ރިޕޯޓް

އިޝްޤުގައި ޖަހާ ގޮށް މޮހެނީ ކީއްވެ؟

ދިވެހި ޒުވާނުންގެ ލޯބީގެ ވާހަތަކަކީ ވަރަށް ލޯބި ހިތި ވާހަކަތަކެކެވެ. ތަފާތު ރަހަތަކާއި ޒަމާނީ ކުލަތަކުން ޖަރީވެފައިވާ އެލޯބިތަކުގެ ވާހަކަތައް ނުހަނު ގިނައިން އަޑުއިވެއެވެ. ތަފާތު އެކި އޮއިވަރުތަކުގައިޖެހި ބައެއް ލޯބީގެ ބޮއްކުރާތައް ބެހިގެން ދިޔަ ހިސާބެއްވެސް ނޭނގެއެވެ. ހުޅަނގުގެ ކާފަރުންނާއި ދީނާ އިދިކީލަ މީހުންގެ ފަލްސަފާތަކުގެ މައްޗަށް މިސްރާބު ސީދާކޮށްފައިވާ އެބައިމީހުންގެ ލަވް ސްޓޯރީތަކުގެ ތޫފާންތަކަށް ނިމުމެއް ނެތެވެ. ނަގާފައިވާ ކަޅު ބޯ ވިލާތަކުން ސަލާމަތްވެ މިންޖުވާނެ ގޮތެއް އެވާހަކަ ތަކުގެ ބަތަލުންނާއި ބަތަލާއިންނަށް ވެސް ނޭންގެއެވެ.

އާދެ! ދައްކަން މިއުޅެނީ ދިވެހިންގެ ތެރޭގައި ވަރި ގިނަ ވާހަކައެވެ. ދިވެހި ޒުވާން ޖޯޑުތަކުގެ ލޯބީގެ ގޮށްތައް ފިސާރި އަވަހަށް ރޫޅޭ ވާހަކައެވެ. ރާއްޖެއަކީ ވަރި ގިނަ ޤައުމެއްކަމަށް އަޑުފަތުރާ ކޮންމެ ފަހަރަކު އިސްލާމްދީނާއި ގުޅުވައެވެ. އަދި ހުޅަނގުގެ އާދަތަކާއި ގޮތްތަކަށް ތަރުހީބުދީ އެވާހަކަތަކުގެ އަޑު މީސްމީޑިޔާގައި ގަދަކުރެއެވެ. އެހެންކަމުން މިރިޕޯޓްގައި މި އަލިއަޅުވައިލަނީ އިސްލާމީ އުސޫލުތަކުގެ ތެރެއިން ކައިވެންޏެއް ބާއްޖަވެރިކުރުމަށް ދެމަފިރިންނަށް ކުރެވިދާނެ ބައެއް ކަންކަމަށެވެ.

އެގޮތުން ދިވެހި މުޖުތަމަޢަށް ބަލާލާއިރު މިއަދު ގިނަ ޒުވާނުން ކައިވެނީގެ ގޮށް ޖެހުމުގެ ކުރިން ދަސްކުރުމާއި އަޖުމަ ބެލުމުގެ ގޮށްޖަހައެވެ. ކައިވެނިން ބޭރުން ހުއްދަ ނޫން ޗެޓްތަކާއި ފޯންކޯލްތަކާއި ބައްދަލުވުންތައް ބާއްވައެވެ. މާތް ﷲ ޙަރާމް ކުރައްވާފައިވާ މިންތަކުގެ ތެރެއަށް ވަދެ ޑޭޓްތަކަށްގޮސް ޝަހްވާނީ ރާގުގައި ގޮވާލާ ޝައިތާނީ ގޮވާލުމަށް އިޖާބަދެއެވެ. ހައިރާންވާން ޖެހޭ ކަމަކީ މިފަދަ ގިނަ ކަންކަން މައިންބަފައިންނާއި ޢާއިލާގެ މީހުންނާއި ރައްޓެހިންގެވެސް ރުހުމާއިއެކު ކުރާކަމެވެ. މިފަދަ ގޮތެއްގައި އެތައްދުވަހެއް ވަންދެން ޒުވާން ދުވަސްވަރު ހޭދަކުރެއެވެ. ބައެއް މާބުރު އެތައް މަލަކުން ފޮނިބޮމުން ދުވާއިރު ބައެއް މާތަކަކީ ނީލަމުގައި ބޭނުން މާބުރަކަށް އަޖުމަ ބަލަން ބެހެއްޓިފައިވާ އެއްޗެކެވެ. ނަތީޖާއަކަށް ވެގެންދަނީ ކައިވެންޏަކަށް ފަހުވެސް އާދަވެފައިވާ މިބަލިން މިފަދަ ފަރާތްތައް ސަލާމަތް ނުވާކަމެވެ. އަދި ކައިވެންނަށް ފަހު ކުރާނެ މާ ގިނަ ކަންތައްތަކެއްވެސް ނެތްކަމެވެ. ދެން ފެނިގެން ދަނީ އިސާހިތަކު ވަރިފަށަށް އަރާތަނެވެ.

