އިބްތިހާލްގެ މަރުގެ މައްސަލާގައި، އިހުމާލުވި މުއައްސަސާ ތަކުގެ މައްސަލަ ތަޙުޤީޤު ކުރުމަށް ޕްރޮސެކިޔުޓަރ ޖެނެރަލް ދިވެހިރާއްޖޭގެ އިންސާނީ ޙައްޤުތައް ރައްކާތެރި ކުރުމާއި ބެހޭ މުއައްސަސާ އަށް އަންގަވައިފިއެވެ.
ދިވެހި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަންގެ މައްޗަށް ޕޮރޮސެކިއުޓަރ ޖެނަރަލް މުހްތާޒް މުހުސިން ސޮއި ކުރައްވާ ނެރުއްވި އަމުރުގައި ވިދާޅުވީ އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ތުއްތު އިބްތިހާލަށް އޭނާގެ މަންމަ އަނިޔާވެރިވާ މައްސަލަ މި ހާދިސާ ހިނގުމުގެ ކުރިންވެސް ކަމާއި ބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް އައިސްފައިވާކަން އެ އޮފީހަށް އެނގިފައިވާ ކަމަށެވެ.
އެހެންނަމަވެސް މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގަން މެދުވެރި ވިއިރު ކަމާއި ބެހޭ މުއައްސާސާތަކުން އެކަށިގެންވާ ގޮތެއްގައި އެ މައްސަލަ ހައްލުކުރަން މަސައްކަތް ކޮށްފައިވާ ކަމަށް ނުފެންނާތީ މިކަން ހިނގާފައިވާގޮތް އެޗްއާރްސީއެމްއިން ހާއްސަ ސަމާލުކަމެއް ދީގެން ތަހްގީގް ކުރައްވާ އެއްވެސް ފަރާތަކާއި މެދު ޖިނާއީ ދައުވާއެއް ކުރަން ޖެހޭކަމަށް ފެންނަ ނަމަ ވީ އެންމެ އަވަހަކަށް އެ މައްސަލަ ޕީޖީ އޮފީހަށް ހުށައެޅުމަށް ވެސް ޕްރޮސެކިޔުޓަރ ޖެނެރަލް ވަނީ އަންގަވާފައެވެ.
އަދި މި މައްސަލައިގެ ތަހްގީގް ހިގަމުންދާ ގޮތް ޕީޖީ އޮފީހަށް ހިއްސާ ކުރުމަށާއި ތަޙުޤީޤު ކުރުމުގައި އެއްވެސް އެހީތެރިކަމެއް ބޭނުންނަމަ އެ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށްވެސް ޕްރޮސެކިޔުޓަރ ޖެނެރަލް ވިދާޅުވެފައިވެއެވެ.
މި މައްސަލާގައި ދައުލަތުގެ މުއައްސަސާ ތަކަކުން އިހުމާލު ވެފައި ވާކަމަށް ގިނަ ބަޔަކު ތުހުމަތު ކުރި ނަމަވެސް ޖެންޑަރ މިނިސްޓްރީ ހިންގަވަމުން ގެންދަވާ ބަންޑާރަ ނައިބު މުޙައްމަދު އަނިލް ވިދާޅުވެފައި ވަނީ އިބްތިހާލަށް އަނިޔާ ކުރާކަމަށްބުނެ ލިބުނު ރިޕޯޓަކާއި ގުޅިގެން ބެލިއިރު އޭނާ ހުރީ ފުރިހަމަ ރައްކާތެރި ކަމާއި އެކު އެހެން މީހެއްގެ ބެލުމުގެ ދަށުގައި ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...