އަންނަ އަހަރު ރާއްޖެ އިން އުމްރާއަށް މީހުން ގެންދަން ބޭނުންވާ ކުންފުނިތަކުން އެކަމަށް އެދި ކުރިމަތިލާން އިސްލާމިކް މިނިސްޓްރީން ހުޅުވާލި ފުރުސަތު އިތުރުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީއިން ހާމަކުރި ގޮތުގައި އުމްރާއަށް މީހުން ގެންދިއުމަށް އެދުމުގެ ފުރުޞަތު މިމަހުގެ 31 ހަމަވާގޮތަށް އޮތަސް މިހާރު އެމުއްދަތު ފެބްރުއަރީ މަހުގެ 26 އަށް އިތުރުކޮށްފައިވާ ކަމަށެވެ. މުއްދަތު އިތުރުކުރީ ގިނަ ކުންފުނިތަކެއްގެ އެދުމުގެ މަތިންކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކުރެއެވެ.
އުމްރާއަށް މީހުން ގެންދަން ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާ ފަރާތްތަކުގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އެ ކުންފުންޏަކީ ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތެއް ކަމުގައި ވާން ޖެހެ އެވެ. އަދި އެ ކުންފުނީގެ މެޖޭނިންގް ޑައިރެކްޓަރާއި އުމްރާއާ ބެހޭ ކަންކަމުގެ އިންތިޒާމްތަކާއި ކަންކަން ބެލެހެއްޓުމަށް އައްޔަންކޮށްފައިވާ އެންމެ އިސްފަރާތަކީ ކުށުގެ ރިކޯޑެއް ނެތް އަދި ފާއިތުވި އަހަރުތަކުގައި އުމްރާ ނުވަތަ ހައްޖު ފައިސާ މެނޭޖު ކުރުމުގައި މައްސަލަތަކެއް ހުރިކަމަށް މިނިސްޓްރީއަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން ހިމެނެ އެވެ.
މީގެ އިތުރުން ވޭތުވެދިޔަ ހަ މަސް ދުވަހު ކުންފުނީގެ ބޭންކް ސްޓޭޓްމެންޓް ހުށަހެޅުމާއި ކުންފުންޏާއި އުމްރާ އަށް ގެންދާ މީހުންނާ ދެމެދު ހަދަން ގަސްދުކުރާ އެއްބަސްވުމުގެ ނަމޫނާ ވެސް ހުށަހަޅަން މިނިސްޓްރީން އެދިފައިވެ އެވެ.




ކޮމެންޓް (0)
ލޯޑް ކުރަމުން...