ހާސްކަމާއި ބިރުވެރިކަމުގެ ހިނދުކޮޅު

ނަސޭހަތް

ގްރީސްގެ މަޓީއަކީ ގްރީސްގެ ވެރިރަށާއި 29 ހަކަށް ކިލޯމީޓަރު ދުރުގާ ގްރީސްގެ އައްސޭރިފަށުގައި އޮންނަ ކުޑަކުޑަ ވިލެޖެކެވެ. އެތަނުގެ އަހުލުވެރިންނަކީ ޤުދުރަތީގޮތުން ހިތްގައިމު ވެށްޓެއްގައި ދިރިއުޅުމުގެ ނަސީބު ލިބިފައިވައި ބައެކެވެ. ރީތި ގޮނޑުދޮށްތަކާއި ގަސްގަހާގެހީގެ ފެހިކަމުގެ ތެރޭގައި މި ވިލެޖުގެ މީހުން ދިރިއުޅެމުން އައީ އުފަލާއި އެކުއެވެ.

މި ވިލެޖުގެ ރީތިކަމާއިހުރެ ގްރީސްއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މަޤްބޫލު މަންޒިލަކަށް މި ވިލެޖު ވަނީ ވެފައެވެ. ފަތުރުވެރިން އައިސް ތިބޭނެ ހޮޓާތަކާއި، ރެސްޓޯރެންޓު ތަކާއި، ބަނގުރާ ބޯނެ ބާ ތަކާއި، ފިލުމު ބަލާނެ ސިނަމާތައް އެތަނުގައި ހެދިފައިވެއެވެ. ދުނިޔޭގެ އުފަލާއި މަޖާ ހޯދޭނެ ހުރިހައި ރަހަތަކެއް ވިލާތުގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް ގްރީސްގެ މި ކުޑަކުޑަ ރަށުގައިވެސް އެބަހުއްޓެވެ.

މި ހުރިހާ އުފާތަކަކުން މަޓީ އަނދިރިވެގެން ދިޔައީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ. ގްރީސްގެ ޖަންގަލީތަކުގެ އެކި ހިސާބުތަކުގައި ރޯވެފައިވައި ހުޅުގަނޑުތައް ދިޔައީ ބޮޑުވަމުންނެވެ. މަޓީގެ ރައްޔިތުންނަށްވެސް މިޚަބަރު ވަނީ ލިބިފައެވެ. އެހެންކަމުން ރަށުގެ ފަރުދުން ދިޔައީ ހުޅުގަނޑުގެ ހަރަކާތްތަކަށް ބަލަމުންނެވެ. ހުޅުގަނޑު ފެތުރެމުން ޢާންމު ގޮތެއްގައި ދިޔައީ ގަޑިޔަކު 60 ކިލޯމީޓަރުގެ ބާރު މިނުގައި ޖެހެމުންދިޔަ ވައިގެ އެހީގައެވެ. އެހެންވީމައި މާބޮޑު ނުރައްކަލެއް ނެތްކަމަށް އެރަށުގެ މީހުންނަށް ވިސްނިފައި އޮތެވެ. ޙާލަތު ބަދަލުވެގެން ދިޔައީ ހަމަ ކުއްލިއަކަށެވެ. ދާދި ކުޑަކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. ވައި ގަދަވެ އެކި ދިމަދިމާލަށް ވައިރޯޅިތަކުގެ މިސްރާބު ބަދަލުވާންފެށިއެވެ. ބައެއް ފަހަރު 125 ކިލޯމީޓަރުގެ ބާރުމިނަށްވެސް ވައި ޖެހުނުކަމަށް ރިކޯޑުކުރެވިފައިވެއެވެ.

ރޯވެފައިވައި އަލިފާންގަނޑު އޭރު މިސްރާބުޖަހާފައި އޮތީ މަޓީއާއި ދިމާލަށެވެ. ނަމަވެސް ސަލާމަތްވާނެ މާގިނަ ވަޤުތުތަކެއް އެރަށުގެ މީހުންނަކަށް ނުލިބުނެވެ. ކާރުތަކާއި ބަސްތަކުގައި ރައްކާތެރި ތަނަކަށް ދިއުމަށްޓަކައި އެއްބަޔަކު މިސްރާބުޖެހިއެވެ. އަނެއްބަޔަކު ބައިސްކަލުތަކުގައާއި ފައިމަގުގައެވެ. ބަފައިން އެމީހުން ބަލަހައްޓަން ޖެހިފައިވައި ޢާއިލާތައް ގޮވައިގެންނެވެ. މައިން އެމީހުންގެ ދަރިން ކިހިލިޖަހައިގެންނެވެ. ފޮށިތަންމަތި ބަނދެ މުދާތައް ގެންދާނެ ވަޤުތެއް ނެތެވެ. ރަށުގެ އެއްފަރާތުގައި ވަނީ ފެތުރެމުންދާ ބިޔަ ބޮޑު އަލިފާންގަނޑެވެ. ސަލާމަތްވެ ރައްކާތެރިކަން ހޯދުމަށް އެއްބަޔަކު މިސްރާބުޖެހީ ވެރިރަށް އެތެންސަށް ދިޔުމަށް އޮންނަ ރަސްމީ މަގުންނެވެ. ނަމަވެސް އެމަގު ބަންދުކޮށްފައި އޮތުމުން ޓުރެފިކު ބާރު ބޮޑުވެ މަގުގައި ކާރުތައް ތޮއްޖެހޭގޮތްވިއެވެ. އަނެއްބަޔަކު ދުއްވައިގަތީ ކައިރީގައިވައި މޫދުން ޙިމާޔަތްހޯދާށެވެ. ބަލަބަލައި ތިއްބައި އަލިފާންގަނޑު ރަށް ވަށައިލިއެވެ. ޖެހެމުންދިޔަ ގަދަފަދަ ވަޔާއިއެކު މުޅިރަށް އަލިފާނުގެ ކާނާޔަކަށް ހަދައިލިއެވެ.

