ފުލުހުން މެދުވެރިކޮށް ޑިފެންސް މިނިސްޓަރު ނާޒިމް ދިރިއުޅުއްވާ ގެކޮޅު ބަލާ ފާސްކޮށްފައި ވަނީ އަދީބުގެ ސިޓީއެއްގެ މައްސަލަ ތަޙުޤީޤު ކުރެއްވުމުން ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.
އަބޫދާބީއަށް ފުރުމުގެ ކުރިން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ނަޝީދު ވިދާޅުވީ ޑިފެންސް މިނިސްޓަރުގެ ގެކޮޅުން ފުލުހުން ގެންގޮސްފައި ވަނީ ހަމައެކަނި ސިޓީއެއް ކަމަށެވެ.
އެ ސިޓީއަކީ މިނިސްޓަރު ނާޒިމް ޗުއްޓީގައި ހުންނެވި ދުވަސްކޮޅު ޖިހާދު ކުރުމުގެ ނަމުގައި ރާއްޖެއިން ސީރިއާއަށް ދާން އުޅުނު މީހުންނަށް ޖާގަ ދިނުމަށް މިނިސްޓަރު އަދީބު އިމިގްރޭޝަން ޑިޕާޓްމަންޓަށް އަންގަވައި ލިޔުއްވާފައިވާ ސިޓީއެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މަހައްމަދު ނަޝީދު ވިދާޅުވިއެވެ.
މި ސިޓީގައި މިނިސްޓަރު އަދީބު އަންގަވާފައި ވަނީ ޑރ އަފުރާޝީމް ޢަލީގެ މަރުގެ މައްސަލަ އާއި ނޫސްވެރިޔާ ރިލުވާނު ގެއްލުވާލުމާއި ގުޅުންހުރި ބަޔަކު ޖިހާދަށް ސީރިޔާއަށް ފުރުވާލުމަށް ކަމަށްވެސް ނަޝީދު ވަނީ ތުހުމަތު ކުރައްވާފައެވެ.
މިކަމާއި ގުޅިގެން ޢަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުﷲ ވިދާޅުވެފައި ވަނީ ނަޝީދުގެ މި ވާހަކަ އަކީ ތެދެއް ކަމުގައި ވާނަމަ ސިޔާސީ ފަރާތްތަކުން ޖިހާދޭ ކިޔައިގެން ދައްކާ ވާހަކަ ތަކާއި މެދު ފުންކޮށް ވިސްނާލަން ޖެހޭ ކަމަށެވެ.




ކޮމެންޓް (0)
ލޯޑް ކުރަމުން...