ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްޑީއޭ އާއި ޕީޕީއެމް ފިޔަވާ އެހެން ޕާޓީތަކުން ކުރީގެ ޑިފެންސް މިނިސްޓަރު މުޙައްމަދު ނާޒިމު މިނިވަން ކުރުމަށް ގޮވާލައިފިއެވެ.
އެގޮތުން ޖުމްހޫރީ ޕާޓީއާއި އެމްޑީޕީ ގުޅިގެން ކޮންމެ ރެޔަކު މާލޭގައި ކުރަމުން ގެންދާ މުޒާހަރާ ތަކުގައި ނާޒިމުގެ ފޮޓޯޖެހި ޕޯސްޓަރުތައް ހިފައިގެން ތިބެ ނާޒިމް ދޫކޮށްލުމަށް ގޮވާލަމުން ދަނިކޮށް ޢަދާލަތު ޕާޓީގެ ރައީސް އައްޝެއިޚް ޢިމްރާން ޢަބްދުﷲ ވެސް ވަނީ ނާޒިމް ދޫކޮށްލުމަށް ގޮވާލާފައެވެ.
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާޞިމް އިބުރާހިމެކޭ އެއްބީދައިން ޝެއިޚް ޢިމްރާން ވެސް މިފަހަރު ގޮވާލައްވާފައި ވަނީ ކޮންމެ ރައްޔިތަކަށްވެސް ލިބިދެވޭ އަސާސީ ކަށަވަރުކޮށް ޔަޤީން ކޮށްދިނުމަށްޓަކާ، ނާޒިމް މިނިވަން ކުރުމަށް ގޮވާލައްވާ ކަމަށެވެ.
Konme Rayithakahves Libidhevey Asaasee Haqqu thah Kashavaru Koh Yageen Koh Dhinumah Takaa .Nazim Minvan Kurumah Govaaalan. #FreeNazim
— Imran (@ShImranAb) February 21, 2015
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމު ނާޒިމް ބަންދުން ދޫކޮށްލުމަށް ޢަދާލަތު ޕާޓީގެ ރައީސް ގޮވާލައްވާފައި ވާއިރު، ނާޒިމް ބަންދު ކުރަން ކްރިމިނަލް ކޯޓުން ކުރި ޙުކުމަށް ހައިކޯޓުން ވަނީ ތާއީދު ކޮށްފައެވެ.
ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދު ކޮށް މިއަދު މެންދުރުފަހު ހައިކޯޓުން މިގޮތަށް ޙުކުމްކުރީ ނާޒިމްގެ ފަރާތުން އޭނާ ހައްޔަރުކުރި ކުރުމާއި ކްރިމިނަލް ކޯޓުން ދިން ބަންދުގެ މުއްދަތު ބާތިލް ކޮށްދިނުމަށް އެދި ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގެ މައްސަލައިގެ ޙުކުމް އިއްވަވަމުންނެވެ.
މި މައްސަލައިގައި މީގެ ކުރިން ހައިކޯޓުގައި ބޭއްވި ހަމައެކަނި އަޑުއެހުމެކޭ އެއްފަދައިން މިއަދުގެ ޝަރީޢަތުގެ އަޑުއެހުމަށްވެސް ވައްދާފައިވަނީ ހަމައެކަނި ދައުލަތާ ނާޒިމްގެ ގާނޫނީ ޓީމުގައި ހިމެނޭ ބޭފުޅުންގެ އިތުރުންނާޒިމްގެ އާއިލާގެ ބޭފުޅުން އެކަންޏެވެ.
ނާޒިމް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ.
އެދުވަހު ނާޒިމްގެ ޤާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން ވިދާޅުވެފައި ވަނީ ނާޒިމު ބަންދުކުރަން ކްރިމިނަލް ކޯޓުން ނިންމި ނިންމުމާއި މެދު ހިތްހަމަ ނުޖެހޭ ކަމަށާއި، ނާޒިމަކީ މުޖުތަމަޢަށް ހުރި ނުރައްކަލެއް ކަމަށް ބުނުން ފިޔަވާ އިތުރު އެއްވެސް ހެތްކެއް ފުލުހުންނަށް ޝަރީޢަތުގެ މަޖިލީހުގައި ދެއްކިފައި ނުވާ ކަމަށެވެ.
އެހެން ނަމަވެސް ކްރިމިނަލް ކޯޓުން ފަނަރަ ދުވަހުގެ މުއްދަތު ޖަހައި ދީފައިވުމާއި ގުޅިގެން އެކަމާއި ހިތްހަމަ ނުޖެހޭތީ ނާޒިމްގެ ޤާނޫނީ ވަކީލުންގެ ޓީމުން ނާޒިމް ދޫކޮށްލުމަށް އެދި ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ މިގޮތަށް ނިމުމުން މި މައްސަލަ ސުޕްރީމް ކޯޓަށްވެސް އިލްތިމާސް ކުރާނެ ކަމަށް ނާޒިމްގެ ޤާނޫނީ ޓީމުން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...