އިޖުތިމާޢީ ރައްކާތެރި ކަމުގެ ނިޒާމަކީ މީގެ 1400 އަހަރު ކުރިން އިސްލާމްދީން ގެނެސްދިން ނިޒާމެއް: ނައިބު ރައީސް

މުހައްމަދު ޝާފިއު

އިޖުތިމާޢީ ރައްކާތެރި ކަމުގެ ނިޒާމަކީ މީގެ 1400 އަހަރު ކުރިން އިސްލާމްދީން ގެނެސްދިން ނިޒާމެއް ކަމުގައި ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް ޑރ މުޙައްމަދު ޖަމީލް ވިދާޅުވީ، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީވުމަށް މިއަދު ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ފަރުދުންނާއި، ޝަޚުޞުންނާއި، އެކިއެކި ޤައުމުތަކާއި، މުޖުތަމަޢުތަކުން، އަންހެނުންނާއި ކުޑަކުދިންނާއި، ޢުމުރުން ދުވަސްވީ ފަރާތްތަކުން އިސް ނަގާފައި ވިޔަސް މި މަސައްކަތަކީ، މީގެ 1400 އަހަރު ކުރިން އިސްލާމް ދީން ދުނިޔެއަށް ތަޢާރަފު ކޮށްދިން ކަންކަން ކަމަށެވެ.

މިކަމަށް ދަލީލު ދައްކަވަމުން ނައިބު ރައީސް ޑރ މުޙައްމަދު ޖަމީލު ވިދާޅުވީ، ކީރިތި ރަސޫލާ ( ޞޢވ ) ޙަދީޘްފުޅު ކުރައްވާފައިވާ ފަދައިން، السَّاعِي علَى الأَرْمَلَةِ وَالمِسْكِينِ كَالمُجاهِدِ في سبيلِ اللَّه މި މަތިވެރި ޙަދީޘްފުޅުގައި، ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވަނީ، ހުވަފަތް އަންހެނާއާއި މިސްކީނަކު ބެލެހެއްޓުމަށް ކުރިމަތިލައި އެކަމުގައި ދެމިހުރެއްޖެ މީހާ ދަންނާށެވެ. (ދަރުމައިގެ ގޮތުން) އޭނާއެކޭ ﷲގެ މަގުގައި ޖިހާދުކުރާ މުޖާހިދެކޭ އެއްވަރުވެގެންވާ ކަން ހަނދާން ކުރަން ޖެހޭ ކަމަށެވެ.

ޑރ ޖަމީލު ވިދާޅުވީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ދިނުމުގައި ކުރިއަށްދާނެ މަގު އިސްލާމް ދީނުން ދައްކައި ދީފައިވާ ކަމަށާއި، އެކމަުގެ އިރުޝާދުތައް ގެނެސްދީފައި ވާ ކަމަށެވެ. މި އުޞޫލުތަކާއި، މި ހަމަތަކާއި، މި ޤާނޫނުތަކާއި، މި ކުލުނާއި މި އަޅާލުން އެންމެ ފުރަތަމަ ދަސްކޮށްދީފައި ވަނީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގެ ތެރެއިން ކަން ނައިބު ރައީސް ފާހަގަ ކުރެއްވި އެވެ.

ނައިބު ރައީސް ވިދާޅުވީ، މިފަރާތްތަކަށް އެހީތެރިވުމަށް ލާޒިމު ކޮށްފައި ވަނީ ހަމައެކަނި ބައިނަލްއަޤްވާމީ މުޢާހަދާތަކާއި، މިހާރު ވުޖޫދަށް އައިސްފައި ހުރި ޤާނޫނުތަކާއި، ވަކި މުޢާހަދާތަކުގެ ތެރެއިން ނޫން ކަމަށާއި، މި މަތިވެރި ދަރުސްތަކާއި ހަމަތަކާއި މި އުޞޫލު ތަކަށް ތަބަޢަވުމަށް އެންމެ ފުރަތަމަ ލާޒިމު ކޮށްފައި ވަނީ އިސްލާމް ދީނުގައި ކަމަށެވެ.

މިކަމަށް އިތުރު ދަލީލުތައް ކީތިރި ޤުރުއާނާއި ސުންނަތުން ގެނެސްދެއްވަމުން ޑރ ޖަމީލު ވިދާޅުވީ، ކީރިތި ޤުރްއާނުގައި اللّـه سبحـانـه وتعـالىމިފަދައިން ވަޙީކުރައްވާ އަންގަވާފައިވާ ކަމަށެވެ. " وَمَا لَكُمْ لَا تُقَاتِلُونَ فِي سَبِيلِ اللَّـهِ وَالْمُسْتَضْعَفِينَ مِنَ الرِّ‌جَالِ وَالنِّسَاءِ وَالْوِلْدَانِ الَّذِينَ يَقُولُونَ رَ‌بَّنَا أَخْرِ‌جْنَا مِنْ هَـٰذِهِ الْقَرْ‌يَةِ الظَّالِمِ أَهْلُهَا وَاجْعَل لَّنَا مِن لَّدُنكَ وَلِيًّا وَاجْعَل لَّنَا مِن لَّدُنكَ نَصِيرً‌ا ﴿النساء: ٧٥﴾ މިއާޔަތުގައި، އަޅުގަނޑުމެންނާ ހަމަޔަށް އައިސްފައިވަނީ އަޅާލުމުގެ ފުރިހަމަ އުޞޫލު. اللّـه سبحـانـه وتعـالىވަޙީކުރައްވަނީ، ﷲގެ މަގުގައްޔާއި، އަދި ފިރިހެނުންނާއި، އަންހެނުންނާއި، ކުޑަކުދިންގެ ތެރެއިން، ނިކަމެތިވެގެންވާ މީހުން ސަލާމަތްކުރުމުގެ މަގުގައި، ތިޔަބައިމީހުން ހަނގުރާމަ ނުކުރާންވީ ކީއްވެގެން ހެއްޔެވެ؟ އެއުރެންނީ، (މިފަދައިން) ދުޢާކުރާ މީހުންނެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! އެރަށުގެ އަހުލުވެރިން އަނިޔާވެރިވެގެންވާ މިރަށުން އަޅަމެން ނެރުއްވައިފާނދޭވެ! އަދި އިބަރަސްކަލާނގެ ޙަޟްރަތުން ވާގިވެރިޔަކު އަޅަމެންނަށް ލައްވައިފާނދޭވެ! އަދި އިބަރަސްކަލާގެ ޙަޟްރަތުން ނަޞްރުވެރިޔަކު އަޅަމެންނަށް ލައްވައިފާނދޭވެ! ".

