ދަރުސް ޚަބަރު "ޢިލްމީ ޚަޒާނާ" ގެ 100 ވަނަ ޕްރޮގްރާމް މުޅިން ތަފާތުގޮތަކަށް ދަރުބާރުގޭގައި!

"ޢިލްމީ ޚަޒާނާ" ގެ 100 ވަނަ ޕްރޮގްރާމް މުޅިން ތަފާތުގޮތަކަށް ދަރުބާރުގޭގައި!

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ޖަމްޢިއްޔަތުއްސަލަފާއި ސަން.އެފް.އެމް ގުޅިގެން ގެނެސްދޭ "ޢިލްމީ ޚަޒާނާ" ގެ 100 ވަނަ ޕްރޮގްރާމް ވަރަށް ކުލަގަދަކޮށް ދަރުބާރުގޭ ދޮށިމޭނާ މާލަމްގައި 2011 މާޗް 11 ވާ ހުކުރު ދުވަހުގެރޭ ބާއްވާގޮތަށް ހަމަޖެހިފައިވާކަމަށް ޖަމްޢިއްޔަތުއްސަލަފުން ހާމަކޮށްފިއެވެ. 2009 މާރޗް 6 ގައި ފޮނުވަން ފަށާފައިވާ މި ޚާއްސަ ޕްރޮގްރާމަކީ ކޮންމެ ހަފްތާއަކު ގެނެސްދޭ ޢިލްމީ ދީނީ ވެރައިޓީ ޝޯވް އެކެވެ. މުހިންމު ދީނީ މަޢުޟޫއުތަކަށް އިންސާފުކުރުމުގެ އިތުރުން ޢާއްމުންނަށް ހުޅުވާލައިގެން ލައިވްކޮށް ކުރިއަށް ގެންދާ މިޕްރޮގްރާމްގައި ޢާއްމުންގެ ސުވާލުތަކަށް ޖަވާބު ދިނުމާއި، ޙަޤީޤީ ޢިބްރަތްތެރި ވާހަކައާއި، ރިޕޯޓް އަދި ޚާއްޞަ މެހުމާން ފަދަ ބައިތައް ގެނެސްދެވެއެވެ.

"ޢިލްމީ ޚަޒާނާ" އަކީ އިސްލާމްދީނަށް ލޯބިކުރާ ވަރަށް ގިނަބަޔަކު ވަރަށް ތަރުޙީބުދޭ އަދި ފޫހިކަމެއްނެތި އަޑުއަހަމުންދާ މުހިންމު ޢިލްމީ ޝޯވްއެކެވެ. ޖަމްޢިއްޔަތުއްސަލަފްގެ ރައީސް ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް އާއި ނާއިބް ރައީސް ޝައިޚް ޙަސަން މޫސާ ފިކުރީ އާއި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިޚް އަޙްމަދު ސަމީރުގެ އިތުރުން ރާއްޖޭގެ ފުންނާބުއުސް ދީނީ ޢިލްމުވެރިން ބައިވެރިވެލައްވާ މިޝޯވް އާއްމުކޮށް ހުށަހަޅަމުންގެންދަނީ ކުރީގެ މަޝްހޫރު ލަވަކިއުންތެރިޔާ ޢަލީ ރަމީޒް އެވެ. 2010 ގެ ނިޔަލަށް ކޮންމެ ހުކުރުދުވަހެއްގެރޭ 21:30 ން 23:00 ށް ފޮނުވަމުން ދިޔަ މިޝޯވް މިހާރު ދުރަށް ފޮނުވަމުން ގެންދަނީ ކޮންމެ ހޯމަ ދުވަހެއްގެ ރޭ 22:00 ން 23:00 އަށެވެ.

"ޢިލްމީ ޚަޒާނާ" ގެ 100 ވަނަ ޝޯވް ވެގެންދާނީ ރާއްޖޭގެ ތާރީޚްގައި ރޭޑިއޯ ޝޯވްއެއް ފުރަތަމަ ފަހަރަށް ސްޓޫޑިއޯއިން ބޭރުގައި ޢާއްމުންނަށް ހުޅުވާލައިގެން މިހާ ކުލަގަދަކޮށް ބާއްވާ ފުރަތަމަ ހުށައެޅުން ކަމުގައެވެ.

