ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ “ފިޔަވަތި” ގައި އުޅޭ ކުދިންނަށް ޤުރުއާން ކްލާސްތަކެއް ހިންގަން ނިންމައިފިއެވެ.
މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމެލީ އާއި ޤުރުއާނާއި ބެހޭ މަރުކަޒު ގުޅިގެން ހިންގުމަށް ނިންމާފައިވާ މި ޤުރުއާން ކްލާސްތައް ހިންގުމާ ބެހޭ އެއްބަސްވުންތަކުގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ފިޔަވަތީގައި ދިރިއުޅޭ އުމުރުން ތިން އަހަރާއި ނުވަ އަހަރާއި ދެމެދުގެ ކުދިންނަށް އެއް އަހަރު ދުވަސް ވަންދެން ޤުރުއާން ކްލާސްތައް ހިންގައި، އެކުދިން ކީރިތި ޤުރުއާނަށް އަހްލުވެރިކުރުމަށް ހާއްސަ މަސައްކަތްތައް ކުރުމަށް ވަނީ ނިންމައިފައެވެ.
ކްލާސްތައް ފެށުމުގެ ކުރިން ކްލާސްތައް ހިންގާނެ ތާވަލު މަރުކަޒުން ހިއްސާކުރަންވާނެ ކަމަށާއި ޕްރޮގްރާމް ކުރިއަށް ގެންދެވޭ މުއްދަތުގައި ޕްރޮގްރާމުގައި ބައިވެރިވާ ކުދިންގެ ކިޔެވުމަށް އަންނަ ކުރިއެރުން އަންގައިދޭ ރިޕޯޓެއް ކޮންމެ މަހަކު އެއްފަހަރު މިނިސްޓްރީއަށް ހުށަހަޅަންވާނެ ކަމަށް އެއްބަސްވުމުގައި ބުނެފައިވެއެވެ.
މި އެއްބަސްވުމުގެ ދަށުން ކިޔަވައިދިނުމަށް ދާ މުދައްރިސުންނަކީ އުމުރުފުރާގެ ކުދިންނަށް ކިޔަވައިދެވޭނެ ގާބިލު މުދައްރިސުންނަށް ވާންޖެހޭނެ ކަމަށާއި، ކިޔަވައިދޭން ބޭނުންކުރާ އާލާތްތަކަކީ އެ އުމުރުފުރާގެ ކުދިންނާއި އެކަށީގެންވާ އާލާތްތަކަކަށް ވާންޖެހޭނެ ކަމަށް އެއްބަސްވުމުގައި ބުނެފައެވެއެވެ.
ޤުރުއާން ކްލާސްތައް ނަގައިދިނުމަށް އެކަށީގެންވާ މާހައުލެއް ފިޔަވަތީގައި ޖެންޑާ މިނިސްޓަރީން ހަމަޖައްސައިދޭން ވާނެ ކަމަށް ބުނެފައިވާއިރު، ފިޔަވަތީގައި ޤުރުއާން ކްލާސްތައް ކުރިއަށް ގެންދާއިރު ކްލާސްތަކުގައި ބައިވެރިވާ ކުދިންނާއި، ފިޔަވަތީގައި ބަލަހައްޓަމުންގެންދާ އެއްވެސް ކުއްޖެއްގެ ފޮޓޯ، ވީޑިއޯ، އަދި އޯޑިއޯ ރިކޯޑުކުރުމާއި، އަދި އެފަދަ އެއްޗެއް އިންޓަނެޓް، ސޯޝަލް މީޑިއާ، ނުވަތަ ނޫސް މަޖައްލާއެއްގައި އަދި މިނޫންވެސް އެފަދަ ވަސީލަތެއްގައި
އާންމުކޮށްގެން ނުވާނެ ކަމަށާއި އަދި ކުދިންނާއި ގުޅޭ ޒާތީ މައުލޫމާތުގެ ސިއްރު ހިފަހައްޓަންވާނެ ކަމަށްވެސް މިއެއްބަސްވުމުގައި ބުނެފައިވެއެވެ.

















ޚިޔާލު