ޝަޚުސިއްޔަތު

ކުރީގެ ފާދިރީ އަދި މިހާރުގެ ދާޢީ އިދްރީސް ތައުފީޤް (ފަހު ބައި)

ކުރީ އަދަދާއި ގުޅޭ...

ވަނަ އަހަރު ސެޕްޓެމްބާރ 11 ވަނަ ދުވަހު ހާދިސާވެގެންދިޔައީ އަހަރެންގެ ހަޔާތް ބަދަލުކޮށްލި ކަމަކަށެވެ. ޖެހިގެން އައި ދުވަހު އިނގިރޭސިންގެ މޫނުތަކުން އަހަންނަށް ފެނުނީ ބިރުވެރިކަމެވެ. ޤައުމުގައި ހިނގާ މިފަދަ ހަމަލާތަކުގައިވެސް އަހަރެން ވަރަށް ބިރުގަނެއެވެ. މިހާދިސާ ހިނގުމުން ހުޅަނގުގެ އާންމު ރައްޔިތުން ޓެރެރިޒަމްގެ ދީނޭ މިކިޔާ އިސްލާމް ދީން ދެކެ ބިރުގަންނަން ފެށިއެވެ.

ނަމަވެސް މުސްލިމުންނާއި އެކު ކުރިން އުޅެގެން ކުރެވިފައިވާ ތަޖުރިބާތަކަށްފަހު އަހަރެންގެ ވިސްނުން ހުރީ ހުޅަނގުގެ ހިޔާލާތާއި މުޅިން ތަފާތު ގޮތަކަށެވެ. ކްރިސްޓްއިން ދީނުގެ މީހަކު މިފަދަ އަމަލެއް ކުރުމުން ކްރިސްޓިއަން ދީން ޓެރަރިޒަމްގެ ދީނެކޭ ނުކިޔާ ހިނދު މުސްލިމަކު ކުރުމުން އިސްލާމް ދީނަކީ ޓެރަރިޒަމްގެ ދީނަކަށް ވާންވީ ސަބަބެއް އަހަރެންނަކަށް ނުވިސްނުނެވެ.

އިސްލާމް ދީނާ މެދު އިތުރަށް ދެނެގަތުމަށް، ލަންޑަންގައި ހުންނަ އެންމެ ބޮޑު މިސްކިތް ކަމުގައި 'ލަންޑަން ސެންޓަރަލް' މިސްކިތަށް އަހަރެން ދިޔައީމެވެ. އެތަނުން ކުރީގެ ޕޮޕް ލަވަކިޔުންތެރިޔާ ޔޫސުފް އިސްލާމް (ކެޓް ސްޓީވަންސް) ވަށައިގެން ތިބެ މީސްތަކުން، އިސްލާމް ދީނާއި ބެހޭގޮތުން އޭނާއާ ވާހަކަ ދައްކަމުން ދިޔަތަން އަހަރެންނަށް ފެނުނެވެ. އަހަރެންވެސް އެމަޖިލީހުގައި ބައިވެރިވެ ޔޫސުފް އިސްލާމް ކައިރީ އޭނާ މުސްލިމަކަށް ވުމަށްޓަކައި ކުރީ ކޮންކަމެއްތޯ ސުވާލު ކުރީމެވެ. ޖަވާބުގައި ޔޫސުފް އިސްލާމް ބުނީ 'މުސްލިމަކު ޤަބޫލުކުރަން ޖެހޭނީ އެންމެ ކަލަކު ވާކަމަށާއި، ފަސްވަގުތު ނަމާދު ކުރަންޖެހޭ ކަމަށާއި، ރަމަޟާން މަހު ރޯދަ ހިފަން ޖެހޭނެ.' ކަމަށެވެ. އޭނާ ބުނި ހުރިހާ ކަމެއްވެސް ޤަބޫލުކުރާކަމަށް ބުނެ އަހަރެން ރޯދަ ހިފިވާހަކަވެސް ޔޫސުފް އިސްލާމްގެ ވާހަކަ މެދުކަނޑާލުމަށްފަހު ބުނީމެވެ. އެއަށްފަހު ޔޫސުފް އިސްލާމް ސުވާލުކުރިއެވެ. 'އެހެންވިއްޔާ ކަލޭތީ މުސްލިމެއް! ކަލޭ ތިޔަ އޮޅުވާލަނީ ކާކަށް ހެއްޔެވެ؟' އެހިނދު މަޣްރިބް ނަމާދަށް ބަންގި ގޮވަންފެށިއެވެ. އެންމެ ތެދުވެ ނަމާދުކުރަން ތައްޔާރުވިއެވެ. ސަފުތަކުގެ ފަހަތުގައި އަހަރެން ހުރެ ރުއީމެވެ. އަހަރެންގެ ސިކުނޑީގައި ދައުރުވަމުން ދިޔައީ ޔޫސުފްގެ އެބުނުމެވެ. 'ކަލޭތީ މުސްލިމެއް! ކަލޭ ތިޔަ އޮޅުވާލަނީ ކާކަށް ހެއްޔެވެ؟'