2009 ގެ ސަން.އެފް.އެމް އެންމެ މަޤްބޫލު ޕްރޮގްރާމް އެވޯޑް ވެސް ލިބިފައިވަނީ "ޢިލްމީ ޚަޒާނާ" އަށް ކަމުގައި ވަރަށް އުފަލާއެކީ ފާހަނގަކޮށްލަން ޖެހެއެވެ. ޢިލްމީ ޚަޒާނާ ލައިވްކޮށް ބާއްވަން ގަސްތުކޮށްފައިވާއިރު މި ޝޯވް ލައިވްކޮށް ދަރުބާރުގެއިން ބައްލަވާލެއްވުމަށް ގިނަ ޢަދަދެއްގެ ބަޔަކު އެދެމުންދާ ކަމަށާއި،  މިޝޯވް ބައްލަވާލައްވަން ބޭނުންވެލައްވާ ފަރާތްތަކުން ސަން.އެފް.އެމް ގެ ނަންބަރ 3302747 ފޯނަށް ގުޅުއްވައިގެން ނަން ނޯޓް ކުރެއްވުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ދިއިސްލާމް އަށް މަޢުލޫމާތު ލިބެއެވެ. އަދި ދަޢުވަތު ކާޑް ބޭނުންވެލައްވާ ފަރާތްތަކުން ޖާގަ ފުލްވުމުގެ ކުރިން ސަން.އެފް.އެމް ގައި ނަން ނޯޓްކުރެއްވުމަށް އިންތިޒާމްކުރާ ފަރާތުން އެދިލައްވައެވެ.

"ޢިލްމީ ޚަޒާނާ" ގެ މިޝޯވް ޚާއްޞަވެގެންދާ ސަބަބުތަކުގެ ތެރޭގައި ލަވަކިޔުމުގެ ދާއިރާއާއި ދުރުވެފައިވާ މަޝްހޫރު 03 ލަވަކިޔުންތެރިން އެމީހުން ލަވަކިޔުމާއި ދުރަށް ދިޔަފަހުން ފުރަތަމަ ފަހަރަށް އެއް ސްޓޭޖަކުން ފެނިގެންދާނީ މިޝޯވްއިންކަމަށާއި، މީގެ ތެރޭގައި ލަވަކިޔުން ހުއްޓާލިކަން ރަސްމީގޮތުން މީގެ ކުރިން އެނގިފައިނުވާ ވަރަށް މަޝްހޫރު އެހެން ލަވަކިޔުންތެރިއަކުވެސް އޭނާ ލަވަކިއުމާއި ދުރަށް ދިޔަކަން އޭނާގެ ދުލުން އޯޑިއޮންސަށް ބަޔާންކޮށްދޭނެ ކަމަށް މިޝޯވް އިންތިޒާމްކުރާ ފަރާތުން ހާމަކުރެއެވެ.

މިޝޯވް މުހިންމުވެ، ޚާއްސަވެގެންދާ އަނެއް ސަބަބަކީ މިއީ ދިވެހިރާއްޖޭގައި ރޭޑިއޯ ޕްރޮގްރާމެއްގައި އޯޑިއަންސްގެ ކުރިމަތީގައި ލައިވް ސުވާލާއި ޖަވާބު ދީނީ މަޢުޟޫއަކަށް ދެއްވާނެ ފުރަތަމަ ފަހަރުކަމުގައި ރެކޯރޑް ކުރެވޭނެތީއެވެ.

"އިލްމީ ޚަޒާނާ" އަށް ޢާއްމުންގެ ފަރާތުން ލިބެންފެށި ތަރުހީބެއްގެ ބޮޑުކަމުން، އެ ސިލްސިލާގެ ޕްރޮގްރާމުތަކުގެ ރިކޯޑިން ހިމެނޭ ސީޑީތައް ވެސް ސަން.އެފް.އެމް އިން ވަނީ ބާޒާރަށް ނެރެފަ އެވެ. އަދި މިޚާއްޞަ ޝޯވް އޮންނަރޭ "ޢިލްމީ ޚަޒާނާ" ގެ ހުރިހާ ޕްރޮގްރާމްތަކުގެ ސީޑީ ލިބެން ހުންނާނެ ކަމަށް ދިއިސްލާމް އަށް މަޢުލޫމާތު ލިބެއެވެ.

ޢިލްމީ ޚަޒާނާގެ ޓްރޭލާރ ބައްލަވާ!

ޓެގް

ޢިލްމީ ޚަޒާނާ ސަންއެފްއެމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.