އަބޫބަކުރުގެފާނަކީ އިސްލާމީ އުންމަތުގެ އެންމެ ފުރަތަމަ ޙަލީފާއެވެ. ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމް ފިޔަވައި މިއުންމަތުގައި ހުރި އެންމެ ހެޔޮވެގެންވާ ބޭކަލަކީ އެކަލޭގެފާނެވެ. އިތުރު އެކަލޭގެފާނުގެ ހަދީޘްފުޅުތަކުން އެނގޭގޮތުގައި އަބޫބަކުރުގެފާނުގެ އީމާންކަން ތިލަފަތުގެ އެއްކޮޅަށް ލުމަށްފަހު އުންމަތުގެ އެންމެންގެ އީމާންކަން ތިލަފަތުގެ އަނެއްކޮޅަށް ލީކަމުގައި ވިޔަސް އެކަލޭގެފާނުގެ އީމާންކަން ބުރަވެގެންދާ ހުއްޓެވެ. މިހެންކަމުން ޞަހާބީ ބޭކަލުންގެ ތެރެއިން ﷲ ހަނދުމަކޮށް އެންމެބޮޑަށް ކީރިތި ކުރެއްވުން ބޮޑުވެގެންވާ ބޭކަލަކީވެސް އެކަލޭގެފާނެވެ. އެކަލޭގެފާނުގެ ކީރިތިކުރެއްވުމާއި ބެހޭގޮތުން އައިސްފައި ވެއެވެ.
ﷲ އެބޭކަލަކަށް ރުއްސުންލެއްވި އަބޫސައީދިލް ޚުދުރީގެ އަރއަހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޚުތުބާއެއް ދެއްވަމުން ޚަދީޘް ކުރެއްވިއެވެ. " ހަމަކަށަވަރުން ދުނިޔެއާއި ﷲ ގެ ޚަޟުރަތުގައިވާ ހެޔޮކަމާއި ދެކަމުން ކޮށްމެވެސް އެއްކަމެއް ޚިޔާރު ކުރެއްވުމަށް އެއިލާހުގެ އަޅާ (އެބަހީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް) އަށް އިޚްތިޔާރު ދެއްވުނެވެ. އެހިނދު އެކަލޭގެފާނު ޚިޔާރު ކުރެއްވީ ﷲ ތަޢާލާ ޙަޟްރަތުގައިވާ ހެޔޮކަންތަކެވެ."
އެހިނދު ﷲ އެބޭކަލަކަށް ރުއްސުންލެއްވި އަބޫބަކުރުގެފާނު ކީރިތި ކުރެއްވިއެވެ. (އަބޫސައީދީލް ޚުދުރީ ވިދާޅުވިއެވެ.) ފަހެ ތިމަންކަލޭގެފާނު ހިތާހިތާ ބުނެލީމެވެ. މިކަލޭގެފާނު ކީރިތިކުރައްވަނީ ކީއްވެގެންބާވައެވެ! ﷲ ތަޢާލާ އެއިލާހުގެ އަޅަކު ދުނިޔެއާއި ﷲ ގެ ޙަޟުރަތުގައިވާ ހެޔޮކަމާއި ދެކަމުން ކޮންމެވެސް އެއްކަމެއް ޙިޔާރު ކުރެއްވުމަށް އިޙްތިޔާރު ދެއްވުނުހިނދު އެއަޅަކު އިޚްތިޔާރު ކުރެއްވީ ﷲ ތަޢާލާ ޙަޟުރަތުގައިވާ ހެޔޮކަންތަކެވެ. އެއަޅާއަކީ ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމް އެވެ. ތިމަންބޭކަލުންގެ ތެރެއިން އެންމެ ޢިލްމުވެރިކަމަށް ބޮޑުވެގެންވާ ބޭކަލަކީ އަބޫބަކުރުގެފާނެވެ. އިތުރު އެކަލޭގެފާނު ހަދީޡް ކުރެއްވިއެވެ. " އޭ އަބޫބަކުރުގެފާނެވެ! ކަލޭގެފާނު ކީރިތި ނުކުރައްވާށެވެ! ތިމަންކަލޭގެފާނު އެބޭކަލަކާއި އެކީ އުޅުއްވުމަށާއި އެބޭކަލެއްގެ މުދަލާއި ދޭތެރޭގައި އެންމެ ހެޔޮ ރަނގަޅު ވެގެންވާ ބޭކަލަކީ އަބޫބަކުރުގެފާނެވެ. ތިމަންކަލޭގެފާނު، ތިމަންކަލޭގެފާނުގެ އުއްމަތުގެ ތެރެއިން ޚަލީލު (އެކީގައި ވުމުގައި ވަރަށްމަތިވެރި ދަރަޖައެއް) އެއްގެ ގޮތުގައި ބޭކަލަކު އިޙްތިޔާރު ކުރައްވާނަމަ ތިމަންކަލޭގެފާނު އިޚްތިޔާރު ކުރެއްވީހީ އަބޫބަކުރުގެފާނެވެ. އެހެންނަމަވެސް އެކަލޭގެފާނާއި އެކީގައިވެސް ވަނީ އިސްލާމްދީނުގެ އުޚުއްވަތްތެރިކަމާއި ލޯތްބެވެ. އަބޫބަކުރުގެފާނުގެ ދޮރުކޮޅު ފިޔަވައި މިސްކިތުގައި (އެބަހީ މަސްޖިދުލް ނަބަވީ) ގައި ބަންދުނުކުރާ ދޮރުކޮޅެއް ހުރެގެން ނުވާނެއެވެ. " 1
އަބޫބަކުރުގެފާނު ދުނިޔެއިން ހާޞިލު ކުރަން ކޮންމެހެން ބޭނުންޖެހޭ މިންވަރަށްވުރެ އިތުރަށް ބޭނުން ކުރެވިދާނެތިވެސް އެކަމާ ކަންތައް ބޮޑުފުޅުވެގެން ބައެއްފަހަރު ކީރިތި ކުރައްވައެވެ. މިމޭރުމުން އައިސްފައިވާ ރިވާޔަތެއްގައި ވެއެވެ.
ޒައިދު ބުނު އަރުޤަމްގެ އަރިހުން ރިވާވެގެންވެއެވެ. " ހަމަކަށަވަރުން ﷲ އެބޭކަލަކަށް ރުއްސުންލެއްވި އަބޫބަކުރުގެފާނު ފެންފޮދަކަށް އެދިވަޑައިގަތެވެ. އެހިނދު ކަންވާރެއް ގެނެވުނެވެ. އޭގައި ފެނާއި މާމުއިވެއެވެ. އެކަލޭގެފާނުގެ އަނގަޔާއި އެކައިރި ކުރެވުނު ހިނދު އެކަލޭގެފާނު ކީރިތިކުރެއްވިއެވެ. (އޭގެ އަސަރުގައި) އެކަލޭގެފާނުގެ ވަށައިގެން ތިބި މީސްތަކުންވެސް ކީރިތި ކުރާގޮތް މެދުވެރި ކުރެއްވިއެވެ. އެއަށްފަހު އަބޫބަކުރުގެފާނު ހުއްޓަވާ ލެއްވިއެވެ. އެކަމަކު ދެން ތިބި މީސްތަކުން ހުއްޓައެއް ނުލިއެވެ. އެއަށްފަހު އަނެއްކާ އަބޫބަކުރުގެފާނު ކީރިތިކުރައްވަން ފެއްޓެވިއެވެ. (އެކަލޭގެފާނު ކީރިތި ކުރެއްވިވަރުން) އެތާނގައި ތިބި މީހުންހީކުރީ އެކަލޭގެފާނާއި ސުވާލުކުރަން އުނދަގޫވާނޭ ކަމަށެވެ. އިރުކޮޅެއްފަހުން އެކަލޭގެފާނުގެ މޫނުފުޅު ފޮހެލައްވައި ހަމަޖެހި ވަޑައިގަތެވެ. ދެން އެތާނގައި ތިބި މީސްތަކުން ދެންނެވިއެވެ. ކަލޭގެފާނު މިގޮތަށް ކީރިތި ކުރެއްވީ ކީއްވެގެންތޯއެވެ؟ އަބޫބަކުރުގެފާނު ވިދާޅުވިއެވެ. އެއްފަހަރަކު ތިމަންނޢ، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުގައި ވީމުއެވެ. އެހިނދު އެކަލޭގެފާނު ކޮންމެވެސް އެއްޗެއް ދުރުކުރައްވަން އުޅުއްވިއެވެ. ޙަދީޡް ކުރެއްވިއެވެ. ތިބާ ތިމަންކަލޭގެފާނާއި ދުރައްދާށެވެ! (މިހެން އިތުރު އެކަލޭގެފާނު ހަދީޡް ކުރެއްވިއިރު) އެކަލޭގެފާނުގެ އަރިހުގައި އެއްވެސް މީހަކު ހުއްޓައި ތިމަންނައަކަށް ނުފެނުނެވެ. ފަހެ ތިމަން ދެންނެވީމެވެ. އެ ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނު ކޮންމެވެސް އެއްޗެއް ދުރުކުރައްވަން އުޅުއްވާތީ ތިމަންނައަށް އެބަ ފެނިވަޑައިގަނެއެވެ. އެކަމަކު ކަލޭގެފާނުގެ އަރިހުގައި އެއްވެސް މީހަކު ހުރިތަނެއް ތިމަންކަލޭގެފާނަކަށް ނުފެނެއެވެ! އިތުރު އެކަލޭގެފާނު ހަދީޡް ކުރެއްވިއެވެ. މިދުނިޔެ ތިމަންކަލޭގެފާނުގެ ކުރިމައްޗަށް ސިފަވެގެން އައެވެ. ފަހެ ތިމަންކަލޭގެފާނު އެ ސިފަވެފައިވާ ދުނިޔެކައިރީ ބުނީމެވެ. ތިބާ ތިމަންކަލޭގެފާނާއި ދުރަށް ދާށެވެ! ދެންފަހެ އެދުނިޔެ ދުރަށްޖެހުމަށްފަހު ބުންޏެވެ. ދަންނާށެވެ! ﷲ ގަންދީ ހުވާކޮށްފައި ދަންނަވަމެވެ. ކަލޭގެފާނު ތިމަންނައާއި ދުރަށްވަޑައިގަތް ނަމަވެސް ކަލޭގެފާނަށްފަހު މީސްތަކުން ތިމަންނައާއި ދުރަކަށް ނުދާނެއެވެ. (އަބޫބަކުރުގެފާނު ވިދާޅުވިއެވެ.) ފަހެ ތިމަންކަލޭގެފާނު ބިރުފުޅުގެން ވަޑައިގަތީ އެދުނިޔޭގެ ދަޅަތަކުގެ ތެރެއަށް ފަހަރެއްގައި ތިމަންކަލޭގެފާނު ގެންގޮސްފާނެތީއެވެ. ތިމަންކަލޭގެފާނަށް ކީރިތި ކުރެއްވުނީ އެހެންވެގެންނެވެ. " 2
(1)މަސްދަރު: ރިވާކުރެއްވީ އަލްއިމާމް ބުޚާރީ އެކަލޭގެފާނުގެ ޞަހީހް ބުޚަރީގައި
(2) އަބޫ ނުއައިމް އަސްބަހާނީ ލިއުއްވާފައިވާ ހުއްލިޔަތުލް އައުލިޔާއި ގައި
އައްޝައިޙް ޢަލީ ނަޖީބް ލިއުއްވާފައިވާ " ﷲ ހަދުމަކޮށް ރުއިން " މިފޮތުންނަގާފައި
ކޮމެންޓް (0)
ލޯޑް ކުރަމުން...