އުމުރުން 65 އަހަރުން މަތީގެ އެއްވެސް ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިނުލެވޭ ގޮތަށް އޮތުމަކީ ޝަރުއީ ގޮތުންނާއި ބުއްދީގެ ހަމަތަކުން ބަލާއިރުވެސް، ދެކޮޅު ނުޖެހޭ އަނިޔާވެރި ކަމެއް ކަމަށް ޖަމިއްޔަތުއް ސަލަފްގެ ރައީސް ވިދާޅުވެއްޖެ އެވެ.
ސަލަފް ޖަމިއްޔާގެ ރައީސް ޢަބްދުﷲ ބިން މުޙައްމަދު ބިން އިބުރާހީމް ކުރެއްވި ޓްވީޓެއްގައި މިކަން ހަމަ ކުރެއްވީ 65 އަހަރުން މަތީގެ މީހުންނަށް ރާއްޖޭގެ ވެރިކަމަށް ނާދެވޭ ގޮތަށް ޤާނޫނު އަސާސީ އިސްލާޙު ކުރުމަށް ޕީޕީއެމުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަފައިވާ ދަނޑިވަޅެއްގައެވެ.
އުމުރުން 65 އަހަރުން މަތީގެ އެއްވެސް މީހަކަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ޕީޕީއެމުން ހުށަހަޅާފައިވާ ބިލަށް ތާއީދު ނުކުރުމަށް ޖުމްހޫރީ ޕާޓީންވެސް ވަނީ ނިންމާފައެވެ.
އުމުރުން 65 އަހަރުން މަތީގެ އެއްވެސް ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިނުލެއްވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރު ހިންގާ ޕީޕީއެމްގެ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ހޯރަފުށި ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް އެެވެ.
ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ނ) އަށް ހޯރަފުށީ ދާއިރާގެ މުހައްމަދު އިސްމާއިލް އިސްލާހު ހުށަހަޅުއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލެވޭނީ އުމުރުން 35 އަހަރުވެފައިވާ އަދި އުމުރުން 65 އަހަރު ފުރިފައި ނުވާ މީހަކަށް ކަމުގައި ކަނޑައެޅުމަށް އެގޮތަށް އެ މާއްދާ އިބާރާތް ކުރުމަށްފަހު އެވެ.
ގާނޫނު އަސާސީއަށް މި ހުށަހެޅުނު އިސްލާހު ފާސްވެއްޖެނަމަ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ އެވެ.




ކޮމެންޓް (0)
ލޯޑް ކުރަމުން...