ރާއްޖޭގެ ޚަބަރު މާދަމާރޭގެ ޖަލްސާއަށް މާލޭގެ ބައެއް މަގުތައް ބަންދުކުރަން ނިންމައިފި

މާދަމާރޭގެ ޖަލްސާއަށް މާލޭގެ ބައެއް މަގުތައް ބަންދުކުރަން ނިންމައިފި

މާދަމާރޭގެ ޖަލްސާއަށް މާލޭގެ ބައެއް މަގުތައް ބަންދުކުރަން ނިންމައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މާދަމާރޭ ބާއްވާ ޖަލްސާއަށް މާލޭގެ ބައެއް މަގުތައް ބަންދުކުރަން ނިންމައިފިއެވެ.

ފުލުހުން މިއަދު ޢާންމުކުރި އިޢުލާނެއްގައި ވަނީ، 10 ނޮވެމްބަރު 2014 ވާ މާދަމާ ރޭގެ 22:00 އިން ފެށިގެން، 11 ނޮވެމްބަރު 2014 ވާ ދުވަހުގެ ރޭ އޮންނަ ޖުމްހޫރީ ދުވަހުގެ ރަސްމިއްޔާތު ނިމެންދެން، ހަތަރު ސަރަހައްދެއްގައި ޢާންމުންނަށް އެއްގަމު އުޅަނދުފަހަރު ޕާކްކުރުން މަނާ ކޮށްފައިވާ ކަމަށެވެ.

އެ ހަތަރު ސަރަހައްދަކީ، ކަށިމާހިނގުމާއި އަމީނީމަގާ ގުޅުނު ހިސާބުން، އަމީނީމަގާ ރަތްވިލާމަގާ ގުޅުނު ހިސާބުގެ ދެމެދުގައިވާ ޕާކިންގ ޒޯންތައް، މޫނިމާހިނގުމުގައި އަދި ރަތްވިލާހިނގުމުގައި ހުރި ޕާކިންގ ޒޯންތައް، އަދި ރަތްވިލާހިނގުން، ބޮޑުތަކުރުފާނު މަގާ ގުޅުނު ހިސާބުން، އެފްއެސްއެމް ފިއުލް ޝެޑާ ދެމެދުގައި ހުރި ޕާކިންގ ޒޯންތަކެވެ.

ފުލުހުން ވިދާޅުވީ، މިރޭގެ 22:00 އިން ފެށިގެން، ޕާކް ކުރުން މަނާ ސަރަހައްދުތައް ކަމަށް ކަނޑައެޅިފައިވާ ހަތަރު ސަރަހައްދުގައި ޕާކް ކޮށްފައި ހުންނަ އުޅަނދުތައް ފުލުހުން ނަގަމުން ގެންދާނެ ކަމަށާއި، އެ އުޅަނދުތައް ފުލުހުން ދާނީ މާލޭގެ އެކިއެކި ސަރަހައްދުތަކުގައި ޕާކް ކުރަމުން ކަމަށެވެ. އަދި މިކަމުގައި އާންމުންނަށް ދިމާވާ ދަތިތަކަށް ފުލުހުން ޒިންމާ ނުވާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން، 2014 ނޮވެމްބަރ 11 ވަނަ ދުވަހުގެ ރޭ 19:30 އިން ފެށިގެން، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބާއްވާ ރަސްމިއްޔާތު ނިމެންދެން ބައެއް މަގުތަކުގައި އުޅަނދުފަހަރު ދުއްވުން މަނާ ކުރުމަށް ވެސް ފުލުހުން ވަނީ ނިންމާފައެވެ.

އުޅަނދު ފަހަރަށް ނުވަދެވޭ ގޮތަށް މަނާކުރަނީ، އަމީނީމަގާ ކަށިމާހިނގުމާ ގުޅޭ ހިސާބާއި، އަމީނީމަގާއި ރަތްވިލާހިނގުމާ ގުޅޭ ހިސާބާއި، އަމީނީމަގާއި ބޮޑުތަކުރުފާނުމަގާ ގުޅޭ ހިސާބާއި، ޖަނަވަރީހިނގުން ބުރުޒުމަގާ ގުޅުނު ހިސާބާއި، އިރުދޭމާހިނގުނު ބުރުޒުމަގާ ގުޅުނު ހިސާބާއި، މޫނިމާހިނގުން ބުރުޒުމަގާ ގުޅުނު ހިސާބާއި، އަދި ކަލާފާނުހިނގުން ބުރުޒުމަގާ ގުޅުނު ހިސާބެވެ.

މަގު ބަންދުކުރެވިފައިވާ ވަގުތުތަކުގައި، އެސަރަހައްދަށް އެކި ބޭނުމުގައި ދާ އާންމުން ފުލުހުންގެ އެންގުންތަކާ އެއްގޮތަށް ކަންތައް ކުރުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.