ބަވަނަވަމުންދާ މިދުނިޔޭގައި އުފާވެރި ކައިވެނިތަކަށް ހުރަސްއަޅާ އެންމެ ބޮޑު އެއް ހަތުރަކީ ބޭކާރު ވަގުތުތަކެވެ. ކައިވެންޏަށް ފަހު ދެމަފިރިންކުރެ މީހަކަށް އަނެކާއަށް ވަގުތު ހުސްކޮށެއް ނުދެވޭ. ފިރިހެނަކު ނަމަ ކުޅުމާއި ރައްޓެހިންނާއިއެކު މަޖާ ކުރުމުގައެވެ. ކޮފީތަކާއި ދަތުރު ތަކުގައެވެ. ގެއިން އެއްޗެއް ކާނެ ވަގުތެއް ބޯނެ ވަގުތެއްނުވެއެވެ. ގެއަށް ވަދެއްޖެ ނަމަ ނިދާފައެވެ. އަންހެނަކު ނަމަ ވަޒީފައަށްދަނީއެވެ. ނުވަތަ ގޭގަ އިނދެގެން ޑްރާމާ ބަލާ ފިލްމް ބަލަނީއެވެ. ނުވިތާކަށް ލިބޭ ހުސްވަގުތުތަކުގައި އަތަށް ފޯނު ލައިގެން އޭގެ މަސްތުގައެވެ. ނަތީޖާއަކަށް ވެގެންދަނީ ޒަމާނުގެ މިވަސީލަތްތައް އައިސް ދެމަފިރިންވެސް ދުރުކުރުމެވެ. މައްސަލަތަކާއިމެދު ވާހަކަ ދައްކާނެ ވަގުތުނުވެ ކުދިކުދި މައްސަލަތައް އެކުވެ ބޮޑެތިވެ ޝަކުވާގެ ފަރުބަދަތައް ފަދައިން ވެގެންދިޔުމެވެ. ވަށައިގެންތިބި މީހުން އަޅަމުންދާ ދޮގާއި ތުހުމަތުގެ ދަރުތަކުގައި ކައިވެނީގެ ބިނާ އަނދާހުލިވެގެން ދިޔުމެވެ.

ކައިވެނިތައް ރޫޅި އަބާއްޖަވެރިވާ އަނެއް ސަބަބަކީ މާއްދީ ގޮތުން އަދި ރޫހާނީ ގޮތުންވެސް ތަނަވަސްކަން ނެތުމެވެ. ދެމަފިރިންކުރެ އެކަކީވެސް އިސްލާމް ދީނުގައި ކަނޑައަޅުއްވަފައިވާ ކަންކަމަށް ފަރުވާތެރިނުވާ މީހެއްނަމަ އޭނާއަށް އޭނާ އެކުރާ ގޯސްކަންތައް ބުނެދެވޭނެ އަދި ވިސްނައިދެވޭނެ އަސާސެއް ނުވެއެވެ. ދަންނަންޖެހޭ ހަޤީޤަތަކީ ﷲގެ ޙައްޤުތަކަށް ރައްކާތެރިނުވާ މީހާ އަޅުންގެ ހައްޤުތަކަށް ވެސް ފުރިހަމަ ގޮތުގައި ރައްކާތެރިނުވާނެކަމެވެ. ދީނަށް ލޯތްބެއްނެތް ފިރިންގެ ސަބަބުން އިސްލާޙްވާން ބޭނުންވެފަ ތިބި ކިތައް ކިތައް އުޚުތުން ހަލާކުވެފަވޭތޯއެވެ؟ އަދި ނުކިޔަމަންތެރި ފިސާރި އަންހެނުންގެ ސަބަބުން ކިތައް ކިތައް ޞޯލިޙް ފިރިން މަގުގެއްލިފައިވޭތޯއެވެ؟ ދީނަށް ޢަމަލެއް ކުރުން ނެތްތަނުގައި ދީނުގެ ޢިލްމެއްވެސް ނެތް ބަޔަކު އިރުއިރުކޮޅާ ވަރިވެ ކައިވެނި ކުރުމުން މިއީ ހައިރާންވާން ޖެހޭ ކަމެއްބާއެވެ؟ ހަމަ މިނޭވާގައި މާއްދީ ފުދުންތެރިކަން ނެތުމަކީވެސް އާއިލީ ބިނާގައި ރެނދު އެޅުމަށް މަގުފަހިވާ ސަބަބެއްކަން ވެސް ދަންނަންޖެހެއެވެ. ވަންނާނެ ބޯހިޔާވަހިކަމެއް ނެތި ގިނަބަޔަކު އެއްތަނެއްގައި ދިރިއުޅެން ޖެހުމާއި ލިބޭ އެއްޗަކަށްވުރެ ޚަރަދުބޮޑު ދިރިއުޅުމަކަށް ދެވިހިފުމާއި އިސްރާފްބޮޑު އާދަކާދައަށް ބަރޯސާ ވުމަކީ ވެސް ވިސްނާލަންޖެހޭ ކަންކަމެވެ.

