ލަންކާގެ އާ ރައީސް ސިރިސޭނާ ރާއްޖެވަޑައިގަތުމަށް ރައީސް ޔާމީން ދައުވަތު އަރުވައިފިއެވެ.
ރައީސް ޔާމީން ސިރިސޭނާއަށް ދަޢުވަތު އެރުވީ ސްރީލަންކާގައި ބޭއްވުނު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި، އެޤައުމުގެ ރައީސްކަމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި މައިތްރިޕާލަ ސިރިސޭނައަށް، ތަހުނިޔާ ވިދާޅުވެ ފޮނުއްވި މެސެޖެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ސްރީލަންކާގައި އިއްޔެ ބޭއްވުނު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން ދިވެހި ސަރުކާރާއި ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، މައިތްރިޕާލަ ސިރިސޭނައަށް އިޚްލާޞްތެރި ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.
އަދި، އިއްޔެ ބޭއްވުނު އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމުގައި، ސްރީލަންކާގެ ރައްޔިތުންގެ ފަރާތުން، އެޤައުމުގެ ޑިމޮކްރަސީގެ ހަރުދަނާކަން ދައްކުވައިދީފައިވާ ކަމުގައި ވިދާޅުވެފައިވެއެވެ. އަދި، ރިޔާސީ އިންތިޚާބުގައި މައިތްރިޕާލަ ސިރިސޭނަ ހޯއްދެވި ކާމިޔާބީން ދައްކުވައިދެނީ އެމަނިކުފާނުގެ ސިޔާސަތުތަކަށާއި، ޤާބިލިއްޔަތަށާއި، ސްރީލަންކާގެ ކުރިއެރުމަށް އެމަނިކުފާނު ދެއްވާ އަހަންމިއްޔަތަށް، ސްރީލަންކާގެ ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މައިތްރިޕާލަ ސިރިސޭނަގެ ޒަޢާމަތުގައި، ރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކުތްކުރައްވާނެ ކަމުގައި ވިދާޅުވެފައިވެއެވެ. އަދި، މައިތްރިޕާލަ ސިރިސޭނައަށް ފަސޭހަފުޅު ވަގުތެއްގައި ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ދަޢުވަތު އަރުވާފައިވެއެވެ. މިފަދަ ދަތުރުފުޅެއްގެ ސަބަބުން، ދެޤައުމުގެ ދޭތެރޭގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަން ޔަޤީންކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން، ސްރީލަންކާއަށް ފާގަތިކަމާއި ކުރިއެރުން ގެންނެވުމުގައި މައިތްރިޕާލަ ސިރިސޭނަ ކުރައްވާ މަސައްކަތްޕުޅުތަކަށް، ރާއްޖޭގެ ރައްޔިތުންނާއި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...