ރާއްޖޭގެ ޚަބަރު އެމްޑީޕީގެ މުޒާހަރާ ތަކަކީ ފުލުހުންގެ ބޮލުގައި ބަދުނާމު އެޅުވުމަށް ބަޔަކު ކުރާކަމެއް: ސީޕީ

އެމްޑީޕީގެ މުޒާހަރާ ތަކަކީ ފުލުހުންގެ ބޮލުގައި ބަދުނާމު އެޅުވުމަށް ބަޔަކު ކުރާކަމެއް: ސީޕީ

އެމްޑީޕީގެ މުޒާހަރާ ތަކަކީ ފުލުހުންގެ ބޮލުގައި ބަދުނާމު އެޅުވުމަށް ބަޔަކު ކުރާކަމެއް: ސީޕީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މިހާރު މާލޭގައި ބާއްވަމުންދާ އެއްވުންތަކަކީ ވަކި ޝޫޢޫރުތަކެއް ފާޅުކުރުމުގެ ނަމުގައި ބާއްވާ އެއްވުންތަކެއް ނަމަވެސް މިއެއްވުންތަކުގެ އެންމެ މުހިއްމު އެއް ބޭނުމަކީ ދިވެހި ފުލުހުންގެ ބޮލުގައި ބަދުނާމުތަކެއް އަޅުވައި އެކަން ބަޔަކަށް ދެއްކުމަށް ކުރާ ކަމެއްކަމަށް އެކި ގޮތްގޮތުން ފުލުހުންނަށް ލިބިފައިވާ މަޢުލޫމާތުތަކުން އެނިގެންދާ ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅު ވެއްޖެއެވެ.

މިހާރު ކުރިޔަށް 32 ވަނަ ޕަބްލިކް އޯޑަރ ޓްރޭނިންގ ކޯހުގައި ތަމްރީނު ހަދަމުންދާ ފުލުހުންނަށް ޓެކްޓިކަލް ސެޝަންތަކެއް ނަންގަވައިދެއްވުމަށް ފޭދޫ ފިނޮޅަށް ވަޑައިގެން ސެޝަންތައް ފެއްޓެވުމުގެކުރިން ފުލުހުންނާ ބައްދަލުކޮށްލައްވައި ސީޕީ ޙުސައިން ވަޙީދު ވިދާޅުވީ ދިވެހި ފުލުހުން އަބަދުވެސް މަސައްކަތް ކުރަމުންދާނީ ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ފައިހަމަކޮށް، ޕްރޮފެޝަނަލް ކަމާއެކު ރައްޔިތުންގެ އިޙްސާސްތަކަށް އިޙްތިރާމް ކޮށްގެން ކަމަށެވެ.

ހަމައެހެންމެ ޤާނޫނުގެ ޙުކޫމަތު ދެމެހެއްޓުމަށް ދިވެހި ފުލުހުންނަށް ޤާނޫނު އަސާސީންނާ ޤާނޫނުތަކުން މަތިކޮށްފައިވާ ޤާނޫނީ ޒިންމާ އަދާކުރާނީ ސާބިތުކަން މަތީގައި ދެމިތިގެންކަމުގައިވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

ޕަބްލިކް އޯޑަރޓްރޭނިންގ ކޯހުގައި ތަމްރީނު ހަދަމުންދާ 31 ފުލުހުން ބައިވެރިވި މިސެޝަންގައި ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ޝުޢޫރު ފާޅު ކުރުމާއި ޚިޔާލު ފާޅުކުރުމަށް ޤާނޫނީ އިމުގެތެރެއިން ކުރެވޭ ކަންކަމަށް ދިވެހި ފުލުހުން ހުރަސް ނާޅާނެކަން މިއަދުވެސް މުޖުތަމަޢުން ފެންނަމުންދާ ކަމަށެވެ.

ހަމައެހެންމެ ޤާނޫނީ އިމުގެ ތެރެއިން އަދި އެހެން މީހުންގެ މިނިވަންކަމަށާއި ޙައްޤުތަކަށް އުނިކަންލިބި ވިޔަފާރިތަކަށް ގެއްލުން ނުލިބޭގޮތަށް ކުރެވޭ އިޙްތިޖާޖް ތަކަށާއި ބާއްވާ އެއްވުންތަކަށް ފުލުހުންގެ ފަރާތުން ރައްކާތެރިކަން ދެމުންގެންދާނެކަމަށާއި ރައްޔިތުންނާ ފުލުހުން މުޚާޠްބު ކުރާނީ އިޙްތިރާމާއެކުގައިކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވީ ދިވެހި ފުލުހުން ދިވެހި ރައްޔިތުންގެ އިންސާނިއްޔަތުކަމަށް އަބަދުވެސް އިޙްތިރާމް ކުރާކަމަށާއި އޭގެ ރީތި ނަމޫނާ މިހާރު ކުރިޔަށްދާ ސިލްސިލާ އެއްވުންތަކާ އިޙްތިޖާޖްތަކުގެ ތެރެއިން ފެނިގެންދާކަމަށެވެ. އެހެންކަމުން ފުލުހުން އަބަދުވެސް މަސައްކަތް ކުރާނީ ރަށުތެރޭގައި އަމާންކަން ޤާއިމްކޮށް ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

ފުލުހުންގެ ފަރާތުން ފެނިގެންދާ މިފަދަ ހަރުދަނާ ސިފަތަކުގެ ސަބަބުން ރައްޔިތުން ފުލުހުންނަށް ކުރާ އިޙްތިރާމާއި ޤަދަރު މުޖުތަމަޢުގައި އުފުލިގެންދާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ. އެހެންކަމުން މިއަދު ރައްޔިތުންގެ ތެރެއިން މަދު ބަޔަކު މަސައްކަތް ކުރަމުންދަނީ ދިވެހި ފުލުހުންގެ މަސައްކަތާދޭތެރޭގައި ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފައްދައި ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލުވާލުމަށްކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.