޅެތިހާ ނަން ކިޔައިގެން މިއުޒިކް ކުރިއެރުވުމަށް ވަރަށް ގިނަ ބަޔަކު އެބައުޅޭ. ވަރަށް ބޮޑު ޚަރަދުތަކެއްވެސް އެބަ ކުރޭ. ކޮބައިތޯ މިބައިމީހުންގެ އެޖެންޑާ އަކީ؟ "
ޝާނީ ޖަވާބުގައި ބުނެފައިވަނީ "އަޅުގަނޑު ހަމަ ވަރަށް ތެދަށް ބުނާނީ. އަޅުގަނޑު މިހެން ބުނެގެން ވަރަށް ބޮޑު ކަމަކަށްވެސް ވެދާނެ. ރާއްޖޭގައި މުނިފޫހިފިލުވަން ބާއްވާ ގިނަ ކަންތައްތަކަކީ ހަމަ ހުރިހާވެސް އެއްޗަކީ ހަމަ ވިޔަފާރި. ކޮންމެ ކަމެއްވެސް ނިމިފައި އިންނާނީ ހަމަ ވިޔަފާރިއަށް" ކަމަށެވެ. އަދި ގިނަ ފަހަރު މިފަދަ ކޮންމެވެސް އިވެންޓެއް ނޫނީ ކޮންމެވެސް ޝޯ އެއް ބާއްވަނީ ކުއްލިއަކަށް ބައިވަރު ފައިސާ ހޯދުމުގެ ނިޔަތުގައި ކަމަށާއި، ބާއްވާއިރު ސްޕޮންސަރޝިޕާއި، ވިޔަފާރީގެ ބައިވަރު ބައިތައް ހުޅުވިގެން ދާ ކަމަށާއި، ގިނަފަހަރު އަސްލު ފަންނާނުންނަކަށް އެކަށީގެންވާވަރުގެ އެއްވެސް އެއްޗެއްވެސް ނުލިބޭ ކަމަށާއި، އިވެންޓްގައި އެންމެ ބޮޑު ފައިދާ އެއް ނަގާ ބަޔަކީ މިބާއްވާ ބޮޑު ޝޯތަކާއި ހަރާކާތްތައް އިންތިޒާމް ކުރާ ފަރާތް ނޫނީ ކޮމްޕެނީ ކަމަށެވެ. އަދި ފަންނާނުން މިދަނީ އެބައެއްގެ ޕަބްލިސިޓީ އަށް ކަމަށާއި، އެއްވެސް ހާލެއްގައި މިއުޒިކާއި މުނިފޫހިފިލުވުމުގެ ދާއިރާ ޕްރޮމޯޓްކުރުމަށްޓަކައި ބާއްވާ އެކި ޝޯތަކާއި އެފަދަ ހަރަކާތްތަކުން އެކަމުގައި ބައިވެރިވާ އެއްވެސް ފަންނާނަކަށް އޭގެން އެއްވެސް ފައިދާ އެއް ކުރާނެ ކަމެއް ކަމުގައި ޝާނީ ނުދެކޭ ކަމަށެވެ. "ފައިދާއެއް ނުކުރާނެ. ހަމަ ނުކުރާނެ." ޝާނީ ބުންޏެވެ.
ކުރިއަށް އޮތްތާގައި މުނިފޫހިފިލުވުމުގެ ދާއިރާގެ އެއްވެސް ކަމަކުން، އެއްވެސް ހައިސިއްޔަތަކުން ނުފެންނާނެ އިންޝާ ﷲ
6- ފަހު ސުވާލެއްގެ ގޮތުން މިއުޒިކާއި ލަވައިގެ ދާއިރާ އިން ކުރިއަށް އޮތްތާގައި ފެނިދާނެތޯ އެހުމުން ޝާނީ ބުނެފައިވަނީ ކުރިއަށް އޮތްތާގައި މުނިފޫހިފިލުވުމުގެ ދާއިރާގެ އެއްވެސް ކަމަކުން، އެއްވެސް ހައިސިއްޔަތަކުން ނުފެންނާނެ ކަމަށެވެ. "ދެން އިންޝާ ﷲ އެގޮތަށް އެކަން ހަމަ ދާނީ. މިހާރު ނިންމާފައިވާ ގޮތަށް، ހަމަމިގޮތުގައި ހުންނާނީ އިންޝާ ﷲ . ހުންނަން ބޭނުންވަނީވެސް މިގޮތުގެ މަތީގައި" ޝާނީ ބުންޏެވެ.
"ޢިލްމީ ޚަޒާނާ" ގެ އެހުންތެރިންނަށާއި ޢާއްމުކޮށް ހުރިހާ މުސްލިމުންނަށް ޝާނީ ވަނީ ރޭގައި ވަރަށް އުފާވެރި ޚަބަރުތަކެއް ދީފައެވެ.
ﷲ އައިމިނަތު ޝާނީޒް އިސްލާމްދީނުގެ ސީދާ މަގުގައި ޘާބިތުކުރައްވާށިއެވެ. އައިމިނަތު ޝާނީޒްގެ ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް ފަހިކޮށްދެއްވާށިއެވެ. އާމީން.
---------------------------------------------------------------------------------------------------------------------
ޝާނީގެ އިންޓަވިއު އަޑުއެއްސެވުމަށް :
އެހެން ވީޑިއޯ
"ދާރިސް" ގެ ނަމުގައި ސަލަފުން މަޖައްލާއެއް ނެރެފި
ރޯދަވެރިންނަށް 30: ޝައްވާލު 6 ރޯދަ ހިފާނީ ކިހިނެތް؟
ރޯދަވެރިންނަށް 29: މާތް މަތިވެރި ގުދުސީ ޙަދީޘްފުޅެއް!
ރޯދަވެރިންނަށް 28: ގޭގައި ޢީދު ނަމާދު ކުރާނީ ކިހިނެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 27: އެ ދުވަހުން އެކުވެރިންނަކީ ކޮން ބައެއް!
ކޮވިޑް19 ނަސޭހަތް: ﷲގެ އުލޫހިއްޔާތަށް އީމާންވުމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ؟
ރޯދަވެރިންނަށް 25: މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ 6 ޚުލްޤުފުޅެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 24: ކުޑަ ކަމަކުން ބޮޑު ޘަވާބު!

ކޮމެންޓް (0)
ލޯޑް ކުރަމުން...