ދިރިއުޅުމެއް ބާއްޖަވެރިވުމަށްއެދޭ ފިރިއަކު ނަމަ އިސްލާޙްވުމުގެ މަސައްކަތް އަމިއްލަ ނަފްސުން ފަށަމާ ހިންގަވާށެވެ. އަނބިމީހާއާއި ދަރިންނަކީ އަމާނާތެކެވެ. އެބައިމީހުންނަށް ޙަލާލްތަކެތިން ޚަރަދުކުރަންޖެހެއެވެ. ބަލިވެއްޖެނަމަ އޯގާތެރިކަމާއިއެކު ހޭހަން ކުރަންޖެހެއެވެ. ވަގުތު ހުސްކޮށް ގޭތެރޭގެ ކަންކަމުގައި ބައިވެރިވެ އެހީތެރިވާންޖެހެއެވެ. ބައިވެރިޔާއަށް މާއަގުބޮޑު ނޫނަސް ދޭތެރެ ދޭތެރެއިން ހަދިޔާ ދިނުމަކީ ލޯބި އިތުރުވާނެކަމެކެވެ. ދިރިއުޅުމުގެ ކަންކަމުގައި އަނބިމީހާއާވެސް މަޝްވަރާކުރަންޖެހެއެވެ. އަދި އަނބިމީހާގެ ކިބައިން ފެންނަ ހިންހަމަނުޖެހޭ ކަންކަމާއިމެދު ރުޅި އިސްނުކޮށް ރިވެތި ގޮތުގައި ނަސޭހަތް ދޭންޖެހެއެވެ. ބޭރުން ވާހަކަ ހިފައިގެން އަންނަ މީހާއަށް ފުރުސަތުދީގެން ނުވާނެއެވެ. އަނބިމީހާއާއިމެދު ޣީރަތްތެރިވާންޖެހެއެވެ. ފޭސްބުކާއި އިންސްޓަރގްރާމް އަދި މިނޫނަސް މީސްމީޑިޔާގެ ތަފާތު ވަޞީލަތް ތަކުގައި ތިމާގެ ލޯބިވާ އަނބިމީހާ ގޮތްގޮތައް މޭކަޕްކޮށް ނުވަތަ ތިމާއާއި އެކޮށް ފޮޓޯނަގާ އެ އިޝްތިހާރުކުރުމަށް ނުރުހެންޖެހެއެވެ. މިފަދަ ޢަމަލްތަކުގެ ސަބަބުން ޙަސަދަވެރިންނާއި އެސްފީނާގެ ޝިކާރައަކަށްވެ ރޫޅިފައިވަނީ ކިތައް ކިތައް ޢާއިލާތޯއެވެ؟

