މީލާދީ އާއަހަރު ފެށި، އަހަރުގެ ފުރަތަމަ މަހުގެ ފަހު ދުވަސް ވަރަށް އެޅުމާއެކު ޒުވާނުންތައް އިންތިޒާރު ކުރަމުންދިޔައީ ޖެނުއަރީ މަސް ނިމި ފެބުރުއަރީމަސް ފެށޭނެ ވަގުތަކަށެވެ. ފެބުރުއަރީ މަހަކީ ސުކޫލުތަކާއި، ކޮލެޖުތައް އަދި ޔުނިވަރސިޓީވެސް ޗުއްޓީ ދުވަސްވަރެކެވެ. އަދި އިންސިޓިއުޓްތަކާއި އެކަޑަމީތައްވެސް ފެބުރުއަރީމަހައް ޗުއްޓިލިބެއެވެ. އަޒުލިފު ކިޔަވަމުންދިޔައީ ބިޒުނަސް ކިޔަވައިދޭ އެކަޑަމީއެއްގައެވެ.
އެހެން ޒުވާނުންނެކޭ އެއްފަދައިން އަޒުލިފުވެސް އިންތިޒާރު ކުރަމުންދިޔައީ ފެބުރުއަރީމަސް ފެށޭނެ ވަގުތަކަކަށެވެ. ފެބުރުއަރީމަސް ފެށުމާއެކު އަޒުލިފުވެސް ކިޔަވަމުންދާ އެކަޑަމީއަށްވެސް ޗުއްޓި ފެށުނެވެ. ޒުވާނުންތައް ފެބުރުއަރީމަހުގެ ހަރީފާއެކު އުފާ ފާޅުކުރުމަށްޓަކައި އެތަން މިތަނަށް ދަތުރު ކުރަންފެށިއެވެ. ނަމަވެސް މިފަހަރު ޗުއްޓީގައި އަޒުލިފަކަށް އެވެސް ތަނަކަށް ދެވޭގޮތެއް ނުވިއެވެ.
ފެބުރުއަރީމަހަކީ ގިނަ އަދަދެއްގެ ޒުވާނުން ސިނަމާތަކާއި ނައިޓްކުލަބުތަކުގައި ވަގުތު ހޭދަކުރާ ދުވަސްވަރެވެ. މިލިބުނު ޗުއްޓީގައި އެއްވެސްތާކަށް ނުދެވުމުން އަޒުލިފުވެސް ގަސްތުކުރީ ސިނަމާތަކާއި ނައިޓްކުލަބުތަކުގައި ވަގުތު ހޭދަކުރުމަށެވެ.
ފެބުރުއަރީ މަހުގެ މެދުތެރޭގައި ލޯބިވެރިންގެ ދުވަސް އަންނާތީވެ، ގިނަ އަދަދެއްގެ ޒުވާނުން ނައިޓް ކުލަބުގެ ކައުންޓަރުގެ ކިޔުގައި ޖެހިފައިތިބީ ފެބުރުއަރީ 14 ވަނަ ދުވަހުގެ ރެއަށް ނައިޓްކުލަބުން ޖާގައެއް ބުކިންގކުރުމަށެވެ. 14 ވަނަ ދުވަހުގެ ރެއަކީ ސިނަމާތަކާއި ނައިޓްކުލަބުތައް ފުރިގެން ބަންޑުންވާ ރެއެކެވެ. ކުރިން ވަންނަން ބުކިންގ ހެއްދި ބަޔަކަށްނޫނީ އެރެއަކު ޖާގައެއް ނުލިބެއެވެ. ފެބުރުއަރީ 14 ގައި ދެޖިންސުގެ ޒުވާނުން ނައިޓްކުލަބުތަކަށް ވަންނަމުން ދިޔައެވެ. ޖޯޑުޖޯޑަށް ނައިޓްކުލަބުތަކަށް ވަންނަމުންދިޔަ ޒުވާނުންގެ ގިނަކަމުން ޖާގައެއް ނުލިބިދާނެތީ އަޒުލިފުވެސް ވަނީ ދުރާލައި ނައިޓްކުލަބުން ޖާގައެއް ބުކިންގ ކޮށްފައެވެ.
