އެއްހަފުތާ – ފުލުހުންގެ އިންތިޒާރުގައި

ހުސެއިން ވަފީރު

ވައްކަމާ ފޭރުން، ތަޅާފޮޅުމާއި މާރާމާރީ އަކީ މިއަދު ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ހުރިހާ އެންމެން ތަޙައްމަލު ކުރަން ޖެހިފައިވާ ބިރެކެވެ. މަގުމަތީގައި އަމާންކަމެއް ނެތެވެ. ގޭގެ ރައްކައުތެރި ކަމެއްނެތެވެ. އަމިއްލަ ނަފުސަކަށް ވެސް ހިމާޔަތެއްނެތެވެ. މުޅި ގައުމު އޮތީ ބިރުވެރި ކަމެއްގެ ތެރޭގައެެވެ.

ސިޔާސީ ބައިބައި ވުމުގެ ތެރެއިން ވެސް ގިނަ ބަޔަކު އެއްބަސްވާނެ އެއްކަމެއް އެބައޮތެވެ. އެއީ މި ގައުމުގައި އަމާންކަމެއް ނެތްކަމުގައެވެ. މިކަމުގެ ޒިންމާ އެކިމީހުން އަޅުވަނީ އެކި މުއައްސަސާ ތަކުގެ ބޮލުގައެވެ. އާއްމު ރައްޔިތުން ބުނަމުންދަނީ ފުލުހުންނަށް ނުބެލެހެއްޓެނީ ކަމުގައެވެ. ފުލުހުން ބުނަމުންދަނީ މައްސަލަ ތަކުގައި ގެނެވޭ މީހުންގެ ތަހުގީގު ނިންމުމަށްފަހު އެމީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވިނަމަވެސް އެމައްސަލަތައް ޝަރީޢަތަށް ނުފޮނުވާ ލަސްކުރާ ކަމުގައެވެ. ޕީޖީ އޮފީހުގެ ޝަކުވާ އަކީ ޝަރީޢަތަށް ފޮނުވާ މައްސަލަތައް ނުނިމި ގިނަދުވަސްވާ ކަމުގެ ޝަކުވާއެވެ. ޝަރުޢީ ދާއިރާއިން ބުނަނީ ޝަރީޢަތުން ކުރާ ޙުކުމްތައް ތަންފީޒު ނުކުރެވޭ ވާހަކައެެވެ. ކޮންމެއަކަސް ޔަގީންވާ ކަމަކީ ރައްޔިތުންތިބެނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމެވެ.

ފުލުހުންގެ ފަރާތުން ބާއްވާ ނިއުސް ކޮންފަރެންސް ތަކުން ވަރަށް އާއްމުކޮށް އިވޭ އެއް އަޑެއް އޮވެއެވެ. މިވެނި މީހަކީ ފާއިތުވި މިތައް މަސްދުވަސްތެރޭގައި ވައްކަމުގެ ނުވަތަ މަސްތުވާ ތަކެތީގެ މިވެނި އަދަދެއްގެ މައްސަލާގައި ފުލުސްއޮފީހަށް ގެނެވިފައިވާ މީހެކެވެ. މީނައަކީ މިވެނި ގޭންގަކަށް ނިސްބަތްވާ މީހެކެވެ. މިގޮތުން އަޑުއިވެނީ އާއްމުކޮށް 1 އަހަރަށްވުރެ ކުރު މުއްދަތެއްގެ ވާހަކައެވެ. އަޅުގަނޑުގެ ހިތަށް އަރަނީ 1 އަހަރު ނުވަނީސް އެފަދަ އެތައް ކުށަކަށް އަރައިގަންނަން ފުރުޞަތު އެކަކަށް ލިބޭނީ ކޮންމެވެސް ބައެއްގެ އިހުމާލުން ނޫން ބާވައެވެ. ކުށްކުރާ މީހުންނަށް އޮންނަ އެންމެ ބޮޑު ޔަގީންކަމަކީ އެމީހުނަށް ކުށްކުރުމުގައި ދިވެހި މުޖުތަމަޢްގައި ދެމިތިބެވޭނެ ކަމުގެ ޔަގީންކަމެވެ.

 މި ދާއިރާ އާއި ގުޅުންހުރި ތަޖުރިބާއެއް ދާދިފަހުން އަޅުގަނޑަށް ވެސް ކުރަންޖެނެވެ. މި ބާވަތުގެ ކަމެއްގައި ދިވެހި ފުލުހުންގެ މުއައްސަސާއި ކުރަންޖެހުނު ފުރަތަމަ މުއާމަލާތް ވެސް މެއެވެ. 13 އޮގަސްޓް 2014 ވީ ބުދަ ދުވަހުގެ ރޭ މެންދަމުން 2:34 އާއި 2:46 އާއި ދެމެދު ދެމީހަކު ގެއަށް ވަދެ ވައްކަން ކުރީއެވެ. ގެ ތަޅުލައިގެން ނިދާފައި ތިއްބާ ކުޑަދޮރުގެ ބިއްލޫރި ނައްޓައިގެންނެވެ. ކޮޓަރިއަށް ވަދެ ވައްކަން ކުރަން އުޅެނިކޮށް އެކަކަށް ހޭލެވުނުތަނުން ދެ ވަގުން ދުވެފިލީއެވެ. ދަމުން ދިޔައީ ގޭގެ މައިދޮރު ތަޅުލާފައި ތަޅުދަނދި ވެސް ހިފައިގެންނެވެ. މި ކަމާއި ގުޅިގެން ގާތްގަނޑަކަށް 3:05 ހާއިރު 119 އަށް ގުޅީމެވެ. ވަރަށް އަވަހަށް ފޯނު ނެގިއެވެ. ވެގެންއުޅޭ ގޮތާއި ކަންހިނގާ ދިޔަގޮތް ކުރުގޮތަކަށް ކިޔާދިނީމެވެ. އަދި އަޅުގަނޑުމެންގެ ގޭގައި ސަލާމަތީ ކެމެރާ ހުންނާނެ ވާހަކަ ވެސް ބުނީމެވެ. ފުޓޭޖް

ބަލައިލަން ބޭނުމިއްޔާ ދުވާލު ގަޑީގައި އެފުރުޞަތު އޮންނާނެ ވާހަކަ ވެސް ބުނީމެވެ. އެ ކޮޅުން ވާހަކަ ދެއްކި މީހާ ކުރީ ސުވާލެކެވެ. އެ ގަޑީގައި ފުލުހުން ފޮނުވައިދޭންވިތޯ އެވެ. ދަންވަރުގެ އެ ގަޑީގައި އައުމުގެ މާބޮޑު ބޭނުމެއް އޮވެދާނެ ކަމަށް އަޅުގަނޑަށް ނުވިސްނޭތީ އާއި އެފަދަ ގަޑިއެއްގައި މާބޮޑު ފައިދާއެއް ނެތް ކަމެއްގައި ފުލުހުންނަށް ވެސް އުނދަގޫ ނުކުރަން ވެގެން އަނެއްދުވަހު ހެނދުނުން ފޮނުވައިދިނަސް އެންމެ ރަނގަޅު ކަމަށް ބުނީމެވެ. އަނެއްދުވަހު ހެނދުނު ފުލުސްއޮފީހަށް އައިސްދެށޭ، އެކޮޅުން ވާހަކަ ދެއްކި މީހާ ބުނުމުން އާނއެކޭ ބުނެފައި ފޯނު ކަނޑާލީމެވެ.

ޖެހިގެންއައިދުވަހު އާދެ، 14 އޮގަސްޓް 2014 ވީ ބުރާސްފަތި ދުވަހުގެ ހެނދުނު ގާތްގަޑަކަށް 10:30 ހާއިރު ފުލުސް އޮފީހަށް ހިނގައްޖައީމެވެ. ކައުންޓަރު ކައިރިއަށް ހުއްޓިފައި ދިޔަ ބޭނުމާއި ހެނދުނުން އަންނަން ބުނި ވާހަކަ ބުނެފީމެވެ. މަޑުކޮށްލަން ބުނުމުން އެތަނުން ގޮނޑިއެއްގައި އިށީދެއްޖައީމެވެ. ގާތްގަޑަކަށް 45 މިނިޓެއްހާއިރު ފުލުސް އޮފީހުގައި ހޭދަކޮށްގެން މައްސަލަ ހުށަހެޅިއްޖެއެވެ.