މީގެ އިތުރުން ސުންނަތުން މިކަމަށް ދަލީލު ދައްކަވަމުން ނައިބު ރައީސް ވަނީ މި ޙަދީސާއި އޭގެ މާނަ ނަޤުލު ކޮށްދެއްވައި ހަނދުމަފުޅުކޮށް އަރުވާފައެވެ.

" ކީރިތި ރަސޫލާ ޙަދީޘްފުޅު ކުރައްވާފައިވަނީ، ابْغونِي في الضُّعَفَاءَ، فَإِنَّمَا تُنْصرُونَ، وتُرْزقون بضُعفائِكُمْ ވަރަށް މުހިންމު ޙަދީޘްފުޅެއް. އެކަލޭގެފާނުޙަދީޘްފުޅު ކުރައްވަނީ، ތިމަންކަލޭގެފާނުގެ އަރިހަށް ބަލިކަށި ދެރަ މީހުން އަރިސްކުރާށެވެ! ބަލިކަށި ދެރަ މީހުން އަރިސްކުރާށެވެ! ސަބަބަކީ ކޮބައިތޯ؟ ފަހެ، ހަމަކަށަވަރުން ތިޔަބައިމީހުންނަށް ނަޞްރު ދެއްވަނީ، އަދި ތިޔަބައިމީހުންނަށް ރިޒުޤު ދެއްވަނީ ތިޔަބައިމީހުންގެ ތެރޭގައި ތިބި ދެރަ ނިކަމެތި މީހުންގެ ސަބަބުންނެވެ. ".

ނައިބު ރައީސް ވިދާޅުވީ، ކީރީތި ރަސޫލާއަށްފަހުގައި، ޢުމަރު ބުނުލް ޚައްޠާބާއި، ޢުމަރު ބުނުލް ޢަބްދުލްޢަޒީޒާއި، މިދެބޭކަލުންގެ ޒަމާނުގައިވެސް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، އިޖުތިމާޢީ ރައްކާތެރިކަން ކުރިއަށް ގެންދަވާފައި ވާކަމަށާއި، ޢުމަރު ބުނުލް ޚައްޠާބު ކުރެއްވި ކަންތައްތަކުގެ ތެރޭގައި، ލޯފަން މީހުންނާއި، ނުކުޅެދުންތެރިކަން ހުރި މީހުންނަށް ޚިދްމަތް ކުރުމަށްޓަކައި ފައިސާދީގެން މުވައްޒަފުން ގެންގުޅުއްވި ކަމަށް ވާރިދުވެފައިވާ ކަމަށެވެ. މީގެއިތުރުން، ދަތުރުފަތުރު ކުރުމުގެ އިންތިޒާމް އެމީހުންނަށް ހަމަޖައްސަވައި ދެއްވާފައިވާ ކަމަށް ވެސް ޑރ ޖަމީލު ވިދާޅުވިއެވެ.

ޑރ ޖަމީލު އިތުރަށް ވިދާޅުވީ އިޖުތިމާޢީ ރައްކާތެރި ކަމަކީ އިސްލާމީ ޘަޤާފަތުގެ ތެރެއިން މާކުރިން ހަމަޖެހިގެން ޢަމަލުކުރަމުން އައިސްފައި ހުރި ކަންތައްތަކެއް ކަމަށާއި، ޢުމަރު ބިން ޢަބްދުލްޢަޒީޒްގެ ޒަމާނުގައި، ޒުވާނުންގެ ތެރެއިން ކައިވެނިކުރުމަށް ނުކުޅެދިފައިވާ ފަރާތްތަކަށް، ކައިވެނި ކުރުމަށް ހިތްވަރު ދިނުމަށްޓަކައި ފައިސާގެ އެހީވެސް ފޯރުކޮށްދެއްވާފައި ވާކަމަށެވެ. މިފަދަ އިޖްތިމާޢީ ރައްކާތެރިކަމުގެ އެތައް ނިޒާމެއް އިސްލާމީ ޘަޤާފަތުގެ ތެރެއިންނާއި، އިސްލާމީ ޙަޟާރަތުގެ ތެރެއިން ގެނެސްދީފައި. ވާއިރު މިފަދަ ދަރުސްތަކުން ފިލާވަޅު ލިބިގަންނަން ޖެހޭ ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

އެހެން ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.