އެދުވަހުގެ ހަވީރެއްހާއިރު ނައިޓްކުލަބުތަކަށް ޒުވާނުންތައް ޖަމާވާންފެށިއެވެ. އިރުއޮށްސުނުއިރު ނައިޓްކުލަބު ވަނީ ފުރިފައެވެ. ނައިޓްކުލަބު ފުރިފައިވުމާއިގުޅިގެން އިތުރުބަޔަކަށް ނުވަދެވޭނެހެން ނައިޓްކުލަބުގެ މައިދޮރުވަނީ ބަންދުކުރެވިފައެވެ.
މިރޭގައި އެންމެ ފޯރިގަދަ ހަރަކާތަކަށް އޮތީ ލޯބިވެރިންގެ ދުވަސްވުމާއެކު، ދަންވަރު އޮންނަ ޝޯއެވެ. މިރެއަކީ ނައިޓްކުލަބަށް ބާރު ބޮޑު ރެއެކެވެ. އެހެންކަމުން ބަނގުރަލުގެ ތަފާތު ބާއްވަތްތަކުން ކޭސްކޭހުންދިޔައީ ނައިޓްކުލަބުގެ ގުދަނައް ޖަމާކުރަމުންނެވެ.
ރޭގަނޑުގެ 9 ޖެހިއިރު ޒުވާނުންތައް ޖަމާވެފައިވަނީ ނައިޓްކުލަބުގެ 2 ނަންބަރު ހޯލަށެވެ. ޒުވާނުންތައްދިޔައީ އަނެއްޖިންސުގެ ޒުވާނުންގެ ކިބައިއިން އުފާ ހޯދަމުންނެވެ. ނެށުމާއި ލަވަކިޔުމާއި ހުނުމުގެ އަޑެވެ. ޒުވާނުންތައް އެކިފަހަރު އެކި ޒުވާނުންގެ ކިބައިން ޖިންސީ އުފާހޯދަމުންދިޔައިރު، އަޑުބާރުކޮށް ލަވަޖަހާފައިވާ މިހޯލުގައި ގޮނޑިއެއްގައި އިށީންދެގެން އަޒުލިފު ހުއްޓެވެ. ޒުވާން އަންހެން ކުއްޖަކުއައިސް އަޒުލިފުގެ އަތުގައި ހިފުމަށްޓަކައި އަތް ދިއްކޮށްލިއެވެ. ނޫނެކޭ ބުނުމުގެ ގޮތުން އަޒުލިފު ބޯހުރާލިއެވެ. އަޒުލިފުގެ މިޖަވާބަށް އެޒުވާން އަންހެންކުއްޖާ ބުންޏެވެ. "ކީއްވެ؟ ކަމުނުދަނީތަ؟" "ނޫން ދަންވަރު އޮންނަ ޝޯއަށް ތަޒާކަމާއެކު ހުރެލުމަށްޓަކައި، މިހާރު ގޮސްފިއްޔާ ޝޯ ފެށެންވާއިރަށް ހުންނާނީ ވަރު ބަލިވެފަ" އަޒުލިފު އެޒުވާން އަންހެންކުއްޖާގެ ސުވާލައް ޖަވާބު ދިނެވެ.
ރޭގަނޑު 10 ޖެހިއިރު 2 ނަންބަރު ހޯލުގައި ތިބި ޒުވާނުތައް ދަންވަރު އޮންނަ ޝޯއަށް ތަޒާވެލާ ފެންވަރާލުމަށްޓަކައި ދިޔައެވެ. މިޒުވާނުންނާއެކު އަޒުލިފުވެސް ހޯލުން ބޭރަށް ނިކުތެވެ.