ގެއަށް ވަގު ވަދެފައި ހުރީ ކުޑަދޮރެއްގެ ބިއްލޫރި ނައްޓައިގެން ކަމަށްވާތީ އެ ބިއްލޫރިން އިނގިލީގެ ނިޝާން ނެގިދާނެ ކަމަށް ފެންނަވާހަކަ އާއި އަޅުގަނޑުމެންގެ ގޭގެ ސަލާމަތީ ކެމެރާތަކުގެ ވީޑިޔޯ ފުޓޭޖް ވެސް ހުންނާނެ ވާހަކަ އަނެއްކާވެސް ބުނީމެވެ. އަދި ސީސީ ޓީވީ ފުޓޭޖުން ނަގާފައި ހުރި ފޮޓޯއެއްވެސް ދައްކާލީމެވެ. އެތަނުގައި ތިބި 2 ފުލުހުންކުރެން އެކަކު އެއީ މިވެނި މީހެކޭ ބުނެ ވަނަމެއްވެސް ކިޔާލިއެވެ.

ވަރަށް އަވަހަށް ފޮރެންސިކް މީހުން ފޮނުވާނަމޭ، ކައުންޓަރުގައި އިން އަންހެން ފުލުހަކު ބުނުމުން އަދުލު އިންސާފުގެ ކުރިމައްޗަށް ވަގުން ގެނެވޭނެ ކަމުގެ އުއްމީދުގައި ހުރެ ގެއަށް ހިނގައްޖައީމެވެ. ފޮރެންސިކް މީހުން އަންނާނެކަމުގެ އުއްމީދުގައި ހުއްޓާ އެދުވަހުގެ އިރު އޮއްސިއްޖެއެވެ. ފޮރެންސިކް މީހުންގެ ހިލަމެއް ނުވިއެވެ. ވަގުންގެ ބިރު އަނެއްކާވެސް އޮތުމާއިއެކު ގޭގެ މައިދޮރުގެ ތަޅު ބަދަލުކޮށް ކުޑަދޮރުގައި ޖާލި ޖަހައި، އަމިއްލަ ގެ އަމިއްލަ ޚަރަދުގައި ކުޑަވަރެއްގެ ޖަލަކަށް ހަދައިފީމެވެ.

އެދުވަހު އަންނަން ބުނި ފުލުހުންނަށް ދުވާލު ގަޑީގައި ނާދެވެމުން، އެއީ ހަމަ "ބިޒީ" ވެގެން ނާދެވުނީ ކަމަށް ބަލާފައި އެރޭވެސް ފުލުހުން އަތުވެދާނެ ކަމުގެ އުއްމީދުގައި ހުއްޓާ އެރޭވެސް ދިޔައީއެވެ. ފުލުހުންގެ ޚަބަރެއް ނުވިއެވެ. ނަމަވެސް ފުލުހުންގެ މުއައްސަސާއަށް ކުރާ އިތުބާރެއްގެ ބޮޑުކަމުން އުއްމީދު ކަނޑައެއް ނުލަމެވެ. ވައްކަމުގެ އެ ހާދިސާ ހިނގިތާ 4 ދުވަސްވަރު ފަހުން މޮބައިލް ނަންބަރަކުން ގުޅާފައި ފުލުހުންގެ ފަރާތުން ކަމަށާއި ސީސީޓީވީ ފުޓޭޖް ބަލައިލަން ބޭނުން ވާހަކަ ބުންޏެވެ. 4

ދުވަސް ފަހުން ނަަމަވެސް ގުޅީތީވެ މަރުހަބާ ކިޔަން ބޭނުންވާތީ ބޭނުން އިރަކުން އެ ފުރުޞަތު އޮތްވާހަކަ އަނެއްކާވެސް ބުނީމެވެ. ޖެހިގެން އަންނަ ދުވަހު ހެނދުނު ގަޑީގައި އަންނާނެ ވާހަކަ ބުނެފައި ފޯނު ކަނޑައިލިއެވެ. ޖެހިގެންއައި ދުވަހު ވެސް ފުލުހުންގެ ޚަބަރެއް ނުވިއެވެ. މި އާޓިކަލް މި ލިޔަނީ ގެއަށް ވަގުން ވަދެގެން ފުލުހުންނަށް މައްސަލަ ހުށަހެޅިތާ 17 ދުވަސް ފަހުންނެވެ. ފުލުހުންގެ ތަހުގީގަށް ބޭނުން ކުރެވިދާނެ އަދި އޭގެ އެހީގައި، ވައްކަންކުރި މީހުން ހޯދިދާނެ ފަދަ މަޢުލޫމަތު އަޅުގަނޑުމެންގެ އަތުގައި ހުރިނަމަވެސް އެ ބަލާލަން ވެސް ފުލުހުން ބޭނުންނުވާ ކަހަލައެވެ.

ވަގުންނާއި ފޭރޭ މީހުން އަދި ގޭންގުތަކުގެ ކިބައިން ރައްޔިތުންގެ ޖާނާއި މާލު ހިމާޔަތް ކޮށްދިނުމުގައި ދިވެހި ފުލުހުންގެ ޒިންމާ ފުރިހަމައަށް އަދާކުރެވޭތޯ ހިތުގައި ސުވާލު އުފެދެއެވެ. ގެއަށް ވަގުންވަދެ އަތުޖެހުނު އެއްޗެއް ހިފައިގެން ދިއުމުން ހުށަހެޅި މައްސަލަ އާއި ގުޅިގެން ލިބެންހުރި ފޮރެންސިކް ހެކިތައް ބަލާލަން ފުލުހުން ދިޔަނަމަ، ރައްޔިތުންނަށް ދިމާވާ ކަންކަމުގައި ފުލުހުންގެ އެހީތެރިކަމާއި ރައްކާތެރިކަން ލިބޭނެ ކަމުގެ އިހުސާސް އަޅުގަނޑަށް ވެސް ކުރެވުނީހެވެ.

ކުރާ ކޮންމެ ވައްކަމެއްގައި ވަގުން ނުހޯދިދާނެއެވެ. ނަމަވެސް ހޯދޭތޯ މަސައްކަތް ކުރަންތިބި މީހުން މިހާ ދޯދިޔާ ވުމަކީ މައްސަލައެކެވެ. ރައްޔިތުންނަށް ލިބެންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ ޒިންމާއާއި ހަވާލުވެގެންތިބި ފަރާތްތަކުން އެކަމަށް އިހުމާލު ވައްޏާ ދެން ޖެހޭނީ އެހެން ގޮތަކުން އެ ހިމާޔަތާއި ރައްކާތެރިކަން ހޯދާށެވެ.

އިންސާފަކީ މުލައްދަނޑީގެ ބާރު ކަމަށް ވެއްޖެނަމަ ކޮންމެ މީހަކު ވާން ޖެހޭނީ ގޭންގެއްގެ ބައިވެރިއަކަށެވެ. ނުވަތަ ގޭންގަކާއި ގުޅުން އޮންނަ މީހަކަށެވެ. ދައުލަތުގެ ފަރާތުން އިންސާފާއި ހިމާޔަތާއި ރައްކާތެރިކަން ނުލިބޭނަމަ ދެން އޮންނާނީ ޖަންގަލީގެ އުސޫލެވެ. ބާރުގަދަ މީހާ އަނެކާގެ ހައްގަށް އަރައިގަނެ ހިތުހުރި ގޮތެއް ހަދާލަންވީއެވެ. ޖާނާ މާލާ މުދާ ހިމާޔަތް ކުރަން ބޭނުމިއްޔާ ޖެހޭނީ ނުލަފާ މީހަކަށްވާށެވެ. ތިމާގެ ނުލަފާކަމުން އަނެކާ ތިމާދެކެ ބިރުގަންނަފަދަ މީހަކަށެވެ. މިއަދު އަޅުގަނޑަށް ކުރެވުނު ތަޖުރިބާއަކީ މިއީއެވެ.

އެހެން ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.