ދިވެހިންނަށް ވަރަށް ދީލަތި ގޮތެއްގައި އެހީތެރި ވަމުން ގެންދަވާ އެކުވެރި ޢަރަބި ޢިމާރާތުގެ ރައްޔިތެއް ކަމަށްވާ މަޙްމޫދު ފައްތާޙް ޢަލީ ޢަބްދުﷲ އަލް ޚާޖާއަށް "ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް" އަރުވައިފި އެވެ.
ރައީސް އޮފީހުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ދިވެހި ދައުލަތުގެ ޢިއްޒަތް، މަޙްމޫދު ފައްތާޙް ޢަލީ ޢަބްދުﷲ އަލް ޚާޖާއަށް އެރުވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޑ) އިން އެކިފަރާތްތަކަށް، ޤާނޫނުގައިވާ ގޮތުގެ މަތިން އިނާމާއި، ލަޤަބާއި، ޝަރަފާއި، މެޑެލް ދިނުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވީހިނދު، ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި، ވަކިން ޚާއްޞަކޮށް، މުޖުތަމަޢުގައި ދަތިކަން އިޙްސާސްކުރަން ޖެހިފައިވާ މީހުންގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމާއި އެއްބާރުލެއްވުމުގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށެވެ.
މި ޝަރަފު އެރުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ރައްޔިތުންނާމެދު ބަހައްޓަވާ ގާތްކަމަށާއި، ދިވެހި ރައްޔިތުންނަށްޓަކައި ކޮށްދެއްވަމުން ގެންދަވާ މަސައްކަތްތަކަށްޓަކައި މަޙްމޫދު ފައްތާޙް ޢަލީ ޢަބްދުﷲ އަލް ޚާޖާއަށާއި އެމަނިކުފާނުގެ އާއިލާއަށް ޝުކުރު އަދާކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި މަޙްމޫދު ފައްތާޙް ޢަލީ ޢަބްދުﷲ އަލް ޚާޖާ ދެއްކެވި ވާހަކަފުޅުގައި، ދިވެހި ދައުލަތުގެ ޢިއްޒަތް އެމަނިކުފާނަށް އެރުވިކަމަށްޓަކައި ދިވެހި ސަރުކާރަށާއި، ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ.
އަދި މިއީ އެމަނިކުފާނަށާއި، އެމަނިކުފާނުގެ އާއިލާއަށް ލިބުނު ވަރަށް ބޮޑު ޝަރަފަކާއި ފަޚުރެއް ކަމުގައި ވިދާޅުވިއެވެ. މީގެއިތުރަށް، ކުރިއަށްއޮތްތަނުގައިވެސް ރާއްޖޭގެ އުޚްވަތްތެރި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.




ކޮމެންޓް (0)
ލޯޑް ކުރަމުން...