12 ޖަހަން ވަގުތު ކުޑަތަންވިއިރު ޒުވާނުންތައްވަނީ އެއްނަބަރު ހޯލައް ޖަމާވެފައެވެ. މިހޯލަކީ ނައިޓްކުލަބުގެ އެންމެ ބޮޑު ހޯލެވެ. ސްޓޭޖެއްވެސް ހިމެނޭ މިހޯލުގެ ސްޓޭޖުގެ ތިރީގައި ގޮނޑިތަކާއެކު މޭޒުވެސް ޖަހާފައި ހުއްޓެވެ. ކޮންމެ މޭޒެއްގެ ކައިރީގައިވެސް ޒުވާން ޖޯޑުތައް ތިއްބެވެ. އަޒުލިފު ހުރީ އެހެން ޒުވާނުންނާއި ވަކިން ހުރި މޭޒެއްގައެވެ. މޭޒު ތަކުގައި ތަށިތައްޓަށް ރާތައް އޮއްސަމުން ދިޔައެވެ. ބައެއް ޒުވާނުންގެ ތުނބުގައި ބަނގުރާ ތަށިތައް ހުއްޓެވެ.
ދަންވަރު 12 ޖެހުމާއެކު ޝޯ ފެށުނެވެ. އެންމެ ފުރަތަމަވެސް ޖޯޝް ކައްކުވާލާފަދަ ލަވަޔަކުންނެވެ. މިލަވައިގައި ޒުވާނުންތައް އޭގެ އަނެއް ޖިންސުގެ ޒުވާނާއާއިއެކު ނަށަމުންދިޔައެވެ. އަންހެން ޒުވާނުންގެ ހެދުމުގެ ވައްޓަފާޅިއަށް ބަލައިލައިފިނަމަ ކުރުކަމާއި ބާރުކަން އަދި ހެދުމުގެ ތުނިކަން ފެންނަން ހުއްޓެވެ. ލަވަޔަކަށްފަހު ލަވައެއް ފޯރިގަދަ ވަމުންދިޔައެވެ. ނަމަވެސް އެހެންޒުވާނުންތައް ނަށަމުންދިޔައިރު އަޒުލިފު ހުރީ އޭނާގެ މޭޒުގައި އިށީންދެގެންނެވެ.
ހޯލުތެރެއިން އިވެމުންދިޔައީ ޒުވާނުންގެ ހުނުމުގެ އަޑާއި ތަރުހީބުގެ އަތްތިލަބަޑީގެ އަޑެވެ. މިފޯރީގެ ތެރޭގައިވެސް ބައެއް ޒުވާނުންވަނީ ރާ ބޮއެ މަސްތުވެފައެވެ.
ދެން އިވިގެންދިޔައީ މިޔުޒިކުގެ އަޑުބާރު އަދި އެމިޔުޒިކުގެ ބޭސް ސައުންޑުވެސް ހައި ލަވައެކެވެ. ދެނަންބަރު ހޯލުން އަޒުލިފުގެ އަތުގައި ހިފުމަށް އައްދިއްކޮށްލި ޒުވާނާ އަޒުލިފުގެ ގަމީހުގައި ހިފައި ކޮޅަށް ނެގިއެވެ. މިފޯރިގަދަ ލަވައިގެ ތެރޭގައި އަޒުލިފުއަށްވެސް ބޭއިހްތިޔާރުގައި އެއަންހެން ޒުވާނާއާއި އެކު ނަށަން ފެށުނެވެ. އެޒުވާން އަންހެންކުއްޖާ އަޒުލިފުގެ ގައިގައި ބީހޭން ފެށިއެވެ. މިފޯރިގަދަ ލަވައިގެ ތެރޭގައި އަޒުލިފުވެސް ވަނީ ވަރަށް ރަނގަޅަށް އެއަންހެންކުއްޖާގެ މަސްތުގައި ދިވާނާ ވެފައެވެ.
