ރަސްމީ ދަތުރުފުޅެއްގައި ޗީފްއޮފް ޑިފެންސް ފޯސް ރާއްޖެއިން ބޭރަށް ވަޑައިގެން އުޅުއްވަނިކޮށް ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް ރައީސް ޔާމީނު އައު ބޭފުޅަކު ޢައްޔަނު ކުރައްވައިފިއެވެ.
މި މަޤާމަށް އައްޔަނު ކުރެއްވީ ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދު ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއްވައެވެ.
ޝާހިދު ވައިސް ޗީފް ކަމަށް ހަމަޖެއްސެވީ ސިފައިންގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ދިވެހިރާއްޖޭގެ ދިފާޢީ ކަންތައްތައް ހިންގުމާއި، ސިފައިންގެ ދައުރު އަދާކުރުމުގެ އެންމެހާ ކަންތައްތައް ރާވައި، ދުވަހުން ދުވަހަށް ހިންގައި ބެލެހެއްޓުމުގައި ޗީފް އޮފް ޑިފެންސް ފޯސްއަށް އެހީތެރިވެ ދެއްވުމަށްޓަކައި، ސިފައިންގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން، ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ވައިސް ޗީފް އޮފް ޑިފެންސް ކަމަށް އެހެން ބޭފުޅަކު ހަމަޖެއްސަވާފައި މިވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ދަނޑިވަޅެއްގައި ކަމަށް މަޢުލޫމާތު ލިބެއެވެ.
ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމް މިހާރު ބަންގާޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅު ނިންމަޥާ ލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 11 ވަނަ ދުވަހު ކަމަށް މަޢުލޫމާތު ލިބެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...