ނަމާދު ނިމުމުން އަހަރެން އަނެއްކާވެސް ޔޫސުފް އިސްލާމާ ބައްދަލުކުރީމެވެ. އަދި އިސްލާމް ދީން ޤަބޫލުކުރުމަށް ކިޔަންޖެހޭ ޝަހާދަތް ބުނެދިނުމަށް އެދުނީމެވެ. ޝަހާދަތުގެ މާނައާއި އޭގެ ތަފްސީލު ކިޔައިދިނުމަށްފަހު އަހަރެން ޔޫސުޕް އިސްލާމް ގެ އަޑުދަށުން ޝަހާދަތް ކިޔައި އިސްލާމް ވީމެވެ.

މިހާރު އިދްރީސް ތައުފީޤް އަކީ އިސްލާމްދީނުގެ 'ދަންމަރު' ހިފައިގެން މުޅިދުނިޔޭގައި ދަތުރުކުރަމުންދާ ދާޢީއެކެވެ. އިދްރީސް ތައުފީޤް ރާއްޖެ ވަޑައިގެން ދެއްވި ލެކްޗާއަށް ހާޒިރުވި ބައެއް މީހުންވަނީ އިދްރީސް ތައުފީޤްގެ ވާހަކަތަކުން އުފަލުން 'ރޮއްވާލާ'ފައެވެ. ފަލަސްތީނުގެ އަޚުންނާއި އުޚުތުންގެ ހައްޤުގައި އިދްރީސް ތައުފީޤް ދައްކަވާ ވާހަކަތަކުންވެސް ގިނަ ބަޔެއްގެ ހިތަށް އަސަރުކޮށްވަނީ ކަރުނަ ހިލުވާލާފައެވެ. އިދްރީސް ތައުފީޤް ލައިގެން ހުންނަވާ ކޯޓުގައި 'ފަލަސްތީނު'ގެ ދިދަ ޖައްސަވާ އެވަރުން ފުއްދަވާނުލައްވައެވެ. ފަލަސްތީނު ރައްޔިތުންގެ އުދާސް ވަރަށް ފުރިހަމައަށް އޯޑިއަންސަށް ފޯރުކޮށްދެއްވައެވެ.

މާތްﷲ އިދްރީސް ތައުފީޤްއަށް އިސްލާމް ދީނުގެ ސާފުސީދާ ތެދުމަގުގައި ފައިތިލަ ސާބިތުކުރުމުގެ ތަވްފީޤު ދެއްވާންދޭވެ! އިދްރީސް ތައުފީޤް ފާދިރީއެއްގެ ގޮތުގައި ހުރުމަށްފަހު މުސްލިމެއްގެ ގޮތުގައި މުޅި ދުނިޔެއަށް ތަޢާރަފް ކުރައްވާ ފުރިހަމަ މުސްލިމެއްގެ ގޮތުގައި މަރު ގެންދަވާފާންދޭވެ!

ނިމުނީ

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *