ޔަހޫދީ ދައުލަތަށް ވަގަށް ގޭސް ފޯރުކޮށްދިނުމުގެ ކުށުންވެސް މިސްރުގެ ކުރީގެ ޚުދުމުޚްތާރު ވެރިޔާ ޙުސްނީ މުބާރަކު ސަލާމަތް ވެއްޖެއެވެ.
ޔަހޫދީންގެ އެޖެންޓެއް ކަމަށްވާ ޖެނެރަލް ސީސީގެ ޚުދުމުޚުތާރު ވެރިކަމުގެ ނިޒާމުން ހިންގި ޝަރީޢަތުގައި މުބާރަކާއި އޭނާގެ ދަރި ޖަމާލު މުބާރަކާއި، އޭނާގެ ސަރުކާރުގެ އިސް ހަ ވަޒީރަކުވެސް ވަނީ ސަލާމަތް ވެފައެވެ.
ޔަހޫދީންނަށް އެހީތެރިކަން ދިނުމާއި ފަލަސްޠީނުގެ މުސްލިމުން ނިކަމެތި ކުރުމުގައި މަޝްހޫރު ވެފައިވާ ސީސީގެ ވެރިކަމުގެ ނިޒާމުން ކުރިޔަށް ގެންދިޔަ ޝަރީޢަތް ތަކުގެ ތެރެއިން މުބާރަކާއި ދެކޮޅަށް ރައްޔިތުން ކުރި މުޒާހަރާ އެއްގެ ތެރެއަށް ބަޑި ޖަހައި 900 އަށްވުރެ ގިނަ މީހުން މެރި މައްސަލަ ވެސް ޤާޠިލުންގެ މައްޗަށް ސާބިތު ނުވާކަމަށް މިސްރުގެ ކޯޓަކުން ކުރި ޙުކުމުގައި ބުނެފައި ވެއެވެ.
މި މުޒާހަރާގައި 900 މީހުން މެރި ނަމަވެސް ދަޢުވާ ކުރީވެސް އެންމެ 239 މީހުން މެރި މައްސަލައިގައެވެ.
މީގެ އިތުރުން މުބާރަކުގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ ދައުވާ ތަކަކީ ވެސް ބާޠިލު ދައުވާ ތަކެއް ކަމަށް މިސްރުގެ އަނިޔާވެރި ސަރުކާރުން ހިންގާ ކޯޓުގެ އިސް ފަނޑިޔާރަކަށް ހުރި މުޙައްމަދު ކަމާލުއް ރާޝިދީ ވަނީ ނިންމާފައެވެ.
މި ޙުކުމާއި އެކު މިސްރުގައި ބޮޑެތި އާ މުޒާހަރާ ތަކެއް ފަށާނެ ކަމުގެ އިންޒާރު އެ ޤައުމުގެ ޒުވާނުންގެ ޖަމާޢަތް ތަކާއި ކިޔަވާ ކުދިންގެ ޖަމާޢަތްތަކުން ވަނީ ދީފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...