ޙާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ތެރެއިން ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ކީރިތި ޤުރުޢާނާއި ބެހޭ މަރުކަޒުން ފެށުމަށް ހަމަޖެހިފައިވާ ޤުރުއާން ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ޤުރުޢާނާއި ބެހޭ މަރުކަޒުން އާއްމުކޮށްފައިވާ އިޢުލާނުގައިވަނީ ކީރިތި ޤުރްއާނާބެހޭ މަރްކަޒުން 2015 ވަނަ އަހަރު ނަފްސާނީ ނުކުޅެދުންތެރިންނަށް ކީރިތި ޤުރްއާން ކިޔަވައިދޭނެ ޚާއްޞަ ޕްރޮގްރާމެއް ހިންގުމަށް ވަނީ ނިންމާފައިވާ ކަމަށާއި މިކްލާސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާ ކަމަށެވެ.
ޤުރުޢާނާއި ބެހޭ މަރުކަޒުން ހާމަކުރި ގޮތުގައި މި ޕްރޮގްރާމް ހިންގުމަށް ގަސްތު ކުރެވިފައިވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެ ތިންބަޔަކީ، ސަރުކާރު ސްކޫލްތަކުގައި ކިޔަވަމުންދާ ނަފްސާނީ ނުކުޅެދުންތެރި ކުދިންނަށް ޚާއްޞަ ބަޔަކާއި، އޯޓިޒަމް އެސޯސިއޭޝަނުގައި ރަޖިސްޓަރީވެފައިވާ ތިބި ނަފްސާނީ ނުކުޅެދުންތެރިކަމުގެ ކުދިންނަށް ހިންގާ ޚާއްޞަ ބައެއްގެ އިތުރުން، މި ދެބައިގެ ތެރެއިން އެއްވެސް ބައެއްގައި ރަޖިސްޓަރީވެފައިނުވާ ނަފްސާނީ ނުކުޅެދުންތެރިކަމުގެ ދަރިވަރުންނަށް ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ކަނޑައަޅާ ތަނެއްގައި ހިންގާ ކުލާސްތަކުގެ ބައެވެ.
އެގޮތުން ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ހިންގާ ކުލާސްތަކުގެ ބައިގައި ބައިވެރިވާން ބޭނުން ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށްވަނީ މިއަދު ހުޅުވާލާފައެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމު 24 ޑިސެންބަރު 2014 ވާ ބުދަ ދުވަހުން ފެށިގެން ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ދޫކުރަމުން ގެންދާނެކަމަށާއި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 08 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން ފޯމު ފުރުއްވުމަށްފަހު ނުކުޅެދުންތެރިކަން ހުރި ދަރިވަރެއްކަން އެނގޭނެ އެސެސްމަންޓް ރިޕޯޓަކާއި އައިޑީކާޑުގެ ކޮޕީ ކީރިތި ޤުރްއާނާބެހޭ މަރްކަޒަށް ހުށަހަޅަން އެމަރުކަޒުން އެދެއެވެ.
މިކްލާސްތަކުގައި ބައިވެރިވެވޭނީ ޢުމުރުން 7 އަހަރާއި 20 އަހާރާ ދެމެދުގެ، ސަރުކާރު ސްކޫލްތަކުގައި ނުވަތަ އޯޓިޒަމް އެސޯސިއޭޝަނުގައި ރަޖިސްޓަރީވެފައިވާ ނުވާ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށެވެ.




ކޮމެންޓް (0)
ލޯޑް ކުރަމުން...