ކޮރަލް ކްރާފްޓް ބަންޑުންޖަހާލި ހާދިސާގައި 3 މީހަކު ގެއްލިފައި ވާއިރު، މިއީ ނާދިރު ޙާދިސާއެއް ކަމަށް ބައެއް ފަރާތްތަކުން ވިދާޅުވެއެވެ. އެހެން ކަމުން މި ޙާދިސާ ހިނގާފައިވަނީ ކިހިނެއް ކަމާއި މެދަކު މާގިނަ މަޢުލޫމާތެއް އަދި ލިބެން ނެތްހިނދު މި ޙާދިސާ ހިނގާފައި ވާގޮތް ކަމަށް ކޯސްޓްގާޑުން ވިދާޅުވާގޮތް ބަޔާންކޮށްލުން ކިހިނެއް ވާނެތޯއެވެ!
ތިރީގައިވާ މަޢުލޫމާތަކީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަރާތުން ކުރިޔަށް ގެންދިޔަ މެރިޓައިމް ރެސްކިޔު އޮޕަރޭޝަނާ ބެހޭގޮތުން ލ.ކާނަލް އިބްރާހީމް ޙިލްމީ ހާމަކުރައްވަފައިވާ ސައްޙަ މަޢުލޫމާތެވެ.
2015 ފެބުރުވަރީ 10 ވަނަ ދުވަހުގެރޭ ހިނގި މި ހާދިސާގައި ބަންޑުންޖަހާލާފައިވަނީ ކޮރަލް އެޖް ޕްރައިވެޓް ލިމިޓެޑްއިން އޮޕަރޭޓް ކުރަމުންދާ 30 މީޓަރު ދިގު ލޭންޑިން ކްރާފްޓެއްކަމަށާއި މި އުޅަނދުގެ ޚަބަރެއް ނުވެގެން ކޯސްޓްގާޑަށް ރިޕޯޓް ކޮށްފައިވަނީ 2015 ފެބުރުވަރީ 11ވަނަ ދުވަހުގެ ހެނދުނު 7:48ގައި ކަމަށް ލ.ކާނަލް އިބްރާހީމް ޙިލްމީ ވަނީ ހާމަކުރައްވާފައެވެ. އަދި މި އުޅަނދު ފުރާފައިވަނީ 2015 ފެބުރުވަރީ 10ވަނަ ދުވަހު މެންދުރުފަހު 15:30ގައި ކ.ތިލަފުށިން ރ.ދިގަލި ކިޔާ ރިސޯޓަކަށް ކަމުގައިވެސް ހާމަކުރައްވާފައިވެއެވެ.
މި ހިތާމަވެރި ހާދިސާ ހިނގި ގޮތާމެދު ލ.ކާނަލް އިބްރާހީމް ޙިލްމީ ވިދާޅުވީ މި އުޅަނދު ދަތުރު ކުރަމުން ދަނިކޮށް 2015 ފެބުރުވަރީ 10ވަނަ ދުވަހުގެރޭ 22:47 ކަންހާއިރު އުޅަނދުގެ ފަހަތުކޮޅުން އިންޖީނު ރޫމާ ދިމާއިން ދިޔަބޮޑުވެ ވާތް ފަރާތަށް އަރިއަޅާލާ ބަންޑުން ޖެހީކަމަށެވެ. އަދި މިކަން މިހެން ހިނގުމުން މި އުޅަނދުގައި ތިބި ފަސް މީހުން ކަނޑަށް ފުންމާލީ ކަމަށާއި މި ހާދިސާ ހިނގާފައިވަނީ ބ.ދަރަވަންދޫ ކަނޑުގެ ތެރެެއިން ދަރަވަންދުއާ 11 ނޯޓިކަލް މޭލު ބޭރުންކަމަށެވެ. މިކަން ހިގަނއިދިޔައީ ކުޑަ ހިނދުކޮޅެއްގެެ ތެރޭގައި ކަމަށް ލަފާކުރެވޭ ކަމަށާއި އެހެންކަމުން އޭގައި ތިބި މީހުންނަށް ލައިފްޖެކެޓް އަޅާނެ ވަތުކޮޅެއްވެސް ލިބިފައިނުވާކަމަށް، މި ހާދިސާ އިތުރަށް ތަފްސީލް ކޮށްދެއްވަމުން ލ.ކާނަލް އިބްރާހީމް ޙިލްމީ ވަނީ ވިދާޅުވެފައެވެ.
މި ހާދިސަގައި ކަނޑުވި މީހުންނާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ހިއްސާ ކުރައްވަމުން ވިދާޅުވީ ހާދިސާގައި ކަނޑުވީ ފަސް މީހުން ކަމަށާއި އެއީ ތިން ދިވެހީންނާއި ބަންގްލަދޭޝްގެ ދެ ރައްޔިތުންކަމަށެވެ. މީގެތެރެއިން މީހާތަނަށް ފެނިފައިވަނީ ދެ ދިވެހީންކަމަށާއި އެ ދެ މީހުން ފެނިފައިފައިވަނީ ކަންނެލި ދޯންޏަކަށް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މި ހާދިސާގައި މިހާތަނަށް ނުފެނިވާ ތިން މީހުން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށާއި މި މަސައްކަތުގައި އިންޑިއަން ނޭވީގެ ޑޯނިއަރ މަތިންދާ ބޯޓެއް ހަރަކާތްތެރިވަމުން ދާކަމަށްވެސް ވަނީ ހާމަކުރައްވާފައެވެ. މީގެއިތުރުން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީއާއި ޓީއެމްއޭގެ ސީޕްލޭނެއްވެސް މިކަމުގައި ހަރަކާތްތެރިވި ކަމަށް ވިދާޅުވިއެވެ. މިހާތަނަށް ކުރެވުނު މަސައްކަތުން ވައިގެ މަގުން 21250 އަކަ ނޯޓިކަލް މޭލު ބެލިފައިވާކަމަށާއި އަދި މި އޮޕަރޭޝަން ހުއްޓާނުލާ އަދިވެސް ކުރިޔަށް ދާކަމުގެ މަޢުލޫމާތުވެސް އެމަނިކުފާނު ވަނީ ހިއްސާ ކުރައްވާފައެވެ.


ކޮމެންޓް (0)
ލޯޑް ކުރަމުން...