ޣައިރު ދީންތަކުގެ ދުވަސްތައް ފާހަގަނުކުރުމަށް އަދާލަތު ޕާޓީން ގޮވާލައިފިއެވެ.އެވެ.
އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މުސްލިމުންނަކީ މާތް ﷲ އެ އިލާހުގެ އަޅުންނައްޓަކައި ފުރިހަމަކުރައްވާފައިވާ ދިރިއުޅުމުގެ ނިޒާމް ލިބިފައިވާ ބައެއް ކަމުގައިވީއިރު، އިސްލާމްދީނަކީ އެންމެ ލުއިފަސޭހަކަމުގެ ދީން ކަމަށެވެ. އަދި އީދުގެ މުނާސަބަތުތަކަކީ، ހުރިހާ ދީނަކާއި މުޖުތަމައެއް އެއްބަޔަކު އަނެއް ބަޔަކާއި ތަފާތުކޮށްދޭ އެންމެ ހާއްސަ ޝިއާރު ކަމަށްވެސް ބުނެ އެވެ. އެގޮތުން އިސްލާމުން އެހެން މީހުންނާއި ތަފާތުކޮށްދޭ އުފާފާޅުކުރުމުގެ އެންމެ ހާއްސަ މުނާސަބަތަކީ ފިތުރު އީދާއި ޢަޟްހާ އީދު ކަމަށާއި، ހަމައެފަދައިން އެހެން ދީންތަކުގެ މީހުންވެސް އެފަދަ ދުވަސް ފާހަގަކުރާ ކަމަށްވެސް ބަޔާނުގައިވެ އެވެ.
މި ބަޔާނުގައި ބުނެފައިވަނީ އެދުވަސްތަކުގައި އުފާފާޅުކޮށް، ޝިއާރުތައް ފާޅުކުރަނީ އެބަޔަކު ކަމަށާއި، އެބަޔަކާއި އެއްގޮތަށް އުޅުމަކީ އެބައެއްގެ ތެރޭގައި އެމީހަކުވުން ކަމުގައި ރަސޫލުﷲ ސޮއްލައްﷲ އަލައިހި ވަސައްލަމައިގެ ހަދީޝް ބަސްފުޅުތަކުން އިނގޭ ކަމަށެވެ. އެހެންކަމުން އެހެން ދީންތަކުގެ މީހުންގެ ދީނީ އަގީދާއާއި ގުޅިގެން ފާހަގަކުރަމުން އަންނަ މުނާސަބަތުތައް އިސްލާމީ މުޖުތަމައުގައި ފާހަގަ ނުކުރުމަށާއި، އެފަދަ ކަންކަން ފާހަގަކުރުމުގައި އެހީތެރިނުވުމަށާއި، އެފަދަ ކަންކަމުގައި އަމަލީގޮތުން ބައިވެރިނުވުމަށްވެސް އަދާލަތު ޕާޓީން ވަނީ ނަސޭހަތްތެރިވެފަ އެވެ.
މީގެ އިތުުރުން އެފަދަ މުނާސަބަތުތައް އަޅުގަނޑުމެންގެ ތެރޭގައި ފާހަގަ ނުކުރިނަމަވެސް ބޭރުން އަންނަ މެހުމާނުންނަށް ހެޔޮކޮށް ހިތުމާއި، އެމީހުންނަށް އިހުސާންތެރިކޮށް ހިތައި، އަދުލުވެރިވެ އެމީހުންގެ ފުރާނައާއި މުދަލާއި އަބުރަށް ރައްކާތެރިވާން އިސްލާމްދީނުގައި މުސްލިމުންނަށް އަމުރުކުރައްވާފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.
ޢަދާލަތުން މިފަދަ ބަޔާނެއް މި ރެނުނީ ކާފަރުން ފާހަގަ ކުރަމުން ގެންދާ ކްރިސްމަސް އާއި އާ އަހަރު ފާހަގަ ކުރުމުގެ ޙަރަކާތްތަކެއް ރާއްޖޭގައި ހިންގުމަށް ދިވެހިންގެ ބަޔަކު އިސްނަގައިގެން ތައްޔާރު ވަމުން ދަނިކޮށެވެ. 2004 ވަނަ އަހަރުވެސް މިފަދަ ކަމެއް މުސްލިމުންގެ ބަޔަކު ފާހަގަ ކޮށްފައި ވަނިކޮށް ސުނާމީ އޭ ކިޔުނު ބޮޑު ރާޅެއް އަރައި ރާއްޖެއާއި ބައެެއް ޤައުމުތައް ވަނީ ދޮވެލާފައެވެ.




ކޮމެންޓް (0)
ލޯޑް ކުރަމުން...