މޭޒޭގެ މަތީގައި ހުރި ރާ ތައްޓެއް ނެގުމަށްފަހު އެތަށިން އެއްބައި ބޮއެލުމަށްފަހު އަންހެން ޒުވާނާ އަޒުލިފުގެ ތުނބުގައި ރާ ތަށި ޖެއްސިއެވެ. އަޒުލިފު އެންހެން ޒުވާނާ ކުޑަ ކޮށް ދުރުކޮށްލިއެވެ. އެއާއެކު، އަޑުގަދަ ކޮށް ޖަހާފައިހުރި ލަވައިގެ ތެރެއިން މުޅި ހޯލުގައި ތިބި އެއްމެން ސިއްސައިގެންދިޔައީ ލަވައިގެ ތެރޭގައި ސިއްސައިގެންދާފަދަ އަޑު ބާރު މިޔުޒިކުގެ ހައިބޭސް ސައުންޑުގެ އެންމެ އަޑަކުންނެވެ. ސިއްސައިގެން ގޮސް އެންމެންނަށް ސްޓޭޖާއި ދިމާލަށް ބަލާލެވުނެވެ. މުޅި ސްޓޭޖުގައިވަނީ އަލިފާން ހިފާ ހުޅު ރޯވެފައެވެ. މަސްތުވެ ލަވަ ކިޔަމުންދިޔަ ޒުވާނުންގެ ގައިގައިވަނީ ހުޅު ރޯވެފައެވެ.
ހުނުމާއި ސަކަރާތުގައި ތިބި ޒުވާނުން ދިޔައީ ސިއްސައިގެނެވެ. މިހާރު ހޯލުގެ ތެރެއިން އިވެނި ރޮއީ އާދޭސްކޮށް ހަޅޭއް ލަވާ އަޑެވެ. މުޅި ތަނުގައި އަލިފާން ހިފާފައި ވުމާއިގުޅިގެން ސަލާމަތްވެވުނު ގޮތަކަށް ސަލާމަތްވުމަށްޓަކައި އެމީހަކަ ދެވުނު ތަނަކަށް ދުއްވައިގަތެވެ.
މުޅި ސަރަހައްދުން އިވެމުންދިޔައީ ރުއިމުގެ އަޑާއި އާދޭސްކޮށް އެހީއެދި ގޮވާއަޑެވެ. ރައްބުގެ ހަޟްރަތުން ސަލާމަތްކޮށް ދިނުމަށް އެދި ގޮވާއަޑެވެ. މަގުމަތިން އިވެމުންދިޔައީ އަލިފާން ނިވާ ވެހިކަލްތަކުގެ އޭލާމްގެ އަޑެވެ. ތަޅުލާފައިވާ ދޮރު ވައްޓާލުމަށްފަހު ވެހިކަލްތައް އެތެރެއަށްވަންދެގެން އައެވެ. ފަހަތުން އެމްބިއުލައިންސްގެ ސައިރަންގެ އަޑުވެސް ދިޔައީ އިވެމުންނެވެ.
ނައިޓް ކުލަބުގެ ގޯތިތެރެއަށް 3 އެމްބިއުލައިންސް ވަނެވެ. އަލިފާން ނިވާ ފަރާތްތަކުން ދިޔައީ ހުޅު ގަނޑުރޯވެފައިވާ އަލިފާން ނިއްވަމުންނެވެ. ހޯލުތެރެއިން ފިހިފައިވާ ޒުވާނުންގެ މަސްގަނޑު އެމްބިއުލައިންސައް އަރުވަމުންދިޔައެވެ.
ބައެއް ޒުވާނުންވަނީ ވަރަށް ބޮޑަށް ފިހިފައެވެ. މުޅި ހަށިގަނޑު ފިހިފައިވުމުން އެއީ ކާކުކަމެއް ވަކިކުރާން ނޭންގޭވަރަށް ޒުވާނުންގެ ހަށިގަނޑުތައްވަނީ ފިހިފައެވެ. މުޅި ހަށިގަނޑު އަނދާފައިވީނަމަވެސް ސޫރަ ވަކިކުރަން އެނގޭ ޒުވާނަކު އޭގެ ތެރޭގައިވެއެވެ. އެއީ އަޒުލިފުއާއި އެކު ނަށަމުންދިޔަ ޒުވާން އަންހެން ކުއްޖާއެވެ.
މުޅި ތަނުގައި އަލިފާން ނިވާ މީހުންނާއި، އެމްބިއުލައިންސުގެ އެހީތެރިން ހަރަކާތްތެރިވަމުންދިޔައެވެ. ނައިޓް ކުލަބުން ބޭރުގައި ފުލުހުންނާއި ސަލާމަތީ ބާރު ތަކުން ދިޔައީ މަސައްކަތް ކުރަމުންންނެވެ.
