ޙާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ތެރެއިން ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ފެށުމަށް ހަމަޖެހިފައިވާ ޤުރުއާން ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު މާދަމާ ހުޅުވާލާނެއެވެ.
'ދަރިންނަށްޓަކައި އަހަރުމެން' ގެ ފަރާތުން ދިއިސްލާމްއަށް މައުލޫމާތު ދެއްވަމުން އެހަރަކާތުގެ އިސްފަރާތެއް ކަމުގައިވާ ޒިހުނަތު ހަސަން ވިދާޅުވީ ޤުރުއާނާއި ބެހޭ މަރުކަޒުން ފެށުމަށް ހަމަޖެހިފައިވާ މިކްލާސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 22 ޑިސެމްބަރ ވާ ހޯމަދުވަހު ހުޅުވާލާނެ ކަމަށާއި ބައިވެރިވުމަށް އެދޭ ފޯރމް ކީރިތި ޤުރުޢާނާއި ބެހޭ މަރުކަޒުން ދޫކުރަމުން ގެންދާނެ ކަމަށެވެ.
ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން އޯޓިޒަމްއާއި ޑައުންސިންޑްރޯމް ހުންނަކުދިންނަށް ހާއްސަކުރެވިގެން ފެށުމަށް ހަމަޖެހިފައިވާ ޤުރުޢާން ކްލާސްތައް ފެބުރުއަރީ 1 ގައި ފެށުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެފަރާތުން ހާމަކުރެއެވެ.
ޒިހުނަތު އިތުރަށް ވިދާޅުވީ މިކްލާސްތަކުގައި ކިޔަވައިދެއްވާނީ މިކަމަށް ހާއްސަކޮށްގެން ތަމްރީން ކުރެވިފައިވާ މުދައްރިސުން ކަމަށެވެ.
ޒިހުނަތު ވިދާޅުވީ ޤުރުޢާން ކިޔަވައިދޭ ބައެއް ފަރާތްތަކުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޖާގަނުދޭ ކަމަށާއި ޖާގަދޭ ބައެއް ތަންތަނުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ އަތުން ބޮޑު ފީއެއް ނަގަމުންދާ ކަމަށެވެ. އަދި މިކަމަކީ އިންތިހާއަށް ހިތާމަކުރަންޖެހޭ ކަމެއްކަމަށާއި ނަމަވެސް މިފެށޭ ޤުރުއާން ކްލާސްތުގެ ސަބަބުން މިކަމަށް ކޮންމެސް ވަރެއްގެ ހައްލެއް ލިބިގެން ދާނެކަމަށް ޤަބޫލުކުރާ ކަމަށެވެ.
ޤުރުއާނާއި ބެހޭ މަރުކަޒު މެދުވެރިކޮށް އޯޓިޒަމް ހުންނަކުދިންނަށް ހިލޭ ޤުރުއާން ކިޔެވޭނެ ކްލާސްތަކެއް ފައްޓަވާނެކަމަށް 26 ނޮވެމްބަރ ވަނަ ދުވަހު އިސްލާމިކް އެފެއަރޒް މިނިސްޓަރ ޑރ މުހައްމަދު ޝަހީމްވަނީ ވިދާޅުވެފައެވެ.




ކޮމެންޓް (0)
ލޯޑް ކުރަމުން...