ނުބަޔަށް ފަހު ހެޔޮ ވެސް އަންނާނެ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އާދަމް ޝަމީމް ވިދާޅުވެއްޖެއެވެ.
މިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި މުސްލިމުންގެ ތާރީޚުގެ ތެރެއިން ސްޕޭންގެ އަންދަލުސްގެ މައްޗަށް އަލި އަޅުއްވާލައްވާ ބޭއްވެވި އަސަރުގަދަ ދަރުސަށްފަހު އަންދަލުސް ޝެއިޚްގެ ނަމުން ޢާއްމުންގެ ތެރޭގައި މަޝްހޫރު ވެފައިވާ އައްޝެއިޚް ޝަމީމް އޭނާގެ ރަސްމީ ފޭސްބުކް ޕޭޖުގައި ވިދާޅުވެފައި ވަނީ، ނުބަޔަށް ފަހު ހެޔޮވެސް އަންނާނެ ކަމަށާއި، ކައުންޓްޑައުން ޝޯވއަށްފަހު އޭގެ ނުބައި ފޫއަޅުވާލެވޭ ވަރުގެ އިލްމީ، ދީނީ ދަރުސް ތަކެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
އެހެން ކަމުން ހެޔޮކަމުގެ އަހުލުވެރިން އޭގެ ފައިދާ ނެގުމަށް ވެސް ޝެއިޚް ވަނީ ގޮވާލައްވާފައެވެ.
ފަހަކަށް އައިސް ރާއްޖޭގައި އިސްލާމް ދީނަށް ފުރައްސާރަ ރައްދުވާ ގޮތަށް ފާހިޝް އަމަލު ތަކަށް ހިއްވަރު ލިބިދޭފަދަ މިޔުޒިކް ޝޯވްތައް ބޭއްވުމަށް ސިޔާސީ ގޮތުން ޚިޔާލު ތަފާތުވެފައިވާ ފަރާތްތަކުންވެސް އެއްގަލަކަށް އަރާފައި ވާއިރު، ޝެއިޚް ވަނީ އެކަމަށް ވެސް ފާޑު ވިދާޅުވެފައެވެ.
އެގޮތުން ކުރިއްސުރެވެސް ދިވެހިންނަށް ދީނުގެ ކަންކަން އޮޅުވާލަމުން މުންކަރާތްތަކަށް ހިތްވަރު ދެމުން ގެންދިޔަ ބަޔަކާއި، ދޮންމީހުން އުޅޭ ގޮތަށް އުޅެގެން ނޫނީ ސަލާމަތް ނުވާނެ ކަމަށް ދެކޭބަޔަކު އެއްބަޔަކު އެަނެއްބަޔަކަށް މުންކަރާތްތަކަށް ހިތްވަރުދީ އެކަންކަން ފަތުރަން މަސައްކަތް ކުރާކަމަށް ވިދާޅުވެފައި ވެއެވެ.
ނުބަޔަށް ފަހު ހެޔޮވެސް އަންނާނެ ކަމަށާއި، ވަރަށް އަވަހަށް ދަރުސް ތަކެއް ބާއްވަވާނެ ކަމަށް ޝެއިޚް އާދަމް ޝަމީމް ވިދާޅުވި ނަމަވެސް ދަރުސްތައް އޮންނާނެ ވަކި ދުވަހެއް ޝެއިޚް އަދި ހަމަކުރައްވާފައެއް ނުވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...