މިއުޒިކް ޝޯތައް ހުއްޓުވުމަށް އިލްމުވެރިން އިސްނެގުމަށް ޖަމިއްޔަތުލް ބަޔާނުން ގޮވާލައިފިއެވެ.
ޖަމިއްޔަތުލް ބަޔާނުން ނެރުނު ބަޔާނެއްގައި ބުނީ މީލާދީ އާ އަހަރު ފެށުން ފާހަގަކުރުމަށް ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ މިއުޒިކް ޝޯތައް ހުއްޓުވުމަށް ފަސްޖެހިވަޑައިނުގެން ދީނީ އިލްމުވެރިން އިސް ނަންގަވައި ނަމޫނާ ދައްކަވަން ޖެހޭ ކަމަށެވެ.
އެގޮތުން ދިވެހި ސަރުކާރުގެ އެންމެ އިސް ފަރާތްތަކުން މިކަމުގައި އެހީތެރިވަމުންދާއިރު މިކަމުގައި ހައްޤުބަސް ބުނުމަށް ފަސްޖެހިވަޑައި ނުގެން އެބޭފުޅުނެގެ ބަސް ވިދާޅުވުމަށް ވެސް ބަޔާން ޖަމިއްޔައިން ވަނީ ޢިލްމުވެރިންނަށް ނަސޭހަތްތެރިވެ ހަނދުމަކޮށް އަރުވާފައެވެ.
މީގެ އިތުރުން މިފަދަ ބޮޑެތި މުންކަރާތް ހުއްޓުވުމަށްޓަކައި އެންމެ ކުރީ ސަފަށް ނިކުމެވަޑައިގެން ޢަމަލީގޮތުން ދިވެހި ރައްޔިތުންނަށް ނަމޫނާ ދެއްކެވުމަށްވެސް ޖަމިއްޔަތުލް ބަޔާނުން ވަނީ ދީނީ ޢިލްމުވެރިންނަށް އިލްތިމާސް ކޮށްފައެވެ
ދެޖިންސް މަސްހުނިވެގެން، ބޮޑެތި މިއުޒިކް ޝޯތައް ބޭއްވުން ފަދަ މުންކަރާތްތައް ރާއްޖޭގައި ހިންގުމަށް އެއްބާރުލުން ނުދިނުމަށް ގޮވާލަމުން ބަޔާނުން ބުނީ އެފަދަ ކަންތައްތައް ހިންގުމަކީ ދީނީ ގޮތުން ހިޔާލު ތަފާތުވުންތައް އުފެދި، ބައިބައި ވުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.
އަދި ދިވެހިރާއްޖޭގެ ފުންނާބު އުސް އެތައް ޢިލްމުވެރިންނެއް މިއުޒިކް ކުޅުމަކީ ކަނޑައެޅިގެން ޙަރާމް ކަމެއްކަމަށް ވިދާޅުވެފައި ވާކަމަށާއި، މިފަދަކަމެއްގައި އެބޭފުޅުންގެ ލަފަޔާއި إرشاد ނުހޯދައި އެބޭފުޅުން އެކަމަށް ނުރުހި އިންކާރު ކުރާހާލު ވަނިކޮށް މިފަދަ ބޮޑެތި حرام ކަންތައްތަށް ހިންގުމަށް ހިއްވަރުދިނުމަކީ މި ދިވެހިރާއްޖޭގެ އިސްލާމީ ވަޙުދަތު މުގުރާލައި އަޅުގަނޑުމެންގެ މިކުޑަކުޑަ މީސްކޮޅުގެތެރޭގައި ފިތުނަފަސާދަ އުފެއްދުމަށް ހިތްވަރު ލިބިގެންދާނެ ކަމެއް ކަމަށް ވެސް ޖަމިއްޔަތުލް ބަޔާނުން ވަނީ ބުނެފައެވެ.




ކޮމެންޓް (0)
ލޯޑް ކުރަމުން...