ކާރުތަކުގެ ތެރޭގައި އެއްބަޔަކު ތާށިވެ އަނދައި ހުލިވިއިރު އަނެއްބަޔަކު މަރުވެގެން ދިޔައީ ރައްކާތެރިކަން ލިބޭނީ ގެތަކުގެ ތެރޭގައި ތިބެގެންކަމަށް ދެކިގެން ތިއްބައެވެ. މޫދުން ރައްކާތެރިކަން ހޯދަންދިޔަ މީހުންގެ ތެރެއިން އެއްބަޔަކަށް މޫދާއި ހަމައަށް ވާޞިލްވެވުނެވެ. ނަމަވެސް އަނެއްބަޔަކު، އުފެދުމުންދިޔަ ބޯ ދުމުގެ ތެރޭގައި މަގު ގެއްލި ބަންދުވާގޮތްވިއެވެ. މޫދާއި ނުހަނު ކައިރީގައި ވީހިނދުވެސް ދާންވީ ދިމާލެއް ނޭނގި ތިއްބައި އަލިފާނުގެ ދަރަށްވެ މަރުވެގެން ދިޔައެވެ. ކުޑަކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މުޅި ވިލެޖު އަނދައި ހުލިވިއެވެ. ފެހި ގަސްތަކުގެ ފެހިކަން ގެއްލި އެރަށުގެ މަގުތަކުގައިވަނީ ދެއްޔާއި އަޅީގެ ދޫލައެއް އެޅިފައިއެވެ. 1500 އަށްވުރެ ގިނަ ގެދޮރު ހަލާކުވެފައިވެއެވެ. އެތައް ބަޔަކުވަނީ މަރުވެ ޒަޚަމްވެފައެވެ. ކާރުތަކުގެ ތެރޭގައާއި ގެތަކުގެ ތެރޭގައި އަދި މަގުތަކުގެ މަތީގައިވެސް ވަނީ ފިހެވިފައިވައި އިންސާނުންގެ ހަށިތަކެވެ. އޭގެތެރެއިން ސަލާމަތްވި ބައެއް މީހުން އެ ޙާދިސާ ސިފަކޮށްފައިވަނީ ކޯފާލެއްވުމުގެ ސަބަބުން ހަލާކުކުރެވުނު އިޓަލީގެ ޕޮމްޕޭގެ ޙާދިސާ ފަދައިންނެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. މިފަދަ ކޮންމެ ޙާދިސާއަކީވެސް ކާއިނާތުގެ ވެރި އިލާހުގެ ހަޟްރަތުން ދެއްވަވައި އިންޒާރެކެވެ. ވިސްނާ ފިކުރުކުރައި ކޮންމެ މީހަކަށް މިފަދަ ކަންކަމުގައި ޢިބުރަތެއްވެއެވެ. ފަތުރުވެރިކަމުގެ މާއްދީ ކުލަތަކުގައި މިއަދު ދިވެހި ކުދިކުދި ރަށްތައްވެސް ޖެހިފައިވާއިރު މާތް ﷲ ކަނޑައެޅުއްވި ޙުދޫދުތަކުގެ ތެރޭގައި އަޅުގަނޑުމެންގެ ޢަމަލުތަށް ސީދާކުރަން އެބަޖެހެއެވެ. ޑޮލަރާއި މުދަލުގެ ދަހިވެތިކަމުގެ ބޭނުމުގައި ޙަރާމް ކަންކަމުން ނަފާ ހޯދާ މީހާ، ކާއިނާތުގެ ވެރި އިލާހަށް ބިރުވެތިވާން އެބަޖެހެއެވެ. ގެސްޓުހައުސްގެ ވިޔަފާރީގެ ނިވަލުގައި ރަށްތަކުގައި ފަތުރަމުންދާ މުންކަރާތްތަކާއި ފަޞާދައިގެ އެންމެހައި ޢަމަލުތަކާއިމެދު ފަރުވާތެރިވާން އެބަޖެހެއެވެ. ދުނިޔެމަތީގައި އަދި އާޚިރަތުގައިވެސް ﷲ ތަޢާލާގެ ޢަޛާބެއް އަތުވެދާނެކަމަށްޓަކައި ބިރުވެތިވަމާތޯއެވެ.

އެހެން ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.