ހަމަ މިގޮތަށް އަނބިމީހާވެސް ހެޔޮލަފާ ޞާލިޙް އަންބަކަށްވާން ޖެހެއެވެ. ފިރިމީހާއަށް ޚިދުމަތް ކުރުމަކީ އުފަލެއްކަމުގައި ދެކެންޖެހެއެވެ. ގޭތެރޭގެ މާހައުލަކީ ފިރިމީހާ ވަންނަން ގަޔާވާ ތަނަކަށް ހަދަން އެބަޖެހެއެވެ. ރީތި ހެދުމެއްގައި ހުރުމާއި ގޭތެރެ ސާފުތާހިރު ކުރުމާއި ފިރިމީހާ މަސައްކަތުން އެނބުރި އަންނައިރު ކާތަކެތި ތައްޔާރު ކޮށްފަ ބެހެއްޓުމަކީ ކުރެވިދާނެ ކަންކަމެވެ. ފިރިމީހާއަށް ފާރަލުމާއި ޝައްކުކުރުމާއި ކުރިމަތީގައި ބަސްގިނަކޮށް ޒުވާބުކުރުމާއި އަޑުލުމަކީ ހެޔޮލަފާ އަނބިންގެ ސިފައެއް ނޫނެވެ. އަދި ހަމަ އެހެންމެ ފިރިން އުފުލާ ބުރަޔަށް ޝުކުރުވެރިވުމާއި ދަތިއުނަދަގޫ ވަގުތުތަކުގައި ޝަކުވާ ނުކުރުމާއި އެބައިމީހުންގެ އައިބުތައް ސިއްރުކުރުމަކީވެސް ދިރިއުޅުން ބާއްޖަވެރިކުރުމަށް ކުރެވިދާނެ ކަންކަމެވެ. ފިރިމީހާވެސް ގޯސްމަގަކުން ދާނަމަ އަނބިމީހާވެސް އޭނާއަށް ރިވެތި ގޮތުގައި ނަސޭހަތްތެރިވާން ޖެހެއެވެ. ޢިތްފަތްތެރިވުމާއި ފިރިމީހާގެ މުދަލަށް ރައްކާތެރިވުމާއި ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީވެސް ކައިވެނި ބާއްޖަވެރިވުމަށްހުރި ސަބަބުތަކެވެ.  އާދެ! މިހުރިހާ ކަމަކީ ވެސް ތަފްޞީލީކޮށް އިސްލާމީ ޝަރީއަތުގައި އައިސްފައިވާކަންކަމެވެ. ބަޔާންވެފައިވާ ކަންކަމެވެ. ބޭނުންވަނީ އެއަށް ޢަމަލުކުރާނެ ޢާއިލާތަކެކެވެ. ނަބަވީ މަންހަޖަށް ފިކުރު ހިންގާނެ ސިކުނޑިތަކެކެވެ.

އާދެ ދެކެވެމުން މިދަނީ ހަތަރު ފަސް އަހަރުގެ އިޝްގީ ގުޅުމަކަށްފަހު ދަސްވެ އިތުރުވެގެން ކުރާ ކައިވެނި މަސްދެމަސްތެރޭ ރޫޅިގެންދާ ވާހަކައެވެ. ވެޑިން ޕާޓީ ބާއްވަން އެތައް ހާސް ރުފިޔާއަކުން ކުރި ހަރަދުތަކާއި ގޮތްގޮތައްނެގި ފޮޓޯތައް ބޭކާރުވެގެންދާ ވާހަކައެވެ. ތިމާމެންވަރުގެ ލޯބިންއުޅޭ ބަޔަކު ނެތްކަމަށް ހީވާ ވަރަށް މީސް މީޑިޔާ ފުރާލާފަވާއިރު ލޯތްބަކީ ކޯއްޗެއްކަން ޙަޤީޤަތުގައި ނުވެސް އެނގޭ ވާހަކައެވެ. މިފަދަބަޔަކު ދެއިރުކާ ބޭހެއްހެން ކައިވެނިކޮށް ވަރިވުމަކީ ދުނިޔޭގެ ހަތް އަޖައިބުގެ ގޮތުގައި ދެކި ދެލޯބޮޑުވެ އަންތަރީސްވާން ޖެހޭ ކަމެއްބާވައެވެ! އެބައެއްގެ ދިރިއުޅުމުގެ މައްޗަށް ޝައިތާނާގެ ވަސްވާސްތައް ގަދަވެފައިވާ ދިރިއުޅުމަކީ ބާއްޖަވެރި ދިރިއުޅުމެއްނޫނެވެ. އެދިރިއުޅުމެއްގައި ފެންނާނީ ޝައްކުކުރުމާއި ތުހުމަތުކުރުންތަކެވެ. ޒުވާބުކުރުމާއި އަރާރުންވުންތަކެވެ. އަނިޔާވެރިކަމާއި ތަޅާފޮޅުމެވެ. ނަތީޖާއަކަށްވެގެންދަނީ ދެއަކުރުގެ ބާރުގަދަ ލަފްޒު އައިސް އެފަދަ ކައިވެނި ތަކުގެ ނައުތައް މާސިންގާ ބޮޑު ކަނޑުގެ ތެރެއަށް ފައްތާލުމެވެ. އެފަދަ ގޮތްނޭންގޭ ލޯބިތައް ޣަރަޤުކޮށްލުމެވެ. އަދި ވިސްނާ ފިކުރުކުރާ ބަޔަކަށް ޢިބުރަތެއްގެ ގޮތުގައި އެވާހަކަތައް ދޫތަކުން އަބަދާއި އަބަދު ޒިކުރު ކުރެވުމެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް