ރާއްޖޭގެ ޚަބަރު

ސޯޝަލް މީޑިޔާގައި ފުލުހުންނަސް އިންޒާރުދޭނަމަ ފިޔަވަޅު އަޅާނަން: ޕޮލިސް

ސޯޝަލް މީޑިޔާއާއި އެނޫންވެސް ތަންތަނުގައި، ފުލުހުންގެ ފޮޓޯ ޖަހައި އެފަދަ ފޮޓޯތަކުގައި އިންޒާރުގެ ބަސްތައްލިޔެ އިންޒާރުދޭ ފަރާތްތައް ޤާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ އިންޒާރު ފުލުސް އޮފީހުން ދެއްވައިފިއެވެ.

ފުލުސް އޮފީހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މުޖުތަމަޢުގެ އަމަން އަމާންކަމާ ރައްކާތެރިކަން ޤާއިމް ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި ޖިނާޢީ ކުށްތައް ތަޙްޤީޤްކޮށް ޝަރީޢަތަށް ހުށަހެޅުމަށް ބޭނުންވާ ތައްޔާރީތައް ކުރުމަކީ ފުލުހުން ކުރަންޖެހޭ މަސައްކަތެއް ކަމަށާއި، ދިވެހިރާއްޖޭގެ ދާޚިލީ ސަލާމަތާ މުޖުތަމަޢުގެ ޢާއްމު މަޞްލަޙަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުމާއި، ޤާނޫނާއި ޤަވާއިދާ ޚިލާފަށް ހިންގާ ޢަމަލްތައް ހޯދައި ދެނެގަނެ، ރާއްޖޭގެ ރައްޔިތުންނަށާއި އިޤްތިޞާދަށް ނުރައްކަލެއް ލިބިދާނެފަދަ ޖިނާޢީ ޢަމަލުކުރާ ފަރާތްތައް ހޯދައި އެފަދަ މައްސަލަތައް ތަޙްޤީޤުކޮށް ޝަރީޢަތަށް ހުށަހެޅުމަކީވެސް ފުލުހުންނަށް ޤާނޫނީ ގޮތުން މަތިކޮށްފައިވާ ޒިންމާއެއް ކަމަށެވެ.

މީގެއިތުރަށް ޝަރުޢީ އަދި ޤާނޫނީ ބާރުލިބިގެން ކުރާ އަމުރުތައް ތަންފީޛްކުރުމުގައި ފުލުހުން އަދާކުރަންޖެހޭ ދައުރު އަދާކުރުމަކީ ފުލުހުންގެ ޤާނޫނުގައި ފުލުހުންގެ މަސްޢޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަންކަމަށާއި، ޤާނޫނާއި ޚިލާފް ނުވާގޮތުގެމަތިން މީހުން ހުއްޓުވައި ސުވާލުކޮށް، ބަލައި ފާސްކޮށް، ކުށުގެ ތުހުމަތުގައި މީހުން ހިފައި ހައްޔަރުކުރުމާއި ތަންތަންބަލާ ފާސްކުރުމަކީ ފުލުހުންގެ ޤާނޫނުން ފުލުހުންނަށް ލިބިދީފައިވާ ބާރެއް ކަމަށް ބުނެފައިވެއެވެ.

ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ޤާނޫނީ ހަމަތަކުގެމަތިން ފުލުހުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ ހިތްތަކުގައި ފުލުހުންނާމެދު ނަފްރަތު އުފެއްދުމުގެ ގޮތުންނާއި ފުލުހުންނަށް ބިރުދެއްކުމުގެ މަޤްޞަދުގައި ވަކިވަކި ފުލުހުންގެ ފޮޓޯ ޖަހައި އެފަދަ ފޮޓޯތަކުގައި އިންޒާރުގެ ބަސްތައްލިޔެ ސޯޝަލް މީޑިއާ މެދުވެރިކޮށް ފަތުރަމުން ގެންދިއުމަކީ އެއްވެސް ހާލެއްގައި ބަލައިގަންނާނޭކަމެއް ނޫން ކަމަށެވެ.

ފުލުހުންގެ އިދާރާއިން ބުނީ ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތައް މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވެ ފުލުހުންނަށް އަދި އެއްވެސް ބަޔަކަށް ބިރުދެއްކުމުގެގޮތުން އެއްވެސް ޢަމަލެއް ނުހިންގުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި. އެފަދަ ޢަމަލްތައް ހިންގާ ފަރާތްތައް ހޯދައި ޤާނޫނުގެ ކުރިމައްޗަށް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުންގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

ގުޅުންހުރި

1 ޚިޔާލު

  1. ޕޮލިހާއި އެމްމެންޑީއެފް މީހަމަ ވާދަވެރި ދެ ޕާރޓީ!

Your email address will not be published. Required fields are marked *