ނައިޓް ކުލަބުން ބޭރުގައިވަނީ އެހެން ދުއްވާ އެއްޗިއްސާއި މީހުންނަށް ނުވަދެވޭނެހެން ފުލުހުންގެ ޔުނީފޯމް އަޅައިގެން ތިބ ފަރާތްތަކުން ވަށާލާފައެވެ.
އެމްބިއުލައިންސުތައް ދުއްވަމުން ދިޔައީ ހޮސްޕިޓަލަށެވެ. ހޮސްޕިޓަލުން ސަހަރާޔަށް މަރުވެފައިވާ ޒުވާނުންގެ މަސްގަނޑު ގެންދެމުން ދިޔައެވެ. ސަހަރާޔަށް ގެންދެވުނު ޒުވާނުންގެ ޢާއިލާތަކުން ދިޔައީ ގިސްލާ ރޮމުންނެވެ. މަރުވި ޒުވާނުންގެ ޖަނާޒާގެ ކަންތައްތައް ނިމިއްޖެއެވެ.
މިހާދިސާގައި އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތްވި މަދު ޒުވާނުންގެ ތެރެއިން އެކަކީ އަޒުލިފެވެ. އޭނާ ސަލާމަތްވި ގޮތް އެއީ ﷲ ގެ ކުޅަދުންވަންތަކަމެވެ. ތުނބުގައި ރާ ތަށި ޖައްސާލިވަގުތު، އޭނާއަށް ރާ ތަށި ދިން ޒުވާން އަންހެން ކުއްޖާ ދުރުކޮށްލެވުނެވެ. ހޯލުތެރެއިން ސަލާމަތުން ނިކުމެވުނީ ކުއްލި އަޑުފައްގަނޑުން ސިއްސައިގެން ގޮސް ދުއްވައި ގަނެވުނީމައެވެ.
އޭނާ އެ ހަޑިހުތުރު ފާފާއިގެ ތެރޭގައި ނިމުން ބައްދަލު ކުރިނަމަ އަޒުލިފު ވާހުށީ އަބައްޖަވެރިންގެ ތެރޭގައިކަން ކަށަވަރެވެ.
އެތައްކެއް ޒުވާނުންތަކެއް އޭނާގެ ކުރިމަތީގައި އަލިފާނުގެ ތެރޭގައި އަދަމުން ދިޔައިރު އަޒުލިފު ސަލާމަތްވުން އެއީ ޖަލީލުވަންތަ އިލާހުގެ އެންމެ އިންސާފުވެރި ނިންމުމެވެ.
މިހާދިސާއިން އަޒުލިފުވީ ޢިބުރަތް ލިބިގަތް ޒުވާނެއްކަމުގައެވެ. ފެބުރުއަރީ މަސް ވެގެންދިޔައީ އަޒުލިފުގެ ހަޔާތުގައި ބެޑެތި ކަންތައްތަކެއް ހިނގައި އޭނާގެ ޙަޔާތައް ބޮޑު ބަދަލެއް ގެނުވި މަހަކަށެވެ.
މިހާރު އަޒުލިފުއަކީ އާ ދިރުމެއް ލިބުނު މީހެއްފަދައެވެ. ނުބައި ފާފައެއްގެ ތެރޭގައިވަނިކޮށް އޭނާ ގެއްލުމެއް ނުލިބި ސަލާމަތްވި ކަމަށްޓަކައި އޭނާ އަބަދުވެސް ﷲ ސުބުހާނަހޫ ވަތަޢާލައަށް ޝުކުރުކުރެއެވެ. ހަޔާތައް އައި ބަދަލާއެކު އަޒުލިފުވީ ޞާލިހުންގެ ސަފުތަކުގައި ހިމެނޭ ޒުވާނެއްކަމުގައެވެ. މިއީ ފެބުރުއަރީ މަހުގައި އޭނާގެ ޙަޔާތައް އައި ބަދަލެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...