ޑިފެންސް މިނިސްޓަރުގެ ގެކޮޅަށް ފުލުހުން ވަދެގަތުމަކީ ކުޑަކަމެއް ނޫން ކަމަށްއަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޢަދާލަތު ޕާޓީގެ ރައީސް ވިދާޅުވީ، ގައުމީ ސަލާމަތުގެ ވިސްނުމަކުން ބެލިނަމަވެސް، ރޭގަނޑު ދަންވަރު ޑިފެންސް މިނިސްޓަރުގެ އެޕާޓުމަންޓުގެ ދޮރު ހަލާކު ކޮށްލައިގެން ފުލުހުން އެ ގެއަށް ވަދެގަތުމަކީ ކުޑަ ކަމެއް ނޫން ކަމަށާއި، ފުލުހުން އެކަން ރައްޔިތުންނަށް ހާމަކޮށް ދޭންޖެހޭނެ ކަމަށެވެ.
މި މައްސަލަ އާއި ގުޅޭގޮތުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކޮމިޝަނަރ އޮފް ޕޮލިސްގެ ތަރުޖަމާނު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވެފައި ވަނީ މިނިސްޓަރު ނާޒިމް ދިރިއުޅުއްވާ ގެކޮޅުގެ އަށްވަނަ ފަންގިފިލާގައި ހުރި ދެ އެޕާޓްމެންޓެއް ފުލުހުން ބަލައި ފާސްކޮށްފައިވާ ކަމަށާއި، އެކަން ކުރިއިރު އެއީ މިނިސްޓަރުގެ ގެކޮޅުކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
އެހެން ނަމަވެސް ފުލުހުން ފާސްކުރަމުން ގެންދަނިކޮށް އެ ގެކޮޅަކީ މިނިސްޓަރ ނާޒިމް ދިރިއުޅުއްވާ ގެކޮޅުކަން އެނގުމުން، އެޕާޓްމެންޓް ބަލައި ފާސްކުރުމުގެ މަސައްކަތް ކޮށްފައި ވަނީ މިނިސްޓަރ ނާޒިމަށް ދޭންޖެހޭ އިހްތިރާމާއި ޤަދަރު ދީގެން ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލަ އާއި ގުޅިގެން ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވެފައި ވަނީ މީގެ ސަބަބުން ރައީސް ޔާމީނުގެ ސަރުކާރުގައި ކުރައްވަމުން ގެންދަވާ ޚިދުމަތަށް އެއްވެސް ބުރުލެއް ނާރާނެ ކަމަށާއި، ކުރިޔަށް އޮތްތަނުގައިވެސް ސަރުކާރުގެ ޚިދުމަތުގައި ދެމިހުންނަވާނެ ކަމަށެވެ.




ކޮމެންޓް (0)
ލޯޑް ކުރަމުން...