ދީން ދަރިފުޅު ދުނިޔެއަށް އުފަންވުމާއެކު - 2

ދަރިފުޅު ދުނިޔެއަށް އުފަންވުމާއެކު - 2

ދަރިފުޅު ދުނިޔެއަށް އުފަންވުމާއެކު - 2

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ރަސޫލާ صلى الله عليه و سلم ޙަދީޘްކުރައްވާފައިވެއެވެ. “عَنِ الْغُلاَمِ شَاتَانِ مُكاَفِئَتاَنِ وَعَنِ الْجَارِيَةِ شَاةٍ” ( ابن ماجه) މާނައަކީ :”ފިރިހެން ކުއްޖެއްގެ އަޤީޤާގެ ގޮތުގައި ރަނގަޅު ދެބަކަރިކަތިލުމެވެ. އަދި އަންހެން ކުއްޖެއްގެ އަޤީޤާއަކީ އެއްބަކަރިކަތިލުމެވެ.” އަދި ކަތިލެވޭ އަޤީޤާގެ މަސް ކައްކައިގެން ވިޔަސް އަދި ނުކައްކާ ވިޔަސް ޞަދަޤާތުގެ ގޮތުގައި އަވައްޓެރިންނާއި، ޢާއިލާމީހުންނާއި، ފަޤީރުންނަށް ބެހުން ސުންނަތްވެގެންވެއެވެ. އިބްނު ހަޒްމު ވިދާޅުވެފައިވަނީ “އަޤީޤާ ކަތިލެވޭ ހިނދު އޭގެ މަސްކާށެވެ، އަދި ބަކަރީގެމަސް ހަދިޔާކޮށް ޞަދަޤާތްކުރާށެވެ.” އަޤީޤާ ކަތިލުމަށްފަހު ދެވަނަފަހަރަށް ދަރިފުޅުގެ ނަން ބަދަލުކުރުމަކުން އަޤީޤާކަތިލާކަން ނުޖެހޭނެއެވެ.

ކުދިންނަށް އަދާކޮށްދޭންޖެހޭ ޙައްޤުތަކުގެ ތެރެއިން އެންމެ މުހިންމު އެއްޙައްޤަކީ، އެކުދިންނަށް އިސްލާމީ ރިވެތި ނަމަކުން ނަން ކިޔުމެވެ. ނަން ކިޔުމަކީ އެކުއްޖާ ދުނިޔެއަށް އުފަންވާތާ ހަތްވަނައަށްވާ ދުވަހު މައިންބަފައިން އެކުއްޖާއަށް އަދާކޮށްދޭންޖެހޭ ހަޢްޤުތަކުގެ ތެރެއިން ވާކަމެކެވެ. ކީތިރި ރަސޫލާ صلى الله عليه و سلمއަޅުގަނޑުމެންނަށް އިރުޝާދު ދެއްވާފައިވަނީ، ކުދިންނަށް ކިޔާ ނަމަކީ ރިވެތި މާނައެއް އެކުލެވިގެންވާ އަދި އެކުއްޖާއަށް އޭގެ ސަބަބުން ހެޔޮ އަސަރެއްކުރާ ކަހަލަ ނަމަކަށް ހެދުމަށެވެ.

ކުދިންނަށް ނަންކިޔަންވީ ގޮތާބެހޭ ގޮތުން ކީރިތި ރަސޫލާ صلى الله عليه و سلم ޙަދީޠް ކުރައްވާފައިވެއެވެ.: ” تُسَمُّوا بِأَسْمَاءِ الأَنْبِيَاءِ، وَأَحَبُّ الأَسْمَاء إِلَى اللّه : عَبْداللّه ، وَعَبْدُ الرَّحْمنِ ، وَأَصْدَقُهَا: حَارِثْ وَهَمَّامْ ، وَأَقْبَحُهَا: حَرْبُ وَمُرَّةُ ” ( أبى داود) މާނައީ: “ތިޔަބައިމީހުން ނަންކިޔާއިރު ނަބީބޭކަލުންގެ ނަންތަކުން ނަން ކިޔާށެވެ. އަދި ނަންތަކުގެ ތެރެއިން ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑީ ޢަބްދުﷲ އާއި ޢަބްދުއްރަހްމާން ފަދަ ނަންނަމެވެ. އަދި އެންމެ ތެދުވެރިކަން ބޮޑީ ޙާރިޠް އާއި ހައްމާމެވެ. އަދި އެންމެ ހުތުރުކަންބޮޑީ ޙަރްބު އާއި މުއްރަތު ފަދަ ނަންނަމެވެ.”

މުސްލިމު ކުދިންނަށް ނަންކިޔުމުގައި އެންމެ ހެޔޮ ގޮތަކީ ތިންނަމުން ނަން ކިޔުމެވެ. އެއީ އެކުއްޖާގެ ނަމާއި ބައްޕަގެނަމާއި ކާފަގެނަމެވެ. ކުދިންނަށް ނަންކިޔުމުގައި ކުއްޖާގެ ނަމުގެ ފަހަތަށް ކުއްޖާގެ ބައްޕަގެ ނަން އޮތުމަކީ އިސްލާމްދީންގައި އެކަމަށް ވަރަށްބޮޑު އަހައްމިއްޔަތެއް ދެއްވާފައިވާ ކަމެކެވެ. ކީރިތި ރަސޫލާصلى الله عليه و سلم ޙަދީޘްކުރައްވާފައިވެއެވެ:”إِنَّكُمْ تُدْعَوْنَ يَوْمَ الْقِيَامَةِ بِأَسْمَائِكُمْ وَبِأَسْمَاءِ آبَائِكُمْ فَأَحْسِنوْا أَسْمَاءَكُمْ” )رواه أبو داود بإسناد حسن( މާނައަކީ:” ހަމަކަށަވަރުން ޤިޔާމަތްދުވަހުން ތިޔަބައިމީހުންނަށް ގޮވައިލެވޭނީ ތިޔަބައިމީހުންގެ ނަންތަކުންނާއި ތިޔަބައިމީހުންގެ ބަފައިންގެ ނަންތަކުންނެވެ. ފަހެ ތިޔަބައިމީހުންގެ ނަންތައް ރިވެތިކުރާށެވެ.”

ބައްޕަގެ ނަން ފަހަތަށްލުމަށް ކީރިތި ރަސޫލާ صلى الله عليه و سلم އަޅުގަނޑުމެންނަށް އިރުޝާދު ދެއްވާފައިވަނީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައެވެ. އެއީ ޢާއިލީ ނަސަބު ރައްކާތެރި ކުރުމަށްޓަކައެވެ. ޢާއިލީ ނަސަބު އައިސްފައިވާގޮތް އެނގެން އޮތުމަށްޓަކައެވެ. އަދި ނަޞްލު އޮޅިގެން ނުދިއުމަށްޓަކައެވެ. ކީރިތި ޤުރްއާންގައި މާތްﷲ ވަޙީ ކުރައްވައެވެ.: ” أُدْعُوْهُمْ لآبَائِهِمْ هُوَ أَقْسَطُ عِنْدَ اللّه” (سورة الأحزاب5) މާނައީ: “އެދަރިން އެބައިމީހުންގެ ބަފައިންނަށް ނިސްބަތްކުރާށެވެ! އެހެނީ އެގޮތް ﷲގެ ޙަޞްރަތުގައި ޢަދުލުވެރިކަން ބޮޑެވެ.” މި ދަލީލުތަކުން އެނގެނީ ދަރިންނަށް ނަންކިޔުމުގައި އެކުދިންގެ ބައްޕަގެ ނަން ފަހަތަށް ލުމަށް އިސްލާމްދީންގައި ދެއްވާފައިވާ އަހައްމިއްޔަތެވެ. އަދި މިކަމުގެ މުހިއްމުކަމާއި ބޭނުތެރިކަމެވެ. ޢާއިލީ ނަސަބު ދެމެހެއްޓުމުގެ މުހިއްމުކަމެވެ.

މި ދަލީލުތަކުން އެނގެނީ ދަރިންނަށް ނަންކިޔުމުގައި އެކުދިންގެ ބައްޕަގެ ނަން ފަހަތަށް ލުމަށް އިސްލާމްދީންގައި ދެއްވާފައިވާ އަހައްމިއްޔަތެވެ. އަދި މިކަމުގެ މުހިއްމުކަމާއި ބޭނުތެރިކަމެވެ. ޢާއިލީ ނަސަބު ދެމެހެއްޓުމުގެ މުހިއްމުކަމެވެ.

އަދިހަމަ އެހެންމެ އެނަމަކުން ތިމާގެ އަމިއްލަ ނަފްސައް ބޮޑާކަން ގެނެސްދޭފަދަ ނަންތައް ނުކިޔުމައްވެސް ކީރިތި ރަސޫލާ z އިރުޝާދު ދެއްވާފައިވެއެވެ. އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.: ” أَغِيْظُ رِجُلٍ عِنْدَ اللّه يِوْمَ الْقِيَامَةِ وَأَخْبَثُهُ رَجُلٍ كَانَ يُسَمَّى : مِلَكْ الْأَمْلاكْ ، لاَ مِلَكِ إِلاَّ اللّهُ ” (صحيحي مسلم) މާނައީ:” ޤިޔާމަތް ދުވަހުން ﷲގެ ޙަޟްރަތުގައި އެންމެ ރުހިވޮޑިގެން ނުވާނޭ މީހަކީ، އަދި އެމީހުންކުރެ އެންމެ ނުބައިވެގެންވާ މީހަކީ، އެމީހަކަށް “ރަސްކަލުންގެ ރަސްގެފާނޭ” ނަންކިޔޭ މީހާއެވެ. ﷲ މެނުވީ ރަސްކަލަކު ނުވެއެވެ.

الله سبحانه وتعالى ވަޙީ ކުރައްވަނީ: “فَلاَ تُزَكُّواْ أَنْفُسَكُمْ هُوَ أَعْلَمُ بِمَنِ اتَّقَى” (سورة النجم 32). މާނައީ: ” ފަހެ، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ތާރީފުކޮށް ފަޚުރުވެރިނުވާށެވެ! ތަޤްވާވެރިވާމީހުންގެ ކަންތައް އެކަލާނގެ ދެނެވޮޑިގަތުން ބޮޑެވެ. ހަމައެފަދައިން ކީރިތި ރަސޫލާ صلى الله عليه و سلم ޙަދީޘްކުރައްވަނީ: “لاَ تُزَكُّوْا أَنْفُسِكُمْ، اللّه أَعْلَمْ بِأِهَلِ الْبِرّ مِنْكُمْ” ( بخاري و مسلم) މާނައީ: ތިޔަބައިމީހުންގެ ނަފްސުތައް ތިޔަބައިމީހުން މަތިވެރި ނުކުރާށެވެ. ތިޔަބައިމީހުންކުރެ އެންމެ ހެޔޮމީހާ ﷲ ބޮޑަށް ދެނެވޮޑިގެންވެއެވެ.

މިގޮތުން ތިމާއަކީ ބޮޑުމީހެއްކަން އަންގައިދޭ ނަންތައް ކިޔުން ހުއްދަވެގެން ނުވެއެވެ. ހަމައެހެންމެ، އެނަމެއް އަޑު އިވުމުން ތިމާއާއި އެހެން މީހުންނަށް އެނަމަކުން ހިތްހަމަޖެހުން ނުލިބޭކަހަލަ ނަން ކިޔުން ހުއްދަވެގެނެއް ނުވެއެވެ. މިސާލަކަށް: ޙަރްބު (ހަނގުރާމް)؛ ކަލްބު (ކުއްތާ) މިކަހަލަ ނަންނަމެވެ. ހަމައެހެންމެ، ފިރުޢައުނުންނަށް ކިޔާއުޅޭ ނަންނަމާއި ޖިންނި ޝައިތާނުންނަށް ކިޔާއުޅޭ ނަންތައް ކިޔުން ހުއްދަވެގެނެއް ނުވެއެވެ.

މާތްﷲގެ އިސްމުފުޅުން ނަންކިޔުން ހުއްދަވެގެން ވެއެވެ. ނަމަވެސް ނަމުގެ ކުރިޔައް “عبد” ލާން ޖެހޭނެއެވެ. އެނޫން އެހެން ނަންނަމުގެ ކުރިޔަށް “عبد” ލުން ހުއްދަވެގެނެއް ނުވެއެވެ. އެހެނީ، “عبد” އަކީ ހަމައެކަނި ﷲގެ އިސްމުފުޅައް ޚާއްސަވެގެންވާ ނަމަކައްވާތީއެވެ. އަދި އަޅުގަނޑުމެންނަކީ މާތްﷲގެ އަޅުންނަށްވާތީއެވެ.

ނުނިމޭ . . .

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.