ޖުމްހޫރީ ޕާޓީއަށް އަލަށް ވަނުމަށް އެދިފައިވާ 1000 އަށް ވުރެ ގިނަ މެންބަރުންގެ ފޯމު މިދިޔަ ދެ ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާނޭ ކަމަށް ޖޭޕީން ބުނެފި އެވެ.
ޖޭޕީގެ ލީޑަރު ޤާޞިމް އިބުރާހިމްގެ ވީނިއުސް އަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ އެއީ ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ ގޮތުން ޕާޓީން ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިތުރު ފޯމްތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅޭނެ ކަަމަށެވެ.
އިލެކްޝަނަށް މިއަދު ހުށަހަޅާފައިވާ 1000 އަށް ވުރެ ގިނަ ފޯމަކީ މިހާތަނަށް ޕާޓީގެ ތެރޭގައި ބަލަންޖެހޭ ކަންތައްތަކެއް ބެލުމަށްފަހު ހުށަހަޅާފައިވާ ފޯމްތަކެއް ކަމަށް ސޯލިހް ވިދާޅުވި އެވެ. އަދި އެއީ އާ އަހަރާއެކު ޖޭޕީގެ އާ ކުރިމަގު ރައްޔިތުންނަށް ފެނުމުގެ ފެށުން ކަމަށާއި ކުރިއަށް އޮތް ޖޭޕީގެ ކޮންގްރެސް އަށް އާ މެމްބަރުން ޕާޓީ އަށް ވެއްދުމަށް ހާއްސަ މަސައްކަތަތްކެއް ލީޑަޝިޕުން ކުރަމުން އަންނަ ކަމުގައިވެސް ވިދާޅުވި އެވެ.
އަލީ ސޯލިހް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި މިހާރު ޖޭޕީގެ މެންބަރުންގެ ގޮތުގައި 15000 މެންބަރުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. ޖޭޕީން މީގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ގިނަ ފޯމުތަކެއް ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރިއަަށް ނުދާތީ އެ މަސައްކަތް ކޮމިޝަނުން ނިންމުމުން ޖޭޕީގެ މެންބަރުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ޖޭޕީގެ ކުރިއަށް އޮތް ކޮންގްރެސް އަށް ތައްޔާރުވުމުގެ ގޮތުން އެ ޕާޓީން ދަނީ ޕާޓީއަށް މެންބަރުން އިތުރުކޮށް އާ ގޮފިތަކެއް ހެދުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.




ކޮމެންޓް (0)
ލޯޑް ކުރަމުން...