ހުޅުލޭގައި ހެދި ފާރަގެމަ ކުއްތާކޮށި ފުލުހުންނާއި ޙަވާލުކޮށްފިއެވެ.
މަސްތުވާ ތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކޮށް، މަސްތުވާތަކެތީގެ ނުރައްކަލުން ޒުވާނުން ދުރުހެލިކޮށް، ޢާއިލާތަކަށް ރައްކާތެރިކަން ހޯދައިދީ ރާއްޖެއިން މަސްތުވާތަކެތީގެ ބިރުވެރިކަން ނައްތާލުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި އެހީތެރިވުމަށް ރާއްޖޭގައި ޤައިމް ކުރުމަށް ހަމަޖެހިފައިވާ ފާރަގެމަގެ ބޭނުމަށް ހުޅުލޭގައި ތައްޔާރުކުރި ކެނަލް ފުލުހުންނާ ޙަވާލު ކޮށްދެއްވީ ހޯމް މިނިސްޓަރު ޢުމަރު ނަސީރެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ތައްޔާރުކުރި ކެނަލްގެ ރަމްޒީ ތަޅުދަނޑި ފުލުހުންނާ ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢުމަރު ނަޞީރު އެވެ.
ފުލުހުންގެ ފަރާތުން ރަމްޒީ ތަޅުދަނޑިއާއި ޙަވާލުވެވަޑައިގަތީ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދުއެވެ. ފާރަގެމަގެ ބޭނުމަށް ތައްޔާރުކުރި ކެނަލް ފުލުހުންނާ ޙަވާލުކުރުމުގެކުރިން ކެނަލްގެ ރަމްޒީ ތަޅުދަނޑި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން މިނިސްޓަރ ހޯމްއެފެއާޒް ޢުމަރު ނަޞީރަށް ޙަވާލުކުރުން އޮތެވެ.
އެމް. އޭ. ސީ. އެލް ގެ ފަރާތުން ރަމްޒީ ތަޅުދަނޑި ހޯމް މިނިސްޓަރަށް ޙަވާލުކޮށްދެއްވީ މެނޭޖިންގ ޑައިރެކްޓަރ އެވެ.
ހުޅުލޭގައި އޮތް ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢުމަރު ނަޞީރު އާއި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދުގެ އިތުރުން ފުލުހުންގެ އިސްވެރިންނާއި އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...