ބަހުގެގޮތުން އިސްލާމްގެ މާނައަކީ އަމާންދިނުމެވެ. އެހެންކަމުން މާތްވެގެންވާ އިސްލާމް ދީނަކީ އަމަން އަމާން ކަމުގެ ދީނެވެ. އަމިއްލަ މުޖުތަމަޢުގެ ތެރޭގައި އަދި އެހެން މުޖުތަމަޢުތަކާ ދެމެދުގައިވެސް އަމާންކަން ބޭއްވުމަށް އިސްލާމްދީން ބާރުއަޅައެވެ. އެހެންކަމަށްވާނަމަ މީސްތަކުންނަށް ގޯނާކުރުމާއި އަނިޔާ ކުރުމާއި ދެކޮޅުވެރިކަން އުފެއްދުމަށް މަސައްކަތްކުރުން އެއީ މުސްލިމުންގެ ސިފަޔަކަށް ވެގެން ނުވާނެއެވެ. އިންސާނާގެ ޢަމަލުތައް އެއީ މާތްﷲ އަށްޓަކައި ކުރެވޭ ޢަމަލުތަކެއް ނަމަ އޭގައި އެކުލެވިގެންވާނީ ހުރިހާ މީސްތަކުންނަށް ހެޔޮގޮތްތަކެވެ.
އިސްލާމްދީން ގޮވާލަނީ ހަމައެކަނި މީސްތަކުންނަށް އަނިޔާކުރުމާއި ގެއްލުން ދިނުމުން ދުރުހެލިވާކަށް އެކަންޏެއް ނޫނެވެ އެހެނެއްކަމަކު އެދީނުގެ މައިގަނޑު ޝިޢާރަކީ ހެޔޮކަންތައް ނުބައިކަމަށްވުރެ އިސްކުރުމާއި، ކޮންމެ ފަރުދަކުވެސް ހެޔޮކަންތަކަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރުމަށެވެ. ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް މަދީނާއަށް ހިޖްރައަށް ވަޑައިގަތުމަށްފަހު ވެސް އެރަށުގައި ހުންނަވައިގެން ސުލްހައިގެ ވަރަށް ރީތި ނަމޫނާތަކެއް ދެއްކެވިއެވެ. މަދީނާގައި ތިބި ޣައިރު މުސްލިމުންނާއި ޔަހޫދީން މަދީނާއިން ފައިބައިގެންދާކަށް ވަގުތުން އަމުރުފުޅެއް ނުކުރައްވަވައެވެ. އަދި ސުލްހަވެރިކަމާއެކު އެމީހުންނަށް އެމީހުންގެ ދީން މަތީގައި މުސްލިމުންނާއެކު އުޅެވޭނެ ފުރުސަތު ދެއްވެވިއެވެ.
ކީރިތި ރަސޫލާ ކުރެއްވި ހަނގުރާމަތަކަށް ބަލާއިރު ކޮންމެ ހަނގުރާމައެއް ވެސް ކޮށްފައިވަނީ އިސްލާމްދީނާއި މުސްލިމުން ހިމާޔަތްކުރުމަށެވެ. ތާރީޚުގެ ޞަފްޙާ ތައް އުކާލާއިރު އެއްވެސް ބަޔަކާ ދެކޮޅުވެރިވެ މުސްލިމުން އިސްވެ ހަނގުރާމަ ފަށާފަޔެއް ނުވެއެވެ. މުޝްރިކުން މުސްލިމުންނާ ދެކޮޅުވެރިވެ ހަނގުރާމަ ފެށުމުން ދީނުގެ ދިފާޢުގައި އެކަލޭގެފާނާއި އަސްޙާބުން ކުރެއްވި ހަނގުރާމަތަކުގައި ވެސް އަމަން އަމާންކަމުގެ ވަރަށް ރިވެތި މިސާލުތައް ދައްކަވާފައިވެއެވެ. އެގޮތުން އިސްވެ ހަމަލާ ނުދިނުމަށާއި، ހަނގުރާމައިގައި އަންހެނުންނާއި ކުޑަކުދިންނާއި މުސްކުޅިން ޤަތުލުނުކުރުމަށާއި، ގަސްތައް ކަނޑައި މީސްތަކުންނަށް ބޮޑެތި ގެއްލުން ނުދިނުމަށާއި، އަމާންދިނުމަށްފަހު އެއާއި ޚިލާފުނުވުމަށް ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް ބާރު އަޅުއްވާފައިވެއެވެ. އަދި މުސްލިމުންނާއި ހަނގުރާމަކުރާ ބަޔަކާ ނޫނީ ހަނގުރާމަ ނުކުރުމަށް އިރުޝާދު ދެއްވާފައިވެއެވެ.
އިސްލާމްދީނުގެ ޙިމާޔަތުގައި ކުރެވުނު ފުރަތަމަ ހަނގުރާމަ
އިސްވެ ބަޔާންވެދިޔަފަދައިން އިސްލާމީ ތާރީޚުގައި ހިގައި ދިޔަ ކޮންމެ ހަނގުރާމަޔަކީ ވެސް އޭގެ ފަހަތުގައި ހެޔޮ ކަންކަން އެކުލެވޭ، ޢިބުރަތްތަކުން ފުރިގެންވާ ހަގުރާމަތަކެކެވެ. މިގޮތުން، ޙައްޤާއި ބާޠިލާއި ދެމެދު އެންމެ ފުރަތަމަ ކުރެވުނު ހަނގުރާމަ އަކީ ބަދުރު ހަނގުރާމައެވެ. ހިޖުރައިން ދެވަނަ އަހަރުގެ ރަމަޟާން މަހުގެ ސަތާރަ ވަނަ ދުވަހު ކުރެވުނު މިހަނގުރާމަ އަކީ އިސްލާމްކަމާއި ކާފަރުކަމާ ދެމެދު ލެވުނު އިންފާރެކެވެ. މިއީ މާތް ﷲ އަށް ތަބާވީ މީހުންނާއި ޝައިޠާނާގެ އަޢުވާނުންނާ ދެމެދު ކުރެވުނު ހަނގުރާމައެކެވެ.
އެދުވަހުގެ އެ ވަގުތުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތިންސަތޭކަ ސާދަ (314) ޞަޙާބީންނާއެކު ނިކުމެވަޑައި ގެންނެވީ ހަނގުރާމައެއް ކުރެއްވުމުގެ ނިޔަތަކު ނޫނެވެ. އެހެނަސް އެކަލޭގެފާނު ނިކުންނެވީ އަބޫސުފްޔާނުގެ ޤިޔާދަތުގެ ދަށުގައި އައި ވިޔަފާރި ޤާފިލާއަށް މަގު ބަންދު ކޮށް މާއްދީ ގޮތުން އެމީހުން ބަލި ކުރުމުށެވެ. އެހެނީ އެ ޤާފިލާގައި ޤުރައިޝުންގެ އަގުބޮޑު މުދާ ހުރުމުންނެވެ. މިޚަބަރު އަބޫސުފްޔާނަށް ލިބުމާއިއެކު، ދަތުރު ކުރަމުން ދިޔަ މަގު ބަދަލުކޮށް ޤުރައިޝުންގެ ގާތަށް ޟަމްޟަމް ބިން ޢަމުރު އަލްޣައްފާރީ ފޮނުވިއެވެ. އަދި މުސްލިމުންނާއި ހަނގުރާމަ ކުރުމަށް އެއް ހާސް (1000) ކާފަރުން ނިކުތީ އެބައިމީހުންގެ ބޮޑާކަމާއި ބާރު ދައްކަމުން މުސްލިމުންނަށް މަލާމަތް ކުރާ ޙާލުގައެވެ. މިދެލަޝްކަރު ހޮނިހިރު ދުވަހުގެ ހެނދުނު ބައްދަލުކުރީ މައްކާއާއި މަދީނާއާއި ދެމެދު އޮންނަ ބަދުރޭ ކިޔުނު މައިދާނުގައެވެ.
މާތް ﷲ ވަޙީ ކުރައްވަނީ: " إِذْ أَنْتُمْ بِالْعُدْوَةِ الدُّنْيَا وَهُمْ بِالْعُدْوَةِ الْقُصْوَى وَالرَّكْبُ أَسْفَلَ مِنْكُمْ وَلَوْ تَوَاعَدتُّمْ لَاخْتَلَفْتُمْ فِي الْمِيعَادِ وَلَكِنْ لِيَقْضِيَ اللَّهُ أَمْرًا كَانَ مَفْعُولًا لِيَهْلِكَ مَنْ هَلَكَ عَنْ بَيِّنَةٍ وَيَحْيَا مَنْ حَيَّ عَنْ بَيِّنَةٍ وَإِنَّ اللَّهَ لَسَمِيعٌ عَلِيمٌ " މާނަ: " ތިޔަބައިމީހުން (بدر ގެވާދީގެ) ކައިރިފަރާތުގައި، އަދި އެއުރެން ދުރުފަރާތުގައި، އަދި ވިޔަފާރި قافلة ތިޔަބައިމީހުންނަށްވުރެ ތިރީ ބިމުގައިވީހިނދު، ހަނދުމަކުރާށެވެ! ތިޔަބައިމީހުން (އެ كافر ންގެ لشكر އާ ހަނގުރާމަ ކުރުމަށް) އެއްބަޔަކު އަނެއްބަޔަކަށް وعد ވީ ނަމަވެސް، ތިޔަބައިމީހުން އެ وعد ވީގޮތާ خلاف ވީހެވެ. އެހެނެއްކަމަކު (ދެ لشكر ބައްދަލުކުރުއްވީ) اللَّه ނިޔާކުރައްވާފައިވާ ކަމެއް ހަމަޖެހި، ނިމިގެން ދިޔުމަށްޓަކައެވެ. (އެއީ) ހަލާކުވެގެންދާ ބަޔަކު ސާފު ހެތްކާއެކު، ހަލާކުވެގެން ދިޔުމަށެވެ. އަދި ދިރިގެން އަންނާނޭ ބަޔަކު، ސާފު ހެތްކާއެކު، ދިރިގެން އައުމަށެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަން ކަށަވަރެވެ."
އިސްލާމްދީނުގެ ޙިމާޔަތުގައި ކުރެވުނު ދެވަނަ ހަނގުރާމަ : ޢުޙުދު ހަނގުރާމަ
ޢުޙުދު ހަނގުރާމަ (ޣަޒްވަތް ޢުޙުދް) އަކީ މުސްލިމުންނާއި މުޝްރިކުންނާއި ދެމެދު ކުރެވުނު ދެވަނަ (2) ހަނގުރާމައެވެ. މިހަނގުރާމަ ކުރެވުނީ ޙިޖުރައިން 3 ވަނަ އަހަރުގެ ޝައްވާލް މަހެއްގެ 3 ވަނަ ދުވަހުއެވެ. އެއީ މީލާދީ ޘަނަތުން 19 މާޗް 625 ވަނަ ދުވަހެވެ. އެއީ މަދީނާގެ ރައްބޭރުގައިވާ ޢުޙުދޭ ކިޔުނު ފަރުބަދައިގެ ވާދީގައި ކުރެވުނު މަޝްހޫރު ހަނގުރާމައެކެވެ. މިހަނގުރާމަ ކުރެވުނީ މަދީނާގައި ތިބި މުސްލިމުންނާއި މައްކާގެ މުޝްރިކުންނާއި ދެމެދުގައެވެ. މައްކާގެ މުޝްރިކުންގެ ވެރިއެއްގެ ގޮތުގައި ހުރީ އަބޫ ސުފްޔާން އިބްނި ޙަރްބެވެ.
ނުނިމޭ
ކޮމެންޓް (0)
ލޯޑް